ދިވެހިންގެ ގަދަރާ ޖާހަތާ، އެވެރިންގެ ޖޯޝާ ހައިބަތާ
މިވެށިން އެކީ ނެތިގެން ދަނީ، ދިވެހިންގެ ޝަރަފާ ޢިއްޒަތާ
އިސްކަން މިތާ ދިން ފަލްސަފާ، ރައްބީ ފޮތުން ދެއްވެވި ލަފާ
އިސްލާމުކަން ނެތިގެން ދަނީ، މާތްވީ މި ދީނުގެ ޙުރުމަތާ
އެކިއެކި ސަޤާފަތްތައް މިތާ، ދެކެ ދެނެވި މޫލައިގެން ހިތާ
އަޅުވެރިކަމޭ ނެތިގެން ދަނީ، މަތިވެރި އިލާޙީ ވަޙުދަތާ
ފަޚުރާ އަބުރުވެރި ކަންއެކީ، ޝަޙްސިއްޔަތާ ވަކިކޮށްލުމުން
އަޚުވަންތަކަން ނެތިގެން ދަނީ، ކެނޑިގެން ގުޅުން އުންމިއްޔަތާ
ޤައުމަށްޓަކައި ދެއްވެވި މަޤާމް،ޝަޢުގާއި ލޯތްބާ ހިތްތަކުން
އައުދާނަ ރޫޚް ނެތިގެން ދަނީ، ޚުއްބުލް ވަތަންގެ ޝަރާފަތާ
ވަޠަނުގެ ނިދާތައް އައްސަވާ، ބަޠަލުންގެ މާޒީ ބައްލަވާ
ގުނަވަންތަކޭ ނެތިގެން ދަނީ، ދެލޮލާއި، އަނގަޔާ، ކަންފަތާ
މިނިވަންކަމުގެ ވައިރޯޅިވާ، ފިނިފިނި ޖަޒީރާ ރައްތަކުން
ހިނިތުންވުމޭ ނެތިގެން ދަނީ، ދީބުގެ ދިވެހި މި ސިޔާދަތާ
ނުގުޑާނެ ޢަޒުމާ ފަންވަރާ، ނުގުނޭނެ މިންނެތް ހިތްވަރާ
ސާބިތުކަމޭ ނެތިގެން ދަނީ، ބީވާ ހިނދުން ޙުއްރިއްޔަތާ