Support Us

މަރާލި ދޫނިތައް އަދި ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން (ކ) އަދި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު 

އަނިޔާވެރި ގޮތަކަށް ދޫނިތައް މަރާލީ މިހެން ކިޔައިފައި!

"ޕެޓް މާސްޓަރުގެ ފަރާތުން 29 އޮކްޓޫބަރު 2021 ގައި ކަރަންޓީނުގައި ހިފަހައްޓައިފައިވާ 130 ދޫނި، މިއަދު (8 ފެބުރުވަރީ 2022) ގެ 12:00ގައި ނައްތާލާ ވާހަކަ ދަންނަވަމެވެ." ހެނދުނު ހޭލި ވަގުތު މި މެސެޖް ލިބުމާއެކު، ހުސެއިން އާތިފުގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. އޭނާ އެންމެ ކަންބޮޑުވީ އެއީ މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން އެތެރެކޮށްފައިވާ ދޫނިތަކަކަށް ވެގެން އެކަންޏެއްނޫނެވެ؛ އެކަމަކު، ބަލިމަޑުކަމެއް ނެތް، ނަލަނަލަ ދޫނިތަކެއް، އެ ސޮރުމެންގެ ކުށެއްނެތި ގަސްދުގައި މަރާލާތީއެވެ.

އާތިފަކީ، މާލޭގައި ދޫނީގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރާ "ޕެޓް މާސްޓަރު" ހިންގާ ޒުވާނާއެވެ. އާއިލީ ވިޔަފާރިއެއްގެ ގޮތުގައި އެ މަސައްކަތް އޭނާ ކުރާތާ މިހާރު 12 އަހަރުވެއްޖެއެވެ. ޕެޓް މާސްޓަރުގެ ތިން ފިހާރަ މާލެ އާއި ހުޅުމާލޭގައި އެބަހުއްޓެވެ.

ރާއްޖެއިން ބޭރުން ދޫނި ގެނައުމަކީ އަހަރަކު އެތައް ފަހަރަކު "ޕެޓް މާސްޓަރު"ން ކުރަމުން އަންނަ ކަމެކެވެ. ކަމާ ބެހޭ ހުރިހައި ހުއްދައެއް ނަގައިގެންނެވެ. މައްސަލަ ދިމާވީ އޮކްޓޫބަރުގެ ޝިޕްމަންޓުގައި ގެނައި ދޫނިތަކަކީ އަލަށް އެތެރެކުރި ވައްތަރުތަކެއް ކަމަށް ވުމެވެ.

ދޫނިތައް ހިފެހެއްޓުން

މި ދޫނިތަކަކީ ދެކުނު އެމެރިކާގެ ސުރިނާމުން މިދިޔަ އަހަރުގެ އޮކްޓޫބަރު 29 ގައި ރާއްޖެ އެތެރެކޮށްފައިވާ 120 ދޫންޏެވެ. ބައެއް ދޫނި އެއީ ގުރާ އާއިލާގެ ދޫނިތަކެކެވެ. އެ ދޫނިތައް އެތެރެކުރިއިރު، ރާއްޖެއަށް އެތެރެކުރެވޭ ދޫނިތަކުގެ ގޮތުގައި، ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާ ދޫނިތަކުގެ ލިސްޓުގައި އެ ދޫނިތަކުގެ ނަމެއް ނެތެވެ. އެހެންވެ، އެ ދުވަހުން ފެށިގެން ދޫނިތައް ހުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ، ފިޝަރީޒް މިނިސްޓްރީގެ ކަރަންޓީނު ސެންޓަރުގެ ބެލުމުގެ ދަށުގައެވެ.

ދޫނިތައް ކަރަންޓީނުކުރުމަށްފަހު ފިޝަރީޒުން ވަނީ ލިއުންދީފައެވެ.

ފިޝަރީޒް މިނިސްޓްރީން ދެއްކި ވާހަކަ

މި ދޫނިތަކަކީ ރާއްޖެއަށް އެތެރެކުރެވޭ ދޫނިތަކުގެ ގޮތުގައި، ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާ ދޫނިތަކުގެ ލިސްޓުގައި ނަން ނެތް ދޫނިތަކަކަށް ވާތީ ފިޝަރީޒް މިނިސްޓްރީން ބުނަމުންދިޔައީ އެ ދޫނިތައް ރާއްޖެ އެތެރެނުކުރެވޭނެ ކަމަށާއި އޮތީ ދެ ގޮތުންކުރެ އެއްގޮތް ކަމަށެވެ؛ އެއީ ދޫނިތައް ނައްތާލުން ނުވަތަ ދޫނިތައް ފޮނުވި ގައުމަށް އަނބުރާ ބޭރުކުރުން ކަމަށެވެ.

ދޫނިތައް ނައްތާލުމަކީ އެއް އިރެއްގައިވެސް އާތިފު ބޭނުންވާ ގޮތް ނޫން ކަމުން، ދެން ބެލީ ސުރިނާމަށް، އެ ދޫނިތައް އަނބުރާ ބޭރުކުރާށެވެ. އެގޮތަށް ބެލިއިރު، ދޫނިތައް ބޭރުކުރަން 25،000 އެމެރިކާ ޑޮލަރަށްވުރެ ބޮޑު އެއްޗެއް ފްރައިޓަށް ހޭދަވާ ކަމަށް އާތިފު ބުންޏެވެ. އެހެންވެ ދެން ބެލީ ލަންކާއަށް ބޭރުކުރާށެވެ. ނަމަވެސް، ލަންކާއަށް ބޭރުކުރާކަށް ވެސް ފިޝަރީޒުން ހުއްދައެއް ނުދިނެވެ. އޭގެ އިތުރުން ދޫނިތަކާ ބެހޭ ސެޓްފިކެޓް ދެވޭނެ މަރުކަޒެއް ރާއްޖޭގައި ނެތުމުން، ލަންކާއަށް އެ ސޮރުމެން އެތެރެކުރެވޭނެ ގޮތެއްވެސް ނެތެވެ. އެމެރިކާ އިން ދީފައި އޮތީ ރާއްޖެއަށް ދޫނިތައް އެތެރެކުރުމުގެ ސެޓްފިކެޓެއް ކަމަށްވާތީ، ލަންކާ އަކުން އެ ސެޓްފިކެޓެއް ގަބޫލެއް ނުކުރެއެވެ.

ދޫނިތައް އެތެރެކުރުމުގެ ހުއްދަ ފަހުން ދިނުން

ފިޝަރީޒް މިނިސްޓްރީން އާންމުކޮށްފައިވާ ދޫނިތަކުގެ ލިސްޓުގައި އެ ދޫނިތަކުގެ ނަން ކުރިން ނެތް ނަމަވެސް، ފަހުން، 13 ޑިސެމްބަރު 2021ގައި އާންމުކުރި ލިސްޓުގައި މި ދޫނިތަކުގެ ނަންތައް ވެސް ވަނީ ހިމަނައިފައެވެ. އަދި އެ ދޫނިތައް އެތެރެކުރުމުގެ ހުއްދަ އަށް އެދުމުން، ފިޝަރީޒުން މިދިޔަ އަހަރުގެ ޑިސެމްބަރު 21ގައި ވަނީ އެ ހުއްދަވެސް ދީފައެވެ.

އެހެންކަމުން ޕެޓް މާސްޓަރުން ނިންމައިގެން ތިބީ އެ ހުއްދައިގެ ދަށުން ދޫނިތައް ލިބޭނެ ކަމަށެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ.

"ދޫނިތައް އެތެރެކުރީ ލިސްޓު ނެރުމުގެ ކުރިން"

ފިޝަރީޒް މިނިސްޓްރީން ދެން ބުނީ އެ ދޫނި ޝިޕްމަންޓް ރާއްޖެ އެތެރެކޮށްފައި ވަނީ، އާ ލިސްޓު ނެރުމުގެ ކުރިން ކަމަށްވާތީ، ކުރިން އެތެރެކޮށްފައިވާ ޝިޕްމަންޓަކަށް ފަހުގެ ލިސްޓަކުން ފަރުވާއެއް ނުލިބޭނެ ކަމަށެވެ. އެހެންވެ، ފަހުގެ ލިސްޓުގައި އެ ދޫނިތަކުގެ ނަންތައް ހުއްޓަސް، އަދި ދޫނިތައް އެތެރެކުރުމުގެ ހުއްދަ ދޫކޮށްފައި ވިޔަސް، ކުރީގެ ޝިޕްމަންޓެއް ކަމަށްވާތީ، ދޫކުރެވެން ނެތް ކަމަށެވެ. އޮތީ ހަމަ ކުރިން ވެސް ބުނި ދެ ގޮތުންކުރެ އެއްގޮތް ކަމަށެވެ. އެއީ ދޫނިތައް ނައްތާލުން ނުވަތަ ދޫނިތައް ފޮނުވި ގައުމަށް އަނބުރާ ބޭރުކުރުން ކަމަށެވެ.

ދޫނިތައް މަރާލަން އެޓާނީ ޖެނެރަލް ލަފާދިނުމުން މައްސަލަ ކޯޓަށް

ދޫނިތައް މަރާލަން އެޓާނީ ޖެނެރަލް ލަފާދިނުމުން ޕެޓް މާސްޓަރުގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހުއެވެ. ދައުވާ ފޯމުގައި މައްސަލަ ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައިވެއެވެ.

ދަޢުވާގެ ޚުލާޞާ

  • 29 އޮކްޓޯބަރ 2021 ގައި ދިވެހި ރާއްޖެއަށް އެތެރެކޮށްފައިވާ ދޫނި ޝިޕްމަންޓެއް ކަސްޓަމްސް އިން ހިފަހައްޓައި ކަރަންޓީންގައި ބަހައްޓައި ދޫނިތައް، ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާ ބެހޭ ޤާނޫނާ ޚިލާފަށް އެތެރެކޮށްފައިވާ ކަމަށް ބުނެ ދޫނިތައް ނައްތާލުމަށް އެޓާނީ ޖެނަރަލް ލަފާދީފައިވާ ކަމަށް ބުނެ ދޫނިތައް ނައްތާލުމުގެ ކަންކަން ކުރަމުންދާ ކަމަށް އަންގައިފައިވުން.
  • 29 އޮކްޓޯބަރ 2011 ގައި ދިވެހި ރާއްޖެއަށް އެތެރެކޮށްފައިވާ ދޫނި ޝިޕްމަންޓް ހިފަހައްޓާފައި ވަނިކޮށް އަދި ދޫނިތައް ކަރަންޓީންގައި ވަނިކޮށް، 13 ޑިސެމްބަރު 2021 ގައި ޤަވައިދު އިޞްލާޙްކޮށް ޢާމްކޮށްފައިވާއިރު ޕެޓް މާސްޓަރ އިން އެތެރެކޮށްފައިވާ ދޫނިތަކަށް ވަނީ ހުއްދަ ލިބިފައިވާކަން. އަދި ވަނީ ލިސްޓްގައިވެސް ހިމަނާފައިވާކަން. އަދި އެ ލިސްޓްގައިވާ ދޫނިތަކަށް ޕެޓް މާސްޓާރ އިން ވަނީ ހުއްދަވެސް ނަގައިފައިކަން.
  • އެޓާރނީ ޖެނެރަލް ލަފާދެއްވާފައި ކަމަށް ވިދާޅުވެ ދޫނިތައް ނައްތާލުމަށް މަސައްކަތް ކުރުމަކީ ކުރެވޭނެ ކަމެއް ކަމުގައި ނުދެކޭކަން. އަދި އެ ލަފައަކީ ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ދެއްވާފައިވާ ލަފައެއްކަން އެ މާއްދާގެ (ހ) އަށް ބެލުމުން އެނގޭކަން. އެ މާއްދާގެ (ހ) ގައި ވަނީ ވަކި ކަމެއް ކުރުން، ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުން އެއީ ކުށެއް ކަމުގައި އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައި ނެތަސް އެކަމެއް ކުރި މީހަކަށް ނުވަތަ އެކަން ނުކޮށް ދޫކޮށްލި މީހަކަށް، އެކުރި ކަމަކާ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅުވައިގެން އަދަބު ދީގެން ނުވާނެ ކަމަށް. އަދި ކުށެއް ކުރިއިރު އެކުށަށް ކަނޑައަޅާފައިވާ އަދަބަށްވުރެ ބޮޑު އަދަބެއް އެ ކުށް ކުރި މީހަކަށް ދީގެނެއް ނުވާނެ ކަމާއި ކުށެއް ކުރުމާ، އެކުށެއް ކުރި މީހާއަށް ހުކުމްކުރުމާ ދެމެދު، އެ ކުރި ކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބުކަން. މިއީ ކްރިމިނަލް ކަންކަމަށް މާނަކުރެވުނު ކަމުގައި ވީނަމަވެސް އަދި ހުއްދަނެތި އެތެރެކޮށްފައި ވީނަމަވެސް ޤާނޫނަށް އައި ބަދަލާ ގުޅިގެން ވަނީ އެ ތަކެތި ޤާނޫނުގެ ހުދޫދުގެ ތެރެއަށް ވަދެފައިވާ ހިނދު ޕެޓްމާސްޓާރ އިން އެތެރެކޮށްފައިވާ ދޫނިތައް ނައްތާލުމަކީ ޤާނޫނާ ޚިލާފް ކަމެއްކަން.
  • ދިރިދިރި ތިބި ދޫނިތަކެއް މުޖްތަމައަށް ގެއްލުންވާނެ ކަމަށް ބުނެ ނައްތާލުމަކީ އިސްލާމީ ޝަރީޢަތާ ޚިލާފް ޢަމަލެއްކަން އެނގޭ ކަމަށް އަދި އެއީ އިންޓަނޭޝަނަލް ޤާނޫނުގައިވެސް މަނާކަމެއް ކަމަށާއި އެހެންކަމުން އެފަދައިން ކަންކޮށްފިނަމަ (ނައްތާލައިފިނަމަ) ޕެޓްމާސްޓާރ އަށް އަދި މިތަކެތި ގެނައުމަށް ޚަރަދުކޮށްފައިވާ ފަރާތްތަކުގެ ޙައްޤުވެސް ގެއްލިގެންދާނެ ކަމެއްކަން.
  • މިހާރު ނައްތާލުމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އިސްލާމީ ޝަރީޢަތާއި އިންޓަނޭޝަނަލް ޤާނޫނާ ޚިލާފް ކަމަށްވެފައި އަދި ފަހުން އެކުލަވާލާފައިވާ ޤަވައިދުގައި މި ދޫނިތަކަށް ހުއްދަ ލިބިފައިވާތީ އާއި އަދި މި ޤަވައިދުގައިވާ ދޫނިތަކަށް ޕެޓްމާސްޓާރ އިން ހުއްދަ ނަގާފައިވާތީ ކުރިން އެކުލަވާލާފައިވާ ޤަވައިދުގެ ދަށުން ޢަމަލުނުކުރެވޭނެ ކަމަށާއި މިހާރު ހެދިފައިވާ ޤަވައިދުގެ ދަށުން ހުއްދަ ލިބިފައި ވާތީ ހެދިފައިވާ އުސޫލުގެ ދަށުން ނަގަންޖެހޭ ޓެކްސް ނެގުމަށްފަހު ދޫނިތައް ދޫކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަށް އަދި ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަމުރުކޮށް މައްސަލަ ނިންމަވައިދެއްވުން އެދޭކަން.

މި މައްސަލަ ލިބިފައިވާކަން ސިވިލް ކޯޓުން ވަނީ މިއަދު (ފެބުރުވަރީ އަށް ވަނަ ދުވަހު)ގެ ހެނދުނު 9.59ގައި ޕެޓް މާސްޓަރަށް މެސެޖަކުން އަންގައިފައެވެ.

ދޫނިތައް ނާއްތާލަން ފިޝަރީޒުން އަވަސްވެގަތުން

މި މައްސަލަ ކޯޓަށް ވެއްދިކަން ކޮންމެވެސް ގޮތަކަށް ފިޝަރީޒަށް އެނގިގެން، ދޫނިތައް މިއަދުން މިއަދަށް ނައްތާލުމަށް ނިންމައި، އެކަން އާތިފަށް މިއަދު ހެނދުނު ކުއްލިއަކަށް އެންގިއެވެ. ކަރަންޓީނު މަރުކަޒުން މިއަދު 10:59 ގައި ފޮނުވައިފައިވާ މެސެޖުގައި ވަނީ "ޕެޓް މާސްޓަރުގެ ފަރާތުން 29 އޮކްޓޫބަރު 2021 ގައި ކަރަންޓީނުގައި ހިފަހައްޓައިފައިވާ 130 ދޫނި، މިއަދު (8 ފެބުރުވަރީ 2022) ގެ 12:00 ގައި ނައްތާލާ ވާހަކަ ދަންނަވަމެވެ." މިހެންނެވެ.

އެއާއެކު ލިބިފައިވާ އެއް ގަޑިއިރު ތެރޭގައި، މައްސަލައަށް ހައްލެއް ހޯދައި ދޫނިތައް މަރުން ސަލާމަތްކުރުމަށް، ޕެޓް މާސްޓަރުން ފިޝަރީޒް މިނިސްޓްރީއަށް ގޮސް، ތަނުގެ އިސް ވެރިޔަކާ ބައްދަލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. ނަމަވެސް ވެރިޔަކާ ބައްދަލުވާ ގޮތެއް ނުވިއެވެ. ގިނަ ބޭފުޅުން ތިއްބެވީ ޗުއްޓީގައި ކަމަށް ވެއެވެ.

ލިބިފައިވާ އެއް ގަޑިއިރު ތެރޭގައި، ދޫނިތަކުގެ ފުރާނަ ސަލާމަތްކުރުމަށް އެއްވެސް ކަމެއް ނުކުރެވުމުން، ޕެޓް މާސްޓަރުގެ ފަރާތުން 12 ޖަހަންވާއިރަށް ދެން ދިޔައީ އެއާޕޯޓަށެވެ. އެއާޕޯޓަށް ދިޔައިރު، އެ ސަރަހައްދަށް ފުލުހުންވެސް ވަނީ ގެންގޮސްފައެވެ. ދޫނިތައް މަރާތަނަށް ޕެޓް މާސްޓަރުގެ އެއްވެސް މީހަކު ނުވެއްދިއެވެ. ފިޝަރީޒް މިނިސްޓްރީން ކަނޑައެޅި ބަޔަކު، ދިރިދިރި ތިބި ރީތި ދޫނިތަކަށް އިންޖެކްޝަން ޖަހައި، އައިސް ބޮކްސްއަކަށް ލައި މަރާލީއެވެ. އަދި މަރާލުމަށްފަހު ކޮތަޅަކަށް އަޅައިގެން ބޭރަށް ނެރެ ހުރިހައި ދޫނިތައް ދެއްކިއެވެ. އަދި ފަހުން ކުނި ލޮރީއަކަށް އަރުވައިގެން ގެންގޮސް ދޫނިތައް އަންދައިލީއެވެ.

ދިރިދިރި ތިބި ދޫނިތަކެއް މަރާލަން ބައެއް މީހުން ދެކޮޅު ހެދި ކަމަށް ވެސް ވެއެވެ. ނަމަވެސް، އެކަން ކުރަން ކެރޭ ބަޔަކު ލައްވާ ހުރިހައި ދޫންޏެއް މަރާލީއެވެ.

އިންޖެކްޝަން ޖަހައި، އައިސްފޮއްޓަކަށް ލައިގެން މަރާލުމަށްފަހު ދޫނިތައް ބޭރަށް ނެރެފައި

ދޫނިތައް މަރާލުމުން ލިބުނު ގެއްލުން މިލިއަނަކާ ގާތަށް 

އާތިފު ބުނާ ގޮތުގައި ދޫނިތައް މަރާލުމުން ލިބުނު ގެއްލުން އެއް މިލިއަން ރުފިޔާއާ ކައިރިކުރާނެ އެވެ. އެ ދޫނިތަކަކީ ދެތިން މީހެއްގެ އަތުން ނެގި ލޯނަކަށް، އަށް ލައްކަ ރުފިޔާ ހަރަދުކޮށްގެން އެތެރެކުރި ޝިޕްމަންޓެކެވެ. އޭގައި ޖޯޑެއް 35،000ރ. އަށް ވިއްކާ ވެސް ބައިވަރު ދޫނި އެބަހުއްޓެވެ.

ތިން މަސް ތެރޭގައި 16 ބަސްތާ ކާނާ

ކަރަންޓީނު ސެންޓަރުގައި ދޫނިތައް ބޭތިއްބި ނަމަވެސް، އެ ސޮރުމެންނަށް ބޭނުންވާ ހުރިހައި ކާނާއެއް ފޯރުކޮށްދިނީ ޕެޓް މާސްޓަރުގެ ފަރާތުންނެވެ. މި ގޮތުން ފާއިތުވީ ތިން މަސް ދުވަހުގެ ތެރޭގައި 16 ބަސްތާ ސަންފްލާވަރ ސީޑްސް ވަނީ ގެންގޮސްދީފައެވެ.

"ސަންފްލާވަރ ސީޑްސް ބަސްތާ އަޅުގަނޑުގެ ސައިކަލަށް ލައިގެން އެއާޕޯޓަށް ގޮސް، ޕާކިން ޒޯނުގައި ސައިކަލް ބަހައްޓައިފައި، ޓްރޯލީއަކަށް އަރުވައިގެން، ހުޅުލޭ އައިލެންޑް ހޮޓެލް ކައިރީގައި ހުންނަ ކަރަންޓީނު ސެންޓަރަށް ގެންގޮސް ކޮންމެ ފަހަރަކުވެސް ހަވާކުރަނީ އަޅުގަނޑު. ކޮންމެ ދުވަހަކު ވެސް އެހާ ދުރަށް ޓްރޮލީ ދަމަންޖެހޭ،" އާތިފު ކިޔައިދިނެވެ.

އާތިފު ބުނީ ކަރަންޓީނު ސެންޓަރުގައި ދޫނިތައް ބޭތިއްބުމަށް 18 ކޮށިވެސް ފޯރުކޮށްދީފައި ވާނީ ޕެޓް މާސްޓަރުގެ ފަރާތުން ކަމަށެވެ.

ރައްޔިތުންގެ މަޖުލީހުން ވެސް އެހީއެއްނުވި

ދޫނިތައް މަރާލަން އުޅޭ މައްސަލައިގައި ހައްލެއް ހޯދުމަށް ޕެޓް މާސްޓަރުގެ ފަރާތުން، ފިޝަރީޒް މިނިސްޓްރީ އާއި އެޓާނީ ޖެނެރަލްގެ އޮފީހަށް ސިޓީތައް ފޮނުވުމުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ސިޓީ ފޮނުވިއެވެ. ނަމަވެސް، އެއްވެސް ހައްލެއް ނުލިބުނެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން

"ނޯކޮމެންޓް": ފިޝަރީޒް މިނިސްޓަރު 

މި މައްސަލައިގައި ވިދާޅުވަނީ ކީކޭތޯ ދެންނެވުމުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ "މިވަގުތު ނޯކޮމެންޓް" ކަމަށެވެ. އަދި ކަން ހިނގައިދިޔަ ގޮތް ކަމާ ބެހޭ މުވައްޒަފާ މާދަމާ ބައްދަލުކުރައްވައި ސާފުކުރައްވާނެ ކަމަށެވެ.

އެހާ އަނިޔާވެރި ގޮތަކަށް ދޫނިތައް މަރާލުމުން އާތިފު ހުރީ ވަރަށް ކަންބޮޑުވެ، ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މިހާރު އޭނާގެ އެންމެ ބޮޑު ފިކުރަކީ މިއީއެވެ؛ ކޯޓަށް ގޮސްގެން ލިބުނަސް ލިބޭނީ ފައިސާގެ ބަދަލެކެވެ. މަރާލި ދޫނިތަކުގެ ފުރާނައެއް އަނބުރާ ނުލިބޭނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
213412
ޚިޔާލު ފާޅުކުރައްވާ!

13 Responses

    1. ގާނޫނާ ގަވާއިދާ ހިލާފަށް އެތެރެކުަރަން އުޅެނިކޮށް ހިފެހެއްޓީ، އެހެންވީމަ ދެން ކިހިނެއް ހަދަންވީ.

    2. ދޫނިމެރުންވެސް ގޯސް. އޭނައެދޫނި ވަގައް އެތެރެ ކުރީމަ އެކަންގޯސް ކުރާބަޔަކުނެތީ ކީއްވެބާ. އަބަދުވެސް އެގޮތަށް އެތެރެކުރާ ދޫނިމަރާނަމަ ދެން މިފަހަރު މާބޮޑު ގައުމީ މައްސަލައަކަށް ހެދީކީއްވެބާ. ދޫނިދެކެ އެހާލޯބިވާމީހަކެ އެސޮރުމެން ދިރިއުޅުނުމާހައުލުން ނަގައިގެން އެހެންތަނަކަށް ވިޔަފާރީގެގޮތުގައި ނުހަނު އަގުބޮޑުކޮށް ވިއްކަން ގެނައީ ކީއްވެބާ. ދޫނިތައްދެކެ އެހާލޯބިވާމީހަކު ދޫނީގެވިޔަފާރި ތިގޮތަށް ނުކުރާނެ.

  1. މިސާލަކަށް ރާއްޖެ ނުގަވައިދުން، މަންތާ އެއް ނުވަތަ ޓަރޓަލް އެއް ގެނައީ އޯ؟ އެ އެއްޗެއްސާ މެދުވެސް އަމަލު ކުރާނީ ހަމ މިފަދައިންތަ؟

  2. އިންޱިޔާ ކިތައް މީހުން ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވަނީ ނޫނީ އެތެރެކުރަނީ؟ އެކަމަކު އެއިން އެއްވެސް މީހަކަށް ފިޔަވަޅެއް ނައަޅާ،
    ކީއްވެގެންތޯ؟

  3. ޤަވާޢިދާ ޚިލާފަށް އެތެރެކުރާ/އެތެރެވާ ބިދޭސީންނާމެދުވެސް ތިގޮތަށް ކަންކުރަންވީނު.

  4. އެއަށްވުރެން ނުރައްކާ ކުތާ ވެސް ދީނުގަ އަތްލުންވެސް ހުއްދަ އެއްޗެނޫ އެކަމުވެސް އޯކޭ

  5. ގަވާއިދާ ޚިލާފަށް އެތެރެ ކޮށްފަ ތިބި އިންޑިއަ މީހުން؟.. #އިންޑިއަ އައުޓު

  6. ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެ ވެފައި ތިބޭ ބިދޭސީންގެ ފަރާތުން ދިވެހި މުޖުތަމައަށް މާ ބޮޑެތި ގެއްލުންތައް ލިބެމުންދޭ. އެފަދަ މީހުން ކޮށިކޮއްޓަށް ލުން މާ ބުއްދިވެރި.

  7. ވެދާނެ އެއްނު އޭގެން ބައެއް ދޫނި ބަޔަކު ނެގުމަށް ފަހު އާދައިގެ ދޫނި އެތަނަށް ރިޕްލޭސް ކުރީ ކަމަށް ވެސް. ވެރި ފަރާތާއި ހަވާލު ކުރާއިރު ފަޅާ އަރާފާނެ ތީވެ ދެން ތިބި ދޫނިތައް މަރާ ލާފައި، ރިޕްލޭސް ކުރި ދޫނިތައް ކޮތަޅުތަކަށް އަޅާފައި ތިބީކަމަށް ވެސް. ކޮން މެއަކަސް ވަރަށް ދެރަކަމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *