Support Us

ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު، ދެ އަހަރަށްފަހު އުވާލައްވައިފި

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި އިޢުލާންކުރަމުން އައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު، ޞިއްޙީ މާހިރުންގެ ލަފާގެ މަތިން، މިއަދުން ފެށިގެން ނިމުމަކަށް ގެންނަވައިފިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް މިރޭ ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ވީޑިޔޯ މެސެޖުގައެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމުމަކަށް ގެންނެވިކަން އިޢުލާނުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދެން ޢަމަލުކުރަމުން ދާނެ ގޮތުގެ މަޢުލޫމާތު ހެލްތު މިނިސްޓްރީން ޢާންމު ކުރައްވާނެކަމުގައެވެ. ހަމައެއާއެކު ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކޮށް، ކޮވިޑްގެ ޙާލަތަށް އަންނަ ބަދަލުތައް ބަލަމުން ދާނެކަމަށާއި، ކުރިމަގުގައި ކޮވިޑް-19 އަށް އިޖާބަ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ނޭޝަނަލް ސްޓްރެޖީއާއި އެކްޝަން ޕްލޭނެއް، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޮވިޑާއެކު ރާއްޖެ ހޭދަކުރި ދެ އަހަރުގެ ތެރޭގައި ކުރިމަތިވި ދަތިތަކާއި ތަޙައްމަލުކުރަން ޖެހުނު ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ ވަރަށް ކުރީކޮޅު، ބަލިން ރައްކާތެރިވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ ނަތީޖާއެއްގެ ގޮތުން، ކޮވިޑް ކޮންޓްރޯލް ކުރެވޭ ޤައުމުތަކުގެ އެންމެ އިސް ސަފުގައި ރާއްޖެ ހިމެނިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ކޮވިޑްގެ ސަބަބުން މުޅި ދުނިޔޭގެ ނިސްބަތުން ވެސް، އިޤްތިޞާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވުނީ ރާއްޖެއަށްކަން ފާހަގަކުރައްވައި މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެޙާލަތުގައި ވެސް ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދިނުމުގެ ގޮތުން ތަފާތު ގޮތްގޮތުން ރައްޔިތުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެއްވި މަސައްކަތްތަކާއި ކޮވިޑްގެ ޙާލަތުން އަރައިގަތުމަށް ހުރިހާ ފަރާތްތައް ގުޅިގެން ކުރި މަސައްކަތްތަކާއި ޚާއްޞަކޮށް އެކުވެރި ޤައުމުތަކާއި ޖަމާއަތްތަކުން ދިން އެއްބާރުލުމާއި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް