Support Us

14 ރަށެއްގައި 1،575 ހައުސިންގ ޔުނިޓުގެ މަސައްކަތް ދަނީ ކުރިއަށް: ރައީސް

އަތޮޅު ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމުގެ ގޮތުން 14 ރަށެއްގައި 1،575 ހައުސިންގ ޔުނިޓެއްގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފަށްޓަވައިގެން ކުރިޔަށް ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޅ. ނައިފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްސްގެ މަސައްކަތް ނިންމާ ނައިފަރު ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ތެރެއިން އަށް ރަށެއްގައި ގެދޮރުވެރިކަން ފޯރުކޮށްދިނުމަށް 970 ފުލެޓުގެ މަސައްކަތް ޓެންޑަރ ކުރެވިފައިވާ ކަމުގައެވެ.

ނައިފަރުގައި އިމާރާތްކޮށް މިއަދު ކައުންސިލާ ހަވާލުކުރި 100 ހައުންސިން ޔުނިޓަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ހައުސިންގ ޔުނިޓްތަކާއެކު ނައިފަރުގައި އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކުގެ ތެރެއިން ބަޔަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށާއި ނަމަވެސް މިއީ އެތައް ޒަމާނެއް ކުރިން ފެށިގެން ނައިފަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ މުޅިން ޙައްލުވެގެންދާނެ ކަމެއް ނޫން ކަމުގައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނައިފަރުގެ ތަރައްޤީއަށް ރޭވިފައި ހުރި އެހެން ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. މަސްވެރިކަމުގެ ސިނާޢަތަށް ސަރުކާރުން ބޮޑު އިންވެސްޓެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިފްކޯ އިތުރަށް ފުޅާކޮށް ތަރައްޤީކޮށް، ފެލިވަރަށް މަސްގަނެ ސްޓޯރކޮށް ދަޅުގައި ބަންދުކުރެވޭ ކެޕޭސިޓީ އިތުރުކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން އައިސް ނުލިބުން ފަދަ ނައިފަރުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލުތަކެއް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ފެނަކައިގެ އިންޖީނުގެތައް ހިންގާ ހުރިހާ ރަށެއްގައި އައިސް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ނައިފަރުގެ ބަނދަރުގެ ދަތިކަމަށް ޙައްލު ހޯދަން ކުރެވޭ މަސައްކަތުގެ ދަށުން މިވަގުތަށް ޙައްލެއް ބޭނުންވާ އުތުރު ނެރުން ވަނުމަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެމްޓީސީސީއާ މަސައްކަތް ހަވާލުކުރައްވާނެ ކަމަށާއި އެއަށްފަހު ފަހުން ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ކަންކަމަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން ބޮޑެތި މަގުތަކުގައި ތާރުއެޅުން ކުރިޔަށްދާނެ ކަމަށާއި ސަރުކާރުން މިހާރު ކުރިޔަށްގެންދާ ބިންހިއްކުމުގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ނިމުމުން ދެން ބިން ހިއްކުން ފަށާ ރަށްރަށުގެ ތެރޭގައި ނައިފަރު ހިމެނޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދަތުރުފަތުގެ ނިޒާމު މިހާރު ޓެސްޓް ދަތުރުތައް ފަށައިގެން ކުރިޔަށްދާ ހއ،ހދ، ށ އަތޮޅުގެ ދަތުރުފަތުރުގެ ނިޒާމަށްފަހު ދެން ހައިސްޕީޑް ފެރީގެ ޚިދުމަތް ފެށޭ އަތޮޅުތަކުގެ ތެރޭގައި ޅ. އަތޮޅު ހިމެނޭނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އަތޮޅު ހޮސްޕިޓަލުގައި ޑޮކްޓަރުން ނެތް ދާއިރާތަކުން ވަރަށް އަވަހަށް ޑޮކްޓަރުން ހޯދައި އިތުރު ޚިދުމަތްތައް ހޮސްޕިޓަލުގައި ތަޢާރަފު ކުރެވިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ރަށެއް ތަފާތު ނުކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމުގައެވެ.

މިއަދު ނައިފަރު ކައުންސިލާ ހަވާލުކުރި 100 ހައުސިންގ ޔުނިޓަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކެކެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ 100 ހައުސިންގ ޔުނިޓުގެ ތެރޭގައި ހިމެނެނީ 1000 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި ނައިފަރުގެ އިތުރުން މަޑިވަރާއި ހިންނަވަރާއި ފެލިވަރަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އަދި މި ދަތުރުފުޅުގައި އެމަނިކުފާނު އޮޅުވެލިފުށްޓާއި ކުރެންދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް