Support Us

އިސްލާމީ އުންމަތުގެ އަދުގެ ހާލަތު

ލޮބުވެތި އަޚުންނާއި އުޚުތުންނެވެ.

މީގެ އެތައްއެތައް ގަރުނެއް ކުރިއެވެ. حجاز ކަރައިގެ مكة އިން نبي ކަމާއި رسول ކަމައިގެން ކީރިތި ރަސޫލާ ﷺ ފޮނުއްވެވިއެވެ. ޖާހިލުކަމުގެ އަނދިރީގައި އިސްނާނީ ނަސްލު ގެއްލި ހުސްވެފައި ވަނިކޮށެވެ. އަދުލު އިންސާފު ނެތިފަނާވެ ގޮސްފައިވަނިކޮށެވެ. އަންހެނުންގެ ހައްޤުތައް ނެތިގޮސް، ޖެހުނު އެއްޗަކަށް އިންސީން އަޅުކަން ކުރަމުންދިޔަ ޒަމާނެއްގައެވެ. ޖަހާލަތުގެ އަނދިރިކަމުން ސަލާމަތްކޮށް މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ހިދާޔަތެއްގެ ގޮތުގައެވެ. އިތުރު އެކަލޭގެފާނަކީ نبي ކަމާއި رسول ކަމައިގެން ފޮނުއްވުމުގެ ކުރިންވެސް މީހުން ގަދަރުކުރާ، އިހުތިރާމް،ކުރާ އިތުރުފުޅު ނުހައްދަވާ، އަމާނާތަށް އިހުތިރާމްކުރައްވާ ބޭކަލެއް ކަމަށް މީސްތަކުންގެ މެދުގައި މަޝްހޫރު ބޭކަލެކެވެ.

އިތުރު މާތް ނަބިއްޔާގެ މިދަޢުވާ مشركންނަށް ބަލައިގަންނަން ދަތިވެ އިތުރު މާތް ނަބިއްޔާ ﷺ އާ ހަސަދަވެރިވެ ނަފުރަތު ކުރަންފެށިއެވެ. ފާޅުގައި ދެކޮޅަށް ނިކުމެ އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކުރުވަން ފެށިއެވެ. އެކި ހުށައެޅުންތައް ހުށައަޅަންފެށިއެވެ. އިތުރު މާތް ނަބިއްޔާ ﷺ އާއި އެ މާތް ނަބިއްޔާއަށް ތަބަޢުވެގެން ތިބި ބައިމަދު މީސްކޮޅަށް އެކި ގޮތްގޮތުން ދުއްތުރާކޮށް، ބިރުދައްކައި އަނިޔާވެރިވެގެންވެސް ކާމިޔާބުވާގޮތެއް ނުވިއެވެ. އެކަލޭގެފާނަށް ތަބަޢުވާ މީހުން ދުވަހުން ދުވަހަށް އައީ ގިނަވަމުންނެވެ. މި ހިސާބުން އިތުރު އެކަލޭގެފާނުގެ ހަށިކޮޅަށް ގެއްލުންދީ އަވަހާރަކޮށްލަން ރޭވިއެވެ. ނަމަވެސް ﷲގެ ރޭއްވެވުން مشركންގެ ރޭވުމަށްވުރެ މާފުރިހަމައެވެ. ރޭގަނޑުގެ އަނދިރީގެ ތެރޭގައި ކީރިތި ރަސޫލާ ﷺ އާއި އިތުރު އެކަލޭގެފާނުންގެ މިތުރު أبو بكر الصديقއާ ދެބޭފުޅުން ނިކުންނަވާ مدينة އަށް هِجْرَة‎ ކުރެއްވިއެވެ. މި ހިސާބުން مشركންގެ ﺣَﺴَﺪ ވެރިކަން ކޮޅުންލާ ހަނގުރާމަ އިޢުލާންކޮށް ބައިމަދު مسلمންނާ ދެކޮޅަށް ކުޅަ ގިނަގުނަ ހަނގުރާމަތަކުން ނާކާމިޔާބީއާ ކުރިމަތިވެ مسلمންގެ ބާރު ދުނިޔޭގައި ގަދަވެ އެކަލޭގެފާނުގެ ރިސާލަތު ފެތުރެން ފެށުމުން ހަނގުރާމަކޮށް مسلمން ބަލިނުކުރެވޭނޭކަން مشركންނަށް ވިސްނުނެވެ. ވާނީވެސް އެހެންތާއެވެ. އެޒަމާނުގައި ދުނިޔޭގައި ފައިސާ އާއި ހަތިޔާރާއި ލަޝްކަރުގެ ގޮތުން އެންމެ ބޮޑު ބިޔަ އެއްލަޝްކަރު ކަމުގައިވާ کسرہ انوشہرواں ގެ ލަޝްކަރުވެސް ބައިމަދު مسلمންގެ ލަޝްކަރާ ހަނގުރާމަކޮށް ބަލިވީއެވެ.

މި ހިސާބުން مشركންގެ ވިސްނުން ބަދަލުކޮށް ފިކުރީ ހަނގުރާމަ އަކަށް ބަދަލުކޮށްލިއެވެ. މި ވިސްނުމުގެ ދަށުން مسلمންނާ ގުޅުން ބަދަހިކުރަންފެށިއެވެ. ބޭރުފުށުން ހެޔޮއެދޭކަން ދައްކައިގެންނެވެ. ނަމަވެސް އެބައިމީހުން ދިޔައީ ހީލަތްތެރި ނުބައި ރޭވުންތައް ރާވަމުންނެވެ. مسلمންގެ އަޤީދާ ބަލިކަށިކޮށް ބައިބައިކޮށް މާއްދިޔަތަށް ހައްލާލާނޭ ގޮތްތައް ރާވައި ހިންގަމުންނެވެ.

މި ވިސްނުމުގައި مشركންގެ ކުޅިބައި ފިސާރި ރަނގަޅަށް ރާވައި އަތުރައިލިއެވެ. އިންސާނީ ހައްޤުތައް ވިސްނައިދޭން ފެށިއެވެ. ކޮންމެ މީހަކަށް ލިބިގެންވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ވިސްނައިދޭންފެށިއެވެ. ވެރިން ޒިންމާ ކުރުވުމާއި ވެރިކަމުގައި ރައްޔިތުންގެ ރޯލު ވިސްނައިދޭންފެށިއެވެ. މިގޮތުން ވެރިންނަށް ކިޔަމަންވުމާއި އަދަބު އިހުތިރާމް ކުރުން ނައްތާލިއެވެ. ވެރިން ހޮވުމުގައި ރައްޔިތުންގެ ދައުރު ވިސްނައިދީ ބައިބައިވުމާއި ޚިޔާލުތަފާތުވުން ފަތުރާލިއެވެ. ވެރިކަން ފެށެނީ ރައްޔިތުންނާ ހަމައިންކަން ބުނެދިނެވެ. ވެރިކަން ކުރުމުގައި އެންމެ ފުރިހަމައީ ޑިމޮކްރަޓިކު ނިޒާމުކަން ވިސްނައިދީ ޕާޓީ ސިސްޓަމް އުފައްދައި ބައިބައިވުމާއި ދެކޮޅުވެރިކަން އަށަގަންނުވާލިއެވެ. ދައުލަތް ހިންގުމަށް ޓެކުހުގެ ނިޒާމުގެ މުހިންމުކަން ވިސްނައިދީ ނުސީދާކޮށް މުދަލުޒަކާތުގެ މަތިން ހަނދުމަ ނައްތުވާލިއެވެ. އެބައިމީހުންގެ ރޭވުން ކިތަންމެހާވެސް ފުރިހަމައެވެ. އެކަތިގަނޑަކަށް އޮތް اسلامی أمة ބައިބައިކޮށް ވިއްސިވިހާލި ކޮށްލިއެވެ. މިފުރުސަތުގެ ބޭނުން ހިފައި އެކި ރަށްރަށަށް ވަކިވަކިން އަރައި مسلمންގެ ބާރު ކަނޑުވާލިއެވެ. مشركންގެ ފައިދަށަށް مسلمން ގެނައެވެ. މީގެ އެތައްއެތައް ގަރުނެއް ކުރިން ބައިމަދުކޮށް އޮތް مسلمންގެ މައްޗަށް އެތައް ގޮތަކުން އާރާއި ބާރާއި، ވަސީލަތްތަކާއި، ފައިސާ ގިނަ مشركންނަށް ހަނގުރާމަކޮށް ބައިބައިކޮށް ބަލި ނުކުރެވުމުން އެމީހުންގެ މަޅީގައި ފިސާރި ރީއްޗަށް ޖައްސާ ފިކުރީ ހަނގުރާމައިން ބައިބައިކޮށް ވިއްސިވިހާލިކޮށް ނިކަމެތި ކޮށްލައިފިއެވެ.

މިއަދު مسلمން ވަނީ އިސްލާމް ދީން ފާޅު ކުރެއްވީއްސުރެ ދުވަހަކުވެސް ނުވެއްޓޭވަރު ނިކަމެތި ހާލެއްގައެވެ. ނަމެއްގައި مسلمންގެ ވެރިކަން ހިނގާ ބޮޑެތި ޤައުމު ތަކެއް ހުއްޓަސް އެއްވެސް އުރަތްޕެއްނެތެވެ. ދުނިޔޭގައި އެމީހުން ދެކެ ޖެހިލުންވާނޭ ނުވަތަ އެމީހުންގެ އަޑުއަހާނޭ ބަޔަކު ނެތެވެ. އިރެއްގައި ބާރުގަދަކޮށް އެކަތިގަނޑަކަށް އޮތް اسلامی أمة މިއަދު މިވަނީ އެއްވެސް އަގެއްނެތް ބަޔަކަށެވެ. مشركން ޖަހާހާ ބެރަކަށް ނަށާ ބަޔަކަށްވެފައެވެ. ކީރިތި قرآن އާއި ކީރިތި ރަސޫލާ ﷺ ގެ سنة ދޫކޮށް إسلام دينގެ އުސޫލުތަކާއި ހަމަތަކާއި ﷲ سُبْحَانَهُ وَتَعَالَى‎ގެ حُكْمފުޅުތަކާ ހިލާފަށް مشركން ހަދާ ގަވާއިދުތަކާއި، މުއާހަދާތަކަށް ތަބައުވާން މަޖުބޫރުވާ ފަދަ ނިކަމެތި ހާލެއްގައެވެ. އަދިވެސް ދުވަހުން ދުވަހަކަށް مشركންގެ މިރޭވުންދަނީ ކުރިޔަށެވެ. مسلمން އެއް ގައުމު އަނެއް ގައުމާ ހަނގުރާމަ ކުރަނީއެވެ. مسلم ޤައުމުތަކުގެ ވެރިންނާއި ރައްޔިތުން އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅަނީއެވެ. ވެރިން ވެރިކަން ހޯދާށެވެ. ރައްޔިތުން އެބައި މީހުންގެ ހައްޤުތަކާއި މިނިވަންކަން ހޯދާށެވެ.

ވިސްނާލާށެވެ. މި ހައްޤުތައް ހޯދުމުގައި ރައްޔިތުން މަދަދަށް އެދެނީ އިސްވެ ބުނި مشركންގެ ކިބައިންނެވެ. ވެރިންވެސް މަދަދަށް އެދެނީ ހަމަ އެބައިމީހުންގެ ކިބައިންނެވެ. އެބައިމީހުން މަދަދުދާރު ވަނީ އެބައި މީހުންގެ ނިންމުންތަކަށް ކިޔަމަންވެ ބޯލަނބާ ބަޔަކަށެވެ. ތާރީޚް މިކަމަށް ހެކިވެއެވެ. ލީބިޔާ، އިރާޤު، ސޫރިޔާ ފަދަ ޤައުމު ތަކުގައި ރައްޔިތުންގެ ބަޔަކު މަގުތައްމައްޗަށް ނިކުމެ އަޑު އުފުލުމުން އެއީ އިންސާނީ ހައްޤުތައް ހޯދަން މަސައްކަތް ކުރާ ސުލްހަވެރި ބަޔެއް ކަމަށާއި ހުދުމުޚުތާރު ވެރިޔަކާ ދެކޮޅަށް ނުކުންނަ ބަޔެއް ކަމަށް ބާދުގަދަ مشركންގެ ޤައުމުތަކުން ކަނޑައެޅިއެވެ. އެ ހައްޤުތައް ހޯދުމަށް ވެރިންނާ ދެކޮޅަށް ނިކުތުމަށް އިތުރަށް ހިތްވަރުދީ ފައިސާއާއި ހަތިޔާރުދީ އެޤައުމުތަކުގެ ވެރިންނަށް ބާރާއި ނުފޫޒު ފޯރުވައި ދަތިކޮށް އެންމެ ފަހުން ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތަކުގެ ނަމުގައި އެބައިމީހުންގެ ލަޝްކަރުތައް އަރުވާ ވެރިން ޤަތުލުކޮށް މުޅި ޤައުމު ނުރައްކައުތެރި ނިރުބަވެރިންގެ ހާއްޔަކަށް ބަދަލުކޮށްލާ ހިންދެމިނުލެވޭވަރު ކޮށްލިއެވެ. ނަމަވެސް مسلمން އެބައިމީހުންގެ ޤައުމުގައި ރައްޔިތުންގެ ބަޔަކު ނިކުމެ އިހުތިޖާޖު ކޮށްފިނަމަ ވަޤުތުން އެމީހުންނާ ދޭތެރޭ ފިޔަވަޅުއަޅާ ބާރުގެ ބޭނުންކޮށް އެއްވުންތައް ރޫޅާލާ އެބައިމީހުންނީ ޓެރަރިސްޓުން ނުވަތަ ސުލްހަވެރި ބައެއް ނޫން ކަމަށް ލޭބަލްކޮށް ހާމަކުރެއެވެ.

މިވަރުންވެސް مسلم ޤައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް ހަޤީޤަތް ވިސްނި ލޮލަށް ހަމަ ނުފެންނަނީބާއެވެ؟ ﷲތަޢާލާ ދެއްވާފައިވާ ސިކުނޑީގައި ވިސްނުމުގެ އެއްވެސް ޤާބިލުކަމެއް ހަމަނެތީބާއެވެ؟ ނޫނީ ޖާހިލުކަމާއި އަމިއްލަ އެދުން ހަމަ ބޮޑީބާވައެވެ؟ مسلمންގެ އެތައް ޤައުމަކަށް އަރާ ކުށެއްނެތް مسلمންގެ އެތައް މިލިއަން ބަޔެއްގެ ފުރާނަ ދުއްވާލާ، ދިރީތިބީންގެ ގެދޮރު ނެތިކޮށްލާ މުޅި ރަށްތައް އެކީ ސުންނާފަތިކޮށްލި އިރުވެސް ހަމަ ޗުއްޕުވެސް ބުނެލަން ކެރުނު مسلم ޤައުމެއް ވެރިޔެއް ނެތެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

ނަމަވެސް މިއަދު مسلمންގެ ކުށެއްނެތް އެތައް ފުރާނައެއް އެއްވެސް ކުށަކާނުކާ ދުއްވާލާمسلم ޤައުމުތައް ތަޅާ ސުންނާފަތި ކޮށްލި مشركންގެ ބައިގަނޑު ހިތްހަމަނުޖެހޭ އެބައިމީހުން ތާއީދު ކުރާ ޤައުމަކަށް ބަޔަކު އަރާ ހަމަލާ ދިނުމުން ހީވަނީ މިއީ މި ދުނިޔޭގައި މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރުހެންނެވެ. مسلم ޤައުމު ތަކުގެ ވެރިންނަށްވެސް މިތަން ފެނިއްޖެއެވެ. ފާޅުގައި މިއަމަލު ކުށްވެރިކުރަންފެށިއެވެ. މީގެ ކުރިން ކަނުވެފައިވާ އެބައި މީހުންގެ ލޯތަކަށް ފެނި، ބީރުވެފައިވާ ކަންފަތްތަކަށް އިވި، ވާގި ނެތިފައިވާ ދޫތަކުން ވާހަކަ ދެކެވި، ގައުވެފައިވާ ހިތްތަކަށް އިހްސާސްވާން ފަށައިފިއެވެ. މި ހިސާބުން ބުއްދީގެ ހަމައިން ވިސްނާލާ މީހަކަށްވެސް އަދުގެ اسلامی أمة ގެ ހާލު ވިސްނި ލޮލުން ކަރުނަ އަޅާނެއެވެ. ކީރިތި ރަސޫލާ ﷺ حجة الوداعގެ خطبةގައި ދެއްވި ނަސޭހަތާއި ކުރެއްވި ވަސިއްޔަތް ހަނދާން ހުރި މީހަކު މިأمةގައި ނެތް ކަހަލައެވެ. مشركންގެ ދެފުށްދެގޮތްކަން މިހާ ހާމަކަން ބޮޑުކޮށް ފެންނައިރުވެސް އެއްޗެއް ބުނެލަން ކެރޭވަރު مسلم ވެރިޔަކު މިއަދު ނެތެވެ. ދުނިޔެދުށް އެފަދަ مسلم ވެރިންވަނީ ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތައް ދިފާއުކުރުމުގެ ނަމުގައި شهيد ކޮށްނިންމާފައެވެ. ވާނީވެސް އެހެންތާއެވެ. مسلم ޤައުމުތަކަށް އަރާ އިސްތިއުމާރު ނުކުރިއެއްކަމަކު އެބައިމީހުން ހަދާފައިވާ މުއާހަދާތަކުގައި ސޮއިކުރުވާ، އެބައިމީހުން އުފައްދާފައިވާ ޖަމިއްޔާތައް މެދުވެރިކޮށް ހިލޭ އެހީގެ ނަމުގަޔާއި ދަރަނީގެ ގޮތުގައި ފައިސާ ދީ مسلم ޤައުމުތައް ވަނީ އަޅުވެތިކޮށްފައެވެ. ވެރިންނަށް ވެރިކަން ދެމެހެއްޓެނީ އެބައިމީހުން ރުއްސައިގެންނެވެ. އިސްލާމީ ރިވެތި އުސޫލު އެއީ ދަންނަ އެއްޗަކަށް ނުވެއެވެ. އެއަށްވުރެ މުއާހަދާތައް މުހިންމުވެއްޖެއެވެ.

މީޑިއާގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައިދިނުމުގެ ނަމުގައި ޑިމޮކްރަސީގެ ޗެމްޕިއަނުން ކަމަށް ދައުވާ ކުރާ ހުޅަނގުގެ ޤައުމުތައް مسلم އެތައް ގައުމަކަށް އަރާ مسلم އެތައް އަޚުންނާއި އުޚުތުންނެއް ޝަހީދުކޮށް ގެދޮރު ސުންނާފަތި ކޮށްލިއެވެ. މިއަދު ހަމަ އެޤައުމުތަކުން މިދަނީ އެމީހުން ނުރުހޭ ނުވަތަ އެމީހުން ޖަހާހާ ބެރަކަށް ނުނަށާ ޤައުމުތަކުގެ މީޑިއާތައް ހުއްޓުވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނަގައިލަމުންނެވެ. ފާޅުކަން ބޮޑުކޮށެވެ. މައްސަލައެއް ނެތްތާއެވެ. އެތަން ފެނި އެއްޗެއް ބުނަންކެރޭވަރު ޤައުމެއް، ވެރިޔެއް ނެތެވެ. ދަތިކުރުމުގެ ފިޔަވަޅުގެ ނަމުގައި ޤައުމުތަކާއި މީސްމީހުންގެ މުދާ ފޭރެމުންނެވެ. ކޮންމެ ނަމެއް ކިޔަސް މީހެއްގެ ހުއްދަނެތި އޭނާގެ މުދާ ހިފަހައްޓާ އޭގެ މައްޗަށް ވެރިވެގަތުމަކީ ހަމަ ފޭރުމެވެ. މިހުރިހާ ކަމެއް ހިނގާއިރު مسلم ޤައުމުތަކުގެ ވެެރިން ކޮބާބާއޭ ހިތަށް އަރައެވެ. މިއަދު اسلامی أمة ގެ ހާލަތު ފެނި ހިތްހަލާކުވާހާވެއެވެ. ޔާﷲ،  مسلم ޤައުމުތަކުގެ ވެެރިންނާއި ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވާ اسلام ދީން ދަފާއުކޮށް اسلامی ވަހުދަތު ދެމެހެއްޓުމުގެ ޤާބިލްކަންދެއްވާ،  اسلامی أمة ވެއްޓިފައިވާ މިއަދަވަޅުން ސަލާމަތްކުރައްވާފާނދޭވެ. އާމީން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *