ހަނދު އޭގެ ރިހި އަލި ދޯދިތައް ފަތުރާ ނަޔާ
ވަނދުކަން ހިތާ ދުރުކޮށްދެމުން ވާހެން ގަޔާ
އަދު އައި ހިނދުން ރޯދައިގެ ބަރަކާތްތެރި ހިޔާ
ހަނދު ފެންމަތިން އިސް އުފުލަމުން ކީ ތަހުނިޔާ
ރަޙުމަތުގެ ތަރިތައް އުޑު މަތީގައި ވިދަވިދާ
ވަޙުދަތުގެ މަތިވެރި އިއްވަމުން ރައްބީ ނިދާ
ތަޤުވާގެ ދޮރުކޮޅު ހުޅުވި އެކުގައި ޔަތުހިދާ
މަޚްފިލް އުޖާލާ ވާނެހެން ކީ ތަހުނިޔާ
ސިލްމާ ސަލާމުގެ މިސްކު ޖައްވަށް ފެތުރިލާ
ޢިލްމީ އެތައް މާތައް ބަހާރުން ފަރިވެލާ
ހިއްސާވަމުން ގުޅިގެން އެކީގައި ތިރިވެލާ
ނިމުމެއް ނުވާ ހެޔޮކަން އަދައި ކީ ތަހުނިޔާ
އީމާން ކަމުގެ ފިނިކަން ވަޔާ އަކު އުފުލަމުން
ހީވާގިކަން ރޫޙީ ގޮތުން ނަފުސަށް ދެމުން
ސީދާ މަގުން ހިނގުމަށްޓަކައި މަގުދައްކަމުން
ރަމަޟާން އައީމާ އުފަލުގައި ކީ ތަހުނިޔާ