މަށިކޮޅެއް ކިސަޑާ ވެލިން ތަތް މޮޑެލެވުނު ފެށިގެން އައީ
ކަށިތަކާ މަސް ހަންތަކާ ލެވި ހަށި ރިވެތި ދިރިގެން އައީ
ކަށިކޮޅެއް ބައްޕާގެ އަރިކަށިފުޅުގެ މާ ނަލަ ސޫރައިން
ކޮށި މަށާލެވިގެން ހަޔާތުގެ ގުޅުމަކުން މަންމަގެ އައީ
އަރިއަހުން މަންމާފުޅާ ބައްޕާފުޅުގެ އެއްލޭފޮދުން
ދަރިކޮޅެއް ނަސްލުގެ ތަފާތުތަކާ އެކީ އެތަކެއް އައީ
ކަޅު ދޮނެއް ގައި ނެތް ތަފާތެއް މޮޅު ދެރައިގާ މިންކުރާން
އަޅެ ކޮބައި ވަކި ހައްގަކީ އޮތް މިފަދައިން ހިނދުގާ އައީ
ޖަދަލުގާ ތިބެގެން ދެޚަސްމުން އަގަލު ވިއްކާ މަޖަލުގާ
ބަދަލު ނަގުދާ މުދަލަކުން ހޯދާކަށެއް ނޫނޭ އައީ
އޭނައަށް ވުރެ ސޫރައިން މީނާ ރިވެތިވީ ބޭރުފުށް
ބޭނުމެއް ނޫންކަން ޔަގީން ކޮށް ހިތް ރިވެތި ކުރުމަށް އައީ
މީރު މޭވާ ބިނދެ ރަނގަޅު އޮށްޓަރު ކަނޑަން މާދަން ލިބޭ
ރީތި މުޑުވައްތައް ކުރާށޭ ދަނޑުބިމަށް މިއަދުގެ އައީ