Support Us

މިއަށްވުރެ މާރަނގަޅު މިހެންވީނަމަ

މިއަށްވުރެ މާރަނގަޅު ވީހޭ މިގައުމަށް އަދު އުފަން ނުވި ނަމަ
އެއަށްވުރެވެސް ރަނގަޅުވީހޭ ދެލޯ އެކުގައި އަނދިރި ވީނަމަ

ލޮލަށް ފެނުމާ އެކީގައި އަޑު އިވޭ "މުޑުދާރު" އަޑުތައްވެސް
ލޮލަށްވެސް ނުފެނުމާ އެކުގައި ދެކަންފަތް ބީރުވެސް ވީނަމަ

ދުލުން ނުބުނަން ކަމަށް ހުއްޓަސް ބަހެއް ހަމަ ބުނެވި ދާނޭތީ
ދުލާ އަނގަޔާ އެކީ ތަޅުއެޅި އެކީގައި ބަންދު ވެސް ވީނަމަ

ފުރައިގެން ގޮސް އެތައްދުރު ގައުމު ތަކުގައި އުޅުނު އިރުގައިވެސް
ފުރައިގެން ނައިސް އެތާ ހުއްޓާ އެތަނަކަށް މަރުވެގެން ދިޔަ ނަމަ

މިގައުމުގެ އެކި ދިމާލަށް ގޮސް ހިނގާލީމާ ކުރާ އަސަރުން
މިއަދު ނުހިނގޭ ގޮތަށް ރަނގަޅީ ދެފައިކޮޅު ވާވެފައި ވީ ނަމަ

މި މުސްލިމް ގައުމު އަދު ދުނިޔެއިން ފަޟީޙަތްވާ އަސަރު ކުރުމަށް
މިއަދު ރަނގަޅީ މި ހަށިގަނޑުގައި މިވާ ފަސް ޙިއްސުވެސް ނެތް ނަމަ

މިގައުމުގެ ރައްޔިތުންގެ ލަދާއި ތަދު ނުފިލައި މިތިބަ ޙާލުން،
މިގައުމުގެ ރައްޔިތެއްގެ ނަމުން މި އައި.ޑީ ކާޑު ނުހެދުނު ނަމަ

އަތުން ފައިން ގޯސް ހެދޭތީ ވެސް ބައެއް ފަހަރަށް ކުރާ އަސަރުން
އަތަށް ރަނގަޅީ ކަމެއް ނުވެވޭ ނުކުޅެދޭ މީހަކަށްވީ ނަމަ

ދުރަށް ވިސްނައި ލުމުން މުސްތަގްބަލާ މެދު ހާސްވެ ގޮތް ހުސްވޭ
ބޮލެއް ހުއްޓަސް މަށަށް ރަނގަޅީ އަޑީގައި ސިކުނޑިއެއް ނެތް ނަމަ

ހިތަށް މިއަރާ އެތައް ކަމަކުން ހިތާއި ފިތަށް ކުރާ އަސަރުން،
މިޙާލަތުގައި މަށަށް ރަނގަޅީ މި ތޮށިގަނޑުގައި ހިތެއް ނެތް ނަމަ

މި ހަށިގަނޑުގައި ހިނގައި ދީނާއި ގައުމިއްޔަތުގެ ރޫޙާ، ލޭ،
މިއަދު ރަނގަޅީ މިހުރިހާ ނާރުތައް އެކުގައި" ބޮލޮކް" ވީ ނަމަ

މިތާނގައި މިހިރަ ހިނގަމުންދާ ނުބައި ކަންތައް ނުވެސް ފެނުނީސް
ވިހާފައި ޅަފަތުގައި އޮތްއިރު އެތަނުގައި މަރުވެގެން ދިޔަ ނަމަ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *