އަލަށް އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މީގެ ކުރިން އޮތް ކޮމިޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިނާމު ކޮމިޓީއަށް އަލަށް ހަމަޖެއްސެވި ބޭފުޅުން ހަމަޖެއްސެވުމުގައި، އެކި ރޮނގުތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް އިސްކަންދެއްވި ކަމުގައި ވިދާޅުވިއެވެ. އަދި ކޮމިޓީގެ މަސައްކަތް ކުރިއެކޭވެސް އެއްގޮތަށް ވީހާވެސް ހަމަހަމަކަމާއެކު ކުރިއަށް ގެންގޮސް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު، އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ މުޖުތަމަޢަށް ނަމޫނާ ބޭފުޅުންނަށް ވާންޖެހޭނެތީ، މިކަމަށް އިސްކަން ދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ކޮމިޓީގެ ޗެއަރޕަރސަން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު ދެއްކެވި ވާހަކަފުޅުގައި، ކޮމިޓީގެ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

މާރިޗު 10 ގައި އެކުލަވައިލެއްވި ޤައުމީ އިނާމާބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ އަނީސާގެ އިތުރުން ނިޝާން މުލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާޢީލް ޢަލީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރާއި މ. މާހިޔާ ރަޙީމާ އާދަމާއި ހ. އިރުވައި އާމިނަތު ނާޒެވެ. އެ ކޮމިޓީ އަށް މި އަހަރު އަލަށް ޢައްޔަނު ކުރެއްވި ބޭފުޅުންނަކީ މއ. މާފުނަ މުޙައްމަދު އިސްމާޢީލްފުޅާއި މއ. ކަޝްމީރުވާދީ އިބްރާހީމް ޙުސައިން މަނިކާއި މ. ދިޖުލަތު ކޯރު ޙަފީޡާ އިބްރާހީމާއި މ. އަލިހަނދުވަރުގޭ އަޙްމަދު ޝުޖާޢެވެ.



advertisment
One Response
މުޙައްމަދު އިސްމާޢީލްފުޅުގެ ގޭގެ ނަމަކީ މާފަންނު (މ.) މާފުނަ އެއް ނޫން. މައްޗަންގޮޅި (މއ.) މާފުނަ.