Support Us

ކޮލަމް މާޒީ: ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުތައް އެނގޭތަ؟

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމަކީ ކޮބައިހޭ ސުވާލުކޮށްފިނަމަ، ވަރަށް ގިނަ މީހުންގެ ޖަވާބަކަށް ވާނީ އެއީ އުތުރުކަރަ (ނުވަތަ އިންޑިއާ) ކަމުގައެވެ. އަނެއް ބަޔަކު ހީކުރާނީ އެއީ އޮޅުދޫކަރަ (ނުވަތަ ސްރީލަންކާ) ކަމަށެވެ. ނުވަތަ ސީނުކަރަ (ނުވަތަ ޗައިނާ) ކަމުގައެވެ. ނުވަތަ ސިންގަޕޫރެވެ. ނުވަތަ މެލޭޝިއާއެވެ. ނޫންނަމަ އިންޑޮނޭޝިއާއެވެ. އެހެން ނޫނީ ތައިލެންޑެވެ.

ނަމަވެސް ތިޔަ ހުރިހައި ޖަވާބެއް ވެސް ނުބައެވެ. އެކަމަކު އަބަދު ވެސް އަޅުގަނޑުމެންގެ ނަޒަރު ސީދާވަނީ ހަމައެކަނި އިރުމައްޗަށް ނުވަތަ އުތުރަށެވެ. ނަމަވެސް މި ސުވާލުގެ ޖަވާބު ހޯދައިލުމަށް ޓަކައި އެނބުރިލާން ޖެހެނީ ހުޅަނގަށެވެ. ސުވާލުގެ ޖަވާބު ލިބޭން އޮތީ ރާއްޖެއިން ހުޅަނގުއުތުރާ ދިމާއަށް ބަލައިލައިގެންނެވެ.

ވަކިވަކި ގައުމުތަކަށް ބަލާއިރު 2018ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދިވެހިރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އެކުވެރި އަރަބު އިމާރާތުންނެވެ. އާންމުކޮށް ކިޔާ ގޮތުންނަމަ ޔޫ.އޭ.އީ.އިންނެވެ. ރާއްޖެއަށް އެތެރެކުރާ މުދަލުގެ %18.1 އަކީ އެ ގައުމުން އެތެރެކުރާ މުދަލެވެ. މި ލިސްޓުގެ ދެވަނައިގައި އޮތީ ވެސް އޮޅުދޫކަރައެއް އުތުރުކަރައެއް ނޫނެވެ. އެކަމަކު އެއީ ސީނުކަރައެވެ. ވަކިވަކި ގައުމުތަކަށް ބަލާއިރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ މުދާ އެތެރެކުރަނީ އެކުވެރި ސީނުކަރައިންނެވެ. ދުނިޔޭގެ އެންމެ މީސް ގިނަ ޗައިނާއެވެ. އެއީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ %16.5 އެވެ.

ތިންވަނައަށް އެންމެ ގިނައިން މުދާ އެތެރެކުރަނީ ކޮން ގައުމަކުންތޯއެވެ؟ …….. ނޫނެކެވެ! މިފަހަރު ވެސް ޖަވާބު ނުބައެވެ. މި ލިސްޓުގެ ތިންވަނައިގައި އޮތީ…. އާދޭހެވެ! ތިޔަ ހީފުޅުކުރެއްވީ ރަނގަޅަށެވެ. އެއީ ސިންގަޕޫރެވެ. ރާއްޖެއަށް އެތެރެކުރާ މުދަލުގެ %12.5 އަންނަނީ ސިންގަޕޫރުންނެވެ.

އާދޭހެވެ! ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުތަކުގެ ލިސްޓުގެ ހަތަރުވަނައިން ޖާގަ ހޯދައިފައިވަނީ އަވަށްޓެރި އުތުރުކަރައިންނެވެ. އެއީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ %9.7 އެވެ. މި ލިސްޓުގެ ފަސްވަނައިގައި އޮތީ އުޚުއްވަތްތެރި މެލޭޝިއާއެވެ. ރާއްޖެއަށް އެތެރެކުރާ މުދަލުގެ %7.8 އެ ގައުމުން ހިއްސާކުރެއެވެ.

ދުނިޔޭގެ އެކި ބައްރުތަކުން، ހަމަ ހުރިހާ ބައްރަކުން ދިވެހިރާއްޖެއަށް މުދާ އެތެރެކުރެއެވެ. އޭޝިއާ ބައްރުގެ ބައެއް އެހެން ގައުތަކުންނާއި ވިލާތު ބައްރުގެ ބައެއް ގައުމުތަކުންނާއި އެފްރިކާ ބައްރުގެ ބައެއް ގައުމުތަކުންނާއި އޮސްޓްރޭލިއާއާއި އެމެރިކާ ބައްރުގެ ގައުމުތައް ވެސް ހިމެނޭ ގޮތުންނެވެ. އިރުމަތީ އޭޝިއާއިން ތައިލެންޑަކީ ވެސް ހަމަ ގިނައިން މުދާ އެތެރެކުރާ ގައުމެކެވެ. މިޞްރާއި ދެކުނުއެފުރިކާއާއި ތުރުކީވިލާތާއި ޔޫގެންޑާއާއި ޖަރުމަނުވިލާތާއި އެމެރިކާ ފަދަ ކިތަންމެ ގައުމަކުން މި ރާއްޖެއަށް މުދާ އެތެރެކުރެއެވެ. އެއީ ގައުމުތައް ވަކިވަކިން ބަލާއިރު ނިސްބަތުން މަދު އަދަދަކަށްވާތީ އެ ހުރިހާ ގައުތައް އެއްކޮށްލައިގެން ކުރީން ދެންނެވި ފަސް ގައުމު ފިޔަވައި އެހެން ގައުމުތަކުން އެތެރެކުރާ މުދަލުގެ ޖުމުލަ އިންސައްތައަކީ %35.4 އިންސައްތައެވެ. މި ދެންނެވި ގައުމުތަކުގެ ނަންތަކާއި މުދާއެތެރެކުރާ ނިސްބަތް ތަރުތީބުން ތިރީގައި ލިސްޓްކޮށްލާނަމެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ގައުމުތައް (2018)

އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ.) %18.1

ސީނުކަރަ (ޗައިނާ)  %16.5

ސިންގަޕޫރު (ސިންގަޕޯރ) %12.5

އުތުރުކަރަ (އިންޑިއާ) %9.7

މެލޭޝިއާ  %7.8

މި ގައުމުތައް ފިޔަވައި އެހެން ގައުމުތައް % 35.4

އަޅުގަނޑު މި ތަފާސްހިސާބުތައް މި ހާމަކޮށްލީ، ރައްޔިތުންނަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ލިޔުންތެރީންނޭ ނުވަތަ ނޫސްވެރީންނޭ ކިޔައިގެން ގަލަން ކާއްތާ މީހުން އަދާކުރާންޖެހޭ އަމާނާތަކަށްވާތީއެވެ. މީހަކު ރޯބުހުތާނު ދޮގު ހަދައިގެން ގޮވެލިފައްޗެއް (ޓްވީޓެއް) ކޮށްލާއިރަށް އެއީ މުހިންމު ޚަބަރަކަށް ހަދައިގެން ނޫސްތަކުގައި އެބަ ލިޔެލައެވެ. އަޅުގަނޑުގެ ނަޒަރުގައި އެއީ ޒިންމާދާރު ގޮތެއް ނޫނެވެ. ރާއްޖޭގެ ގިނަ ބަޔަކު އިސްވާރެއްކަމަށް ދެކޭ މީހަކު ނުވަތަ ސިޔާސީއަކު ހަގީގަތާ ޚިލާފަށް ކޮށްލާ ޓްވީޓެއް އެއީ ޚަބަރަކަށް ހަދާނަމަ، އެކަމުގެ ހަގީގަތް ހާމަކޮށްދެވޭންވާނެއެވެ. މިސާލަކަށް "ހަސަނަކީ ޖިންނިއެއް ކަމަށާއި އެކަމުގެ ސާބިތު ހެކި އެބަހުރިކަމަށް ޓިމޮނީ ޔޫސުފް ވިދާޅުވެއްޖެ"ކަމަށް ޚަބަރެއް ހަދައި ޢާންމުކުރާއިރު، އެއީ އެއްވެސް ހަގީގަތެއްގެ މައްޗަށް ވިދާޅުވި އެއްޗެއްކަމަށް ހާމަކުރައްވައިފައިނުވާތީ އެއީ ދެތެއް ނޫންކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ." މި ފަދަ ގޮތަކަށް އިތުރު މަޢުލޫމާތާއެކު ލިޔެވިދާނެއެވެ. މީހަކު އާންމުކޮށްލާ ކޮންމެ ގޮވެއްޔެއް (ޓުވީޓެއް) އެއީ ޚަބަރަކަށް ހައްދަވާން ކޮންމެހެން ބޭނުންފުޅުވާނަމައެވެ. އެހެން ނޫނީ ގިނަ ބަޔަކަށް ވަރަށް ބޮޑަށް އޮޅުންއަރާނެއެވެ.

މީހަކު، އަމުދުން ގުސްތަރަކު، ބުނާ ކޮންމެ އެއްޗެއް އޭގެ ތެދުދޮގު ބެލުމަކާނުލައި ނުވަތަ އެ ކަމުގެ ހަގީގަތް ހާމަކުރުމަކާ ނުލައި އަޅުގަނޑުމެން އެ ވާހަކަ އެހެން މީހަކަށް (އަދި ޚާއްޞަކޮށް ގިނަ ބަޔަކަށް) އަންގާނަމަ، އެއީ މުއުމިނުންނަށް މާތް ﷲކުރައްވައިފައިވާ އަމުރުފުޅަކާ ޚިލާފަށް ކުރެވޭ ކަމަކަށް ނޫނީ ހަމަގައިމު ވެސް އަޅުގަނޑެއް ނުދެކެމެވެ. މާތް ﷲ ވަޙީކުރައްވައިފައިވަނީ "يَا أَيُّهَا الَّذِينَ آمَنُوا إِن جَاءكُمْ فَاسِقٌ بِنَبَأٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَا دِ مِينَ" ("އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެ ނަމަ، އޭގެ ދޮގުތެދު ބަލައި، ހަގީގަތް ހޯދާށެވެ! (އެއީ) ނޭނގި ތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެން ވެއްޖެ ނަމަ، ތިޔަބައިމީހުން ކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.") މި ފަދައިންނެވެ." (سورة الحجرات :6)

އަޅުގަނޑު މި ހަގީގަތް މި ހާމަކޮށްލީ ރާއްޖޭގެ ގިނަ ބަޔަކު އިސްވާރެއްކަމުގައި ދެކޭ ބޭފުޅަކު ވިދާޅުވިކަމަށް މީޑިއާގައި އާންމުވި ޚަބަރަކާ ގުޅިގެންނެވެ. ކޮންމެހެން އެ ވާހަކައިގެ ތަފުސީލު ނުލިޔުނަސް ރާއްޖެއަށް މުދާ އެތެރެކުރުމުގައި ރާއްޖެއަށް ބޭނުންތެރި ގައުމުތައް އެ ތަރުތީބުން މިހާރު ރައްޔިތުންނަށް އެނގިވަޑައިގަތީމާ އަޅުގަނޑުގެ މަގުސަދު ހާސިލުވީއެވެ.

މި ލިޔުމުގައި އަޅުގަނޑު ހާމަކޮށްފައި މި ވަނީ ގުސްތަރަކު، ގޮވެއްޔެއް (ޓުވީޓެއް)ގައި ހާމަކޮށްފައިވާ މަޢުލޫމާތެއް ނޫނެވެ. މިއީ ތިޔަ ބޭފުޅުން ވެސް އިތުބާރުކުރައްވާނެ މަޞްދަރެއް ކަމަށްވާ އެންސައިކްލޯޕީޑިއާ ބްރިޓޭނިކާއިން ހޯދައިފައިވާ މައުލޫމާތެކެވެ. އެހެންވީމާ، ގުސްތަރަކު ލިޔެ އާންމުކޮށްލާ ދޮގު ގޮވެއްޔެއް އެއީ ޚަބަރަކަށް ހައްދަވާނަމަ، އޭގެ ތެދުދޮގު ބަލައިފައި ނުވަތަ އެ ވާހަކައިގެ ހަގީގަތް އޮތް ގޮތާއެކު ޢާންމުކޮށްލާނެ ނަމައޭ އަޅުގަނޑު ހިތަށް އެރީއެވެ. މި ލިޔުން މި ލިޔެލީ އެހެންވެގެންނެވެ.