Support Us

ޤައުމަށް ބޭނުންތެރި ދަރިންތަކެއް ބިނާކޮށްދީފައި އޮތުމަކީ އަޙްމަދިއްޔާގެ އެންމެ ބޮޑު އެއް ކާމިޔާބު: ރައީސް

ޤައުމަށް ބޭނުންތެރި ދަރިންތަކެއް ބިނާކޮށްދީފައި އޮތުމަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އެންމެ ބޮޑު އެއް ކާމިޔާބު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަޙްމަދިއްޔާ ސްކޫލުން ކިޔެވި ދަރިވަރުން ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މަތީ މަޤާމުތަކާއި ފަންނީ އަދި ހުނަރުވެރި ތަފާތު ދާއިރާތަކުގައި ތިއްބެވިކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މީގެ 40 އަހަރު ކުރީން މާލޭގައި ތަޢުލީމުގެ ކަންކަން އޮތްގޮތުގެ މައްޗަށާއި އަޙްމަދިއްޔާ ސްކޫލްގެ ނަން ނިސްބަތްވެވަޑައިގަންނަވާ އަލްމަރްޙޫމް ޑީ އަޙްމަދު ދީދީ، އެ ސްކޫލް ފެއްޓެވިގޮތުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އަޙްމަދިއްޔާ ސްކޫލަކީ މިހާރު މާލޭގައި ހުރި ސްކޫލްތަކުގެ ތެރެއިން ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު ކަމަށާއި ފާއިތުވި 40 އަހަރުގެ ތެރޭގައި ތަޢުލީމީ ރޮނގުންނާއި ސްކޫލް ފެންވަރުގައި ވާދަކުރި އިތުރު ޙަރަކާތްތަކުގައި އެ ސްކޫލްގެ ދަރިވަރުން ހޯދާފައި ވަނީ ރަން ވަނަތަކެއްކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެ ސްކޫލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމާހުރެ، ދަރިވަރުން އިތުރު ޙަރަކާތެއް ނުވަތަ ތުއްތު ކުދިން ކުޅެން ނުކުމެލާނެ ބިންކޮޅެއް ސްކޫލްގައި ނެތުންކަން ފާހަގަކުރެއްވިއެވެ. އެކަމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ވެދިނުމަށް މަސައްކަތް ކުރަމުން އަންނަކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއްކަމަކީ މީހުން ބިނާކުރުންކަން ފާހަގަކުރައްވައި އޭގެ ތެރެއިން ވެސް ތަޢުލީމީ ގޮތުން ހަރުދަނާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ދަރިވަރުންނަށް ސަރުކާރުން ފަހިކޮށްދެނީ ވެސް އެ ބޭނުމުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ރާއްޖޭގައި ހިންގާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ފުރިހަމަވާއިރު ފަންނީ ހުނަރުވެރިންނަށް ބޭނުންވާނެ ގިނަ ވަޒީފާތައް އުފެދިގެން ދާނެކަން ފާހަގަކުރައްވަމުން، ފަސް ސަރަޙައްދުގައި ތަރައްޤީކުރާ ޓާޝަރީ ހޮސްޕިޓަލްތަކާއި ރަށްރަށުގައި ހިންގާ އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢުތަކާއި ފެން އުފައްދާ ޕްލާންޓްތައް ފަދަ ތަންތަނުން އެފަދަ ބައެއް ވަޒީފާތައް އުފެދޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް 40 އަހަރުފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އަލްމަރްޙޫމް ޑީ އަޙްމަދު ދީދީ ހަނދާނަށް އެރުވޭ ޚާއްޞަ އެވޯޑް ދެއްވުމާއި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި މި ޖަލްސާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަޙްމަދިއްޔާ ސްކޫލުގެ "ހަނދާނީ ގެލެރީ" ބައްލަވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް