އަނިޔާވެރި ގޮތަކަށް 120 ދޫނި ފިޝަރީޒް މިނިސްޓްރީން އިއްޔެ މަރާލި މައްސަލަ ކުށްވެރިކޮށް ސުލްހަވެރި މުޒާހަރާއަކަށް ނުކުންނަން ނިންމައިފިއެވެ.
"ދޫނީގެ ކުށަކީ ކޮބާ؟ ދޫނި މެރުމާ މަވެސް ދެކޮޅު"ގެ ނަމުގައި ބާއްވާ މި މުޒާހަރާ އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އާޓިފިޝަލް ބީޗު، މަޖީދީމަގު ކަންމަތީގައެވެ.
މި މުޒާހަރާ އިންތިޒާމްކުރާ ޒުވާނުންގެ ފަރާތުން ބުނި ގޮތުގައި ދިރޭ ތަކެތި މެރުމާ ދެކޮޅަށް އަޑު އުފުލައި، ސަރުކާރާއި އާންމުންގެ ސަމާލުކަމަށް މި މައްސަލަ ގެނައުމަށް ބާއްވާ މި މުޒާހަރާއަކީ "ސުލްހަވެރި އިހުތިޖާޖެ"ކެވެ. މި ހަރަކާތުގައި ވީހާ ގިނަ ބަޔަކު ބައިވެރިވެ، އަޑު އުފުލަން އެ ފަރާތުން ދައުވަތުދެއެވެ.

އިންޖެކްޝަން ޖަހައިފައި ގަނޑުފެނުތެރެއަށް ލައިގެން އިއްޔެ މަރާލައިފައި ވަނީ ޕެޓް މާސްޓަރ ފިހާރައިން، ދެކުނު އެމެރިކާގެ ސުރިނާމުން މިދިޔަ އަހަރުގެ އޮކްޓޫބަރު 29 ގައި ރާއްޖެ އެތެރެކޮށްފައިވާ 120 ދޫންޏެވެ. އޭގެ ބައެއް ދޫނި އެއީ ގުރާ އާއިލާގެ ދޫނިތަކެކެވެ. އެ ދޫނިތައް ކަސްޓަމްސް އިން ހިފަހައްޓައި، ފިޝަރީޒް މިނިސްޓްރީގެ ކަރަންޓީނު މަރުކަޒެއްގައި ތިން މަސް ދުވަހު ބޭތިއްބުމަށްފަހު ކުއްލި ގޮތަކަށް އިއްޔެ މަރާލީ، އެ ދޫނިތައް އެތެރެކުރިއިރު، ރާއްޖެއަށް އެތެރެކުރެވޭ ދޫނިތަކުގެ ގޮތުގައި، ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާ ދޫނިތަކުގެ ލިސްޓުގައި އެ ދޫނިތަކުގެ ނަން ނެތް ކަމަށް ބުނެއެވެ.
ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާ ދޫނިތަކުގެ ލިސްޓުގައި އެ ދޫނިތަކުގެ ނަން ކުރިން ނެތް ނަމަވެސް، ފަހުން، 13 ޑިސެމްބަރު 2021ގައި އާންމުކުރި ލިސްޓުގައި އެ ދޫނިތަކުގެ ނަންތައް ވެސް ވަނީ ހިމަނައިފައެވެ. އަދި އެ ދޫނިތައް އެތެރެކުރުމުގެ ހުއްދަ އަށް ޕެޓް މާސްޓަރުން އެދުމުން، ފިޝަރީޒުން މިދިޔަ އަހަރުގެ ޑިސެމްބަރު 21ގައި ވަނީ އެ ހުއްދަވެސް ދީފައެވެ.
ނަމަވެސް ފިޝަރީޒް މިނިސްޓްރީން ބުނަމުންދިޔައީ އެ ދޫނިތައް އެތެރެކުރިއިރު، އެ ދޫނިތަކުގެ ނަން ލިސްޓުގައި ނެތުމުން، ރާއްޖެ އެތެރެނުކުރެވޭނެ ކަމަށާއި އޮތީ ދެ ގޮތުންކުރެ އެއްގޮތް ކަމަށެވެ؛ އެއީ ދޫނިތައް ނައްތާލުން ނުވަތަ ދޫނިތައް ފޮނުވި ގައުމަށް އަނބުރާ ބޭރުކުރުން ކަމަށެވެ.
ދޫނިތައް އަލުން ސުރިނާމަށް ބޭރުކުރަން 25،000 އެމެރިކާ ޑޮލަރަށްވުރެ ބޮޑު އެއްޗެއް ފްރައިޓަށް ހޭދަވާތީ އެކަން ނުކުރެވުނީ ކަމަށް ޕެޓް މާސްޓަރ އިން ބުނެއެވެ.
އެ ދޫނިތައް ފިޝަރީޒް މިނިސްޓްރީގެ ކަރަންޓީނު މަރުކަޒުގައި ކުއްލި ގޮތަކަށް އިއްޔެ މަރާލީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައި ވަނިކޮށެވެ.
ޕެޓް މާސްޓަރުން ބުނާ ގޮތުގައި ދޫނިތައް މަރާލުމުން ލިބުނު ގެއްލުން އެއް މިލިއަން ރުފިޔާއާ ކައިރިކުރާނެ އެވެ. އެ ދޫނިތަކަކީ ދެތިން މީހެއްގެ އަތުން ނެގި ލޯނަކަށް، އަށް ލައްކަ ރުފިޔާ ހަރަދުކޮށްގެން އެތެރެކުރި ޝިޕްމަންޓެކެވެ. އޭގައި ޖޯޑެއް 35،000ރ. އަށް ވިއްކާ ވެސް ބައިވަރު ދޫނި އެބަހުއްޓެވެ.
ދޫނިތައް މަރާލުމާ ގުޅިގެން، އެކަން ކުށްވެރިކޮށް ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް، އަނިޔާވެރި އެ އަމަލް ކުށްވެރި ކުރައްވައި ގިނަ މެމްބަރުންތަކެއް ވާހަކަ ދެއްކެވިއެވެ.
- ވިދާޅުވުމަށް: އަނިޔާވެރި ގޮތަކަށް ދޫނިތައް މަރާލީ މިހެން ކިޔައިފައި!



advertisment