Support Us

ގެވެށި ގުޅުން ރަނގަޅު ކަނބަލުންގެ އެހީތެރިކަމަށް މެޑަމް ފަޒުނާ އެދިވަޑައިގެންފި

ގެވެށި ގުޅުން ރަނގަޅު މާޙައުލަކުން ވަޑައިގެން މަސައްކަތްކުރަމުންގެންދަވާ ކަނބަލުން އެ ބޭފުޅުންނާއެކު މަސައްކަތްކުރާ އެހެން ބޭފުޅުންނަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެދިވަޑައިގެންފިއެވެ. އެކަމަނާ ވިދާޅުވީ ސްކޫލްތަކުގައި އިސްދައުރެއް އަދާކުރެއްވި އިރު، ގޭތެރޭގެ މިފަދަ ދަތިތަކާ ކުރިމަތިލާ ފައިވާ މުވައްޒަފުން ހިއްސާ ކުރައްވާފައިވާ ވާހަކަތައް އަޑުއެހުމުން ކުރެވުނު ތަޖުރިބާގެ އަލީގައި މިކަމުގެ މުހިންމުކަން އެނގިވަޑައިގެންފައިވާ ކަމުގައެވެ.

އެކަމަނާ މިކަމަށް އެދިވަޑައިގެންނެވީ "ގެވެށ ގުޅުން" ކެންޕޭނުގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ތައްޔާރުކޮށް ނެރުނު މަޖައްލާ "ސާސްތުރަ" ނެރެދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި "ގެވެށިގުޅުން" ކެންޕެއިންގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ގެވެށި ގުޅުން މުހިންމުވާ އެއް ސަބަބަކީ ހުރިހާ ކަމެއްވެސް ފެށެނީވެސް އަދި ނިމެނީވެސް ގެއާ ހިސާބުން ކަމަށްވުމުން ކަމުގައި ވިދާޅުވިއެވެ. އަދި ހަދާ ޤާނޫނުތަކާއި ޤަވާޢިދުތަކުންވެސް އެދެވޭ މުހިންމު ބަދަލެއް އަންނާނީ، އަޑުއެހުމުގެ މުހިންމުކަމުގެ އަގުވަޒަންކުރާ، ބަދަހި ގެވެށި ގުޅުމެއްގެ ތެރެއިންކަން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، އޯގާތެރިކަމާއި އަޅާލުމަކީ ހަމައެކަނި އަންހެން މީހާގެ ޒިންމާއެއް ނޫންކަމަށާއި ގޭގައި އުޅޭ ކޮންމެ މީހެއްގެވެސް ދައުރެއް އެކަމުގައި އޮންނަންވާނެކަން ގަބޫލުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ގޭގައި އަންހެނުން އަދާކުރާ ދައުރު ފިރެހެނުން ބަލައިގަނެ އެކަމުގައި ބައިވެރިވާންޖެހޭނެ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ "ގެވެށިގުޅުން" ކެމްޕޭނުގެ ސަބަބުން ގިނަ ބަޔަކު ހޭލުންތެރިވެ ގިނަ ބަޔަކަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އަޅުގަޑުމެން މިއެދޭ ހަގީގީ އަދި މާނަހުރި ބަދަލަކަށް ވާޞިލުވެވޭނީ ހަރުދަނާ ގެވެށި ގުޅުމެއްގެ ތެރެއިންކަމަށް ވިދާޅުވިއެވެ.

މިކެމްޕޭނުގެ ދަށުން ނެރުނު "ސާސްތުރަ" މަޖައްލާއަކީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ތެރޭގައި ތައްޔާރުކުރި މަޖައްލާއެކެވެ. މި މަޖައްލާގައި ގެވެށި އަނިޔާއަށް ހޭލުންތެރިކުރުމަށް ލިޔެފައިވާ އާޓިކަލްތަކުގެ އިތުރުން ގެވެށި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާއި، ގެވެށި ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭ މަޢުލޫމާތު އެކުލެވޭ އާޓިކަލް ހިމަނާފައިވެއެވެ. މީގެ އިތުރުން، ގެވެށި އަނިޔާއާ ގުޅުންހުރި މުހިންމު ބައެއް ސުވާލާއި އަދި އޭގެ ޖަވާބު، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރާއްޖެއިން ލިބެން ހުރި ޙިދުމަތްތަކާ ގުޅޭ މަޢުލޫމާތު މި މަޖައްލާގައި ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް