އޭ ދުނިޔެއާ! އަހަރެންނަކަށް ނޭނގުނު ތިބާގެ ހަޤީޤަތެއް
އާދަވެ ހިނގާހާ ކަންތން ދެނެނުގަނެވުނު އަސްލިއްޔަތެއް
ނީލަންކިޔާ ބާޒާރުގައި ދުނިޔޭގެ ނަމުގައި ވިއްކަނީ
ހީލަތުގެ ތޮށިގަނޑުގައި ލެވުނު ޒީނަތްތެރިވި މާއްދިއްޔަތެއް
ފުން އިބުރަތުން ދެއްކީ ލޮލަަށް މީ ދުނިޔެއޭ ބުނެ ހާމައަަށް
އިންސާފުވެރިވީ ހަމަތަކަށް ސާބަސް ނުދޭ ޝަޚުޞިއްޔަތެއް
ގުންފައިޖަހާ ބާރަށް ހިނގާ ވަގުތާ ޒަމާނާ އެބަބުނޭ
ކޮށްފައިނެތޭ އަދި ތިޔަ އަތުން އެކަށޭނަ ހެޔޮ ތަރުބިއްޔަތެއް
ބަދުނާމުތައް ގިނަޔޭ ހިތާ ބުއްދީގެ ނަޒަރުން ހޯދިއިރު
ނުދެކެން ތިބާގެ ތަބީޢަތުން ރުހެވޭނެ އަޚުލާޤިއްޔަތެއް
ތަދު އެއްޗަކަށް ވީމާހެ ތިޔަ ޒާތާ މިިޒާޖުން، އިއްޔެއާ
އަދި މިއަދުވެސް ފެންނަންނެތީ ރަޙުމާއި އިންސާނިއްޔަތެއް