ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ވަގުތީގޮތުން ޢުޛުރުވެރިވެވަޑައިގަންނަވާ ފަދަ ޙާލަތެއް މެދުވެރިވެފައިވާތީ ޤާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަބަބު ބަޔާންކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމުން އެކަން އެންގެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ވަގުތީގޮތުން މިއަދު ހެނދުނު 6:00 އިން ފެށިގެން ޙަވާލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވަގުތީގޮތުން ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ޤާނޫނު އަސާސީގެ 126 ވަނަ މާއްދާގައިވާގޮތުގެ މަތިން، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ ކުރިފުޅުމަތީގައި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައި ކުރައްވައި ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް މިއަދު ކުރައްވާތީ، އެ އޮޕަރޭޝަނަށްފަހު އަލުން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ޙަވާލުވެވަޑައިގަންނަވަންދެނެވެ.
Vice President @FaisalNasym has taken the oath of office to assume duties of the President of the Republic of Maldives pic.twitter.com/8E5WQKtqfh
— People’s Majlis (@mvpeoplesmajlis) February 25, 2022



advertisment