Support Us

ލަންކާގެ ރައީސް ގޯތަބަޔާ، ބޮޑުވަޒީރު މަހިންދަ އަދި ފިނޭންސް މިނިސްޓަރު ބަސިލް ރާޖަޕަކްސަގެ ފޮޓޯ މާސްކު އަޅައިގެން މުޒާހަރާކުރަނީ

ހާލަތާ ގުޅިގެން "ސްރީލަންކާގެ ހުރިހާ ރައްޔިތުން"ގެ ނަމުގައި ފޮނުވި ލިއުމެއް

ތިރީގައި މިވަނީ ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، "ސްރީލަންކާގައި ދިރިއުޅޭ ސްރީލަންކާގެ ހުރިހާ ރައްޔިތުން"ގެ ނަމުގައި ލިބިފައިވާ ލިއުމެކެވެ.

"ތިޔަބޭފުޅުންގެ ރަޙްމަތްތެރިންނާއި މުޖްތަމަޢުތަކާއި ޑިޕްލޮމެޓުންނާއި ލީޑަރުންނާއި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ މެދުގައި ވީހާވެސް ބޮޑަކަށް މިވާހަކަތައް ފެތުރުމަށް އެދެމެވެ.

ލަންކާގައި ދިރިއުޅޭ ރައްޔިތުން މިއަދު ތަޙައްމަލު ކުރަމުންދަނީ ވަރަށް ދަތި ހާލަތެކެވެ:

• ދުވާލަކު 13 ގަޑި އިރަށްވުރެ ގިނަ ވަގުތު ކަރަންޓް ކަނޑާލައިފައި

• ތެލުގެ ދަތިކަމާއި

• ގޭހުގެ ދަތިކަމާއި

• ކާބޯތަކެތީގެ ދަތިކަމާއި

• ބޭސްފަރުވާގެ ދަތިކަން (ތާވަލުކޮށްފައިވާ އޮޕަރޭޝަންތައްވެސް ނުކުރުން)

އަޅުގަނޑުމެން މިކަންކަން ތަޙައްމަލު ކުރަމުން މިދަނީ މަދު ދުވަސްތަކަކަށް ނުވަތަ މަދު ހަފްތާތަކަށް ނޫނެވެ. އެތައް މަހެއް ވަންދެން އަޅުގަނޑުމެން މި ދަތި ހާލަތުގައި ވޭތުކޮށްފީމެވެ.

އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، މިކަމަކަށް އެއްވެސް ޙައްލެއް، އެއްވެސް ނިމުމެއް އޮތް ކަމަކަށް ނުފެނެއެވެ. އަޅުގަނޑުމެންގެ އަގުހުރި ވަގުތުތައް ބޭކާރުވެގެން ދަނީ އެތައް އިރެއްވަންދެން ގޭސް ލިބޭތޯ އަދި ތެޔޮ ލިބޭތޭ ކިއުގައި ޖެހިގެން ގިނަ ވަގުތުތަކެއް ފާއިތުކުރަންޖެހިފައިވާތީއެވެ. އަޅުގަނޑުމެންގެ ދަރިން އުއްބައްތި ދިއްލައިގެން ގޭގައި ކިޔަވަން ތިބެއްޖެހިފައި ވާއިރު ސްކޫލަށް ގެންދާ އުޅަނދުތަކަށް އަޅާނެ ތެޔޮ ނުލިބޭތީއެވެ. އެ ކުދީންނަށް ސްކޫލަށް ދެވޭނެ ގޮތެއް ނެތެވެ. އަޅުގަނޑުމެންގެ ދޮށީ އުމުރުގެ މީހުން ދަނީ ބޭހާއި ކަރަންޓް ނެތުމުން ހާލުގައި ޖެހެމުންނެވެ. ކިއުގައި ޖެހިގެން ތިބި އެތައް ބަޔަކުވަނީ ހޫނުގަދަވުމުގެ ސަބަބުން މަރުވެފައެވެ.

މިއަދު މި ޤައުމަށް މިހާ ބޮޑު ނިކަމެތިކަމެއް ދީ މި ޤައުމުގެ ރައްޔިތުން މިފަދަ ހިތްދަތި ކަމެއް ދެމުންދާ ޢާއިލާއަކީ ކަރަންޓާއި ތެލާއި ގޭހާއި ބޭސް ލިބުމުގެ ދަތިކަމުގެ އެއްވެސް އަސަރެއް ނުކުރާ ޢާއިލާއެކެވެ. އެ މީހުން ތަނަވަސްކަމާއެކު އުޅެމުން އެދަނީ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ދަތި ހާލަށް އެއްވެސް އަޅާލުމެއްނެތިއެވެ. އެމީހުންގެ އަމިއްލަ އެދުމުން ފޯވެފައިވާ ނިންމުންތަކާއި ކޮރަޕްޝަނުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ނިކަމެތިކަމަށް އެމީހުންގެ އެއްވެސް ހަމްދަރުދީއެއް ނެތެވެ.

ރައްޔިތުންނަށް ދެން އިތުރަކަށް ކެތެއް ނުވެވޭނެއެވެ. ކޮރަޕްޓް ސިޔާސީ ފަރާތްތަކާއި 'ރޯޔަލް ރާޖަޕަކްސަ’އާ ދެކޮޅަށް ތެދުވުމަށް ސްރީލަންކާ އެއްބައިވަންތަވެއްޖެއެވެ. އަޅުގަނޑުމެން އެންމެން އެއްބައިވެ ޞުލްޙަވެރި މުޒާހަރާއަށް މިނުކުތީ، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ސަރުކާރު އިސްތިޢުފާ ދެއްވުމަށް ގޮވާލައި، މި ޤައުމު ނާއުންމީދުގެ ތެރެއަށް އިތުރަށް ވެއްޓުނަ ނުދީ، މި ޤައުމު ހުއްޓުމަކަށް ނުގެނައުމަށް ގޮވާލަމުންނެވެ.

ނަމަވެސް އަޅުގަނޑުމެން މުޒާހަރާއަށް ނުކުތުމުން ސަރުކާރުން:

1. އަޅުގަނޑުމެންނަކީ "ހައްދުފަހަނަ އަޅާފައިވާ" ބައެއްގެ ގޮތުގައި ސިފަކޮށްފި

2. ކުށެއް ނެތް މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށް، އަނިޔާކޮށް ބަންދުގެ މުއްދަތު ޖަހައިފި

3. މުޒާހަރާގެ ބައިވެރިންނަކީ ހަމަނުޖެހުން ބޮޑު ބައެއްކަން މުޅި ދުނިޔެއަށް ހާމަކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ މުޒާހަރާތެރޭގައި ބާރުގެ ބޭނުންކޮށްގެން ހަމަނުޖެހުން އުފައްދައިފި

4. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ކޯޓް އަމުރާ ނުލާ މީހުންގެ މުދާ ނެގުމާއި، ކޯޓް އަމުރާ ނުލާ ބޭނުން ތަނަކަށް ވަދެ ބަލައި ފާސްކުރުމާއި ގާނޫނުތައް ސަސްޕެންޑްކުރުމާއި، ކޯޓަށް ހާޒިރުކޮށް ސުވާލު ނުކުރެވޭނެ އަމުރުތައް ނެރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިދޭ ގޮތަށް ކުއްލި ހާލަތުގެ ގާނޫނު މިހާރު ވަނީ ފާސްކޮށްފައި.

މުޒާހަރާއަށް މީހުން ނުކުތުން ހުއްޓުވުމަށް ޓަކައި ކާފިއު އިޢްލާން ކުރެވިދާނެއެވެ. މި ޤައުމު މިހާ ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ ވަގުތުގައި ޙައްލަކީ މި ޤައުމު ދޫކޮށް އަޅުގަނޑުމެން ފިލައިގެން ދިއުމެއް ނޫނެވެ. އަޅުގަނޑުމެން ކެރިގެން ބޭރަށް ނިކުމެ ކުރިމަތި މިލީ އަޅުގަނޑުމެންނަކީ މިތަނުގައި ދިރިއުޅޭ، މި ޤައުމު ދެކެ ލޯބިވާ، ޤައުމަށްޓަކައި ފިދާވާން ތައްޔާރަށް ތިބި ބަޔަކަށްވާތީއެވެ. ރައްޔިތުންގެ އިންޤިލާބުގެ ޙަޤީޤީ ޙާލަތަށް ބައްލަވައި، އަޅުގަނޑުމެންނަށް އެހީތެރިވުމަށް، ތިޔަބޭފުޅުންގެ ސަރުކާރުގެ މަންދޫބުން މެދުވެރި ކުރައްވައިގެން ބައިނަލްއަޤްވާމީ މުޖްތަމައުން،

ތިރީގައި މިވާ ކަންކަމަށް ރާޖަޕަކްސައާއި ލަންކާ ސަރުކާރާ ދެކޮޅަށް ޕްރެޝަރު ކުރައްވާށެވެ:

1. ހައްލެއް ގެނައުމަށް

2. މުޒާހަރާ ކުރުމުގެ ޙައްޤު ރައްޔިތުންނަށް ޙިމާޔަތް ކޮށްދިނުމަށް

3. ޑިމޮކްރަސީ ހިމާޔަތް ކުރުމަށް

4. ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް

5. އިސްތިއުފާ ދިނުމަށް

މިވާހަކަތައް ކިޔާލުމަށް ވަގުތު ކޮޅެއް ދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ! އަދި ތެދު ޙަޤީޤަތް ފަތުރައި، ސްރީލަންކާއަށްޓަކައި އަޅުގަނޑުމެން ވަމުން މިދާ ޤުރުބާނީގައި އެހީތެރިވެދެއްވާނެ އުއްމީދުކޮށް ޝުކުރު ދަންނަވަމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *