އޭރު ކުރި މިހިތުގެ ޒަޚަމް ފިލިޔަސް އެތާ ލަކުނެއް ހުރޭ
އޭރުވީވަރު ނުތްވަކަސް އެ ލަކުނުމަތީ ރިހުމެއް ހުރޭ
އެންމެ ފުރަތަމަވެސް ތި ޙަމަލާ އެރިވަގުތު މިހިތާ މެޔަށް
ދެން އޮހެންފެށި ކަރުނަ ދެލޮލުން ސާފު ރަތް ލޭ ކުލަހުރޭ
ވަކިވިޔަސް އަދި ކަތިލިޔަސް ހިތުގައި އަޅާ ގަދަ ވޭންތަކާ
ކަނޑިއަކަށްވުރެވެސް ދުލުންކުރި ޒަޚަމުގައި ގަދަ ވޭންހުރޭ
ގަޑިތަކާ ވަގުތާ ދުވަސް ބައްދަލުނުވާ އެތަކެއް ދިޔަސް
ވަކި ކަހަލަ ގިނަގުނަ ސުވާލުން ހިތްއަބަދު ޝަކުވާ ކުރޭ
ނުނިދިއަސް ނިދިފައިއޮތަސް ހަމަ ފެންނަނީ އެޙަގީގަތޭ
"ދުނި" އައިސް މިހިތަށް ހެރުނުތަނުގައި ނަގާ ދިލައެއް ހުރޭ
އެކަނިވާހަމަ ކޮންމެވަގުތަކު، އެކަނި ފިލުވައިދިން ހަނދާން
އެކަނިއޮވެ އައު ކޮށްލުމުން ހިތުގައި އަވަސް ވިންދެއް ހުރޭ
އެންމެ ފުރަތަމަ ޤަތުލުކުރި ހިނދުގައި ލިބުނު ވޭނާ ތަދާ
އެންމެފުރަތަމަ ދުވަހެކޭ ހަމަ އެއްގޮތަށް އިިޙްސާސް ހުރޭ
މަސްތުވިއަކަސް އަދިފުރާނަ ނުގޮސްހުރީމާ ނަފުސުގާ
ގަސްތުގައި އެދުވަހު ޤަތުލުކުރި ހިތުގެ ފާރު ނުހިކި ހުރޭ