Support Us

ދަރިންނޭ! އެޖެންޑާ 19

އެޖެންޑާ ނަވާރަ މިތާ ހިނގާގޮތް ދެން ބަލަން ތިބެ ބަލަ
ވެގެން ޙާސިލު އެދާއިރުގައި ހެމުން އުފަލުން ނަށަން ތިބެ ބަލަ

ކުރާ ކަންކަން ދެކެން ތިބެފައި ނުވާ ކަންކަން ކިޔަން ތިބެފައި،
ފުރާ ފުރިހަމަ ވެގެންދާއިރު އުފާކޮށް އަތްޖަހަން ތިބެ ބަލަ

ނުވާ ގެދޮރާއި ތަޢްލީމާ ނުލިބި ދިޔަހައި ވަޒީފާޔާ،
ކުރާ ކޮންޓެކުޓް އެއްބަސްވުން ހިނގާ ގޮތްވެސް ބަލަން ތިބެ ބަލަ

މިގައުމުގެ ރައްޔިތެއްނަމަ ތިންކޮޓަރި ފުލެޓެއް ޔަގީން ކޮށްދޭން،
މިގައުމުގެ ބޮޑުވަޒީރު އަތުން ބަހައިދޭއިރު ނަގަން ތިބެ ބަލަ

ދެކޮޓަރީ ފްލެޓުތައް މާކުދިކަމުން ނޭވައި ލެވެންނެތިގެން،
ދެކޮޓަރިން ތިންކޮޓަރި ހެދުމަށް ތަޅާލައި ތަން ބަލަން ތިބެ ބަލަ

ދެވަނަ ފޭސް ހިއްކި ހުޅުމާލޭގެ ޗާޓެއް ކުރެހިފައި ނެތުމުން
ދެވަނަފޭސް އަދި އަލުން ހިއްކަން ހަދާލާގޮތް ބަލަން ތިބެ ބަލަ

އެއާޕޯޓުގެ ޕްލޭނެއް ނެތި ފަށައިގެން ދާކަމަށް ވާތީ،
އެއާޕޯޓަށް ޕްލޭނެއް އަންނަ މަންޒަރު ތައް ދެކެން ތިބެ ބަލަ

ބުރިޖު ބޮޑު ލޯނަކުން ދެރަކޮށް އަޅާފައިވާ ކަމަށް ވާތީ،
ބުރިޖު ކުޑަ ލޯނަކުން މޮޅުކޮން އަޅާލާގޮތް ބަލަން ތިބެ ބަލަ

ފެށޭ އަހަރުގެ ތެރޭގައި، މާލެ، ވިލިނގިލި، ގުޅިފަޅާ އެކުގައި،
އެޅޭ ބުރިޖުގެ މަތީގައި ދަތުރުކޮށްލަން ހެލްމެޓެއް ގަނެ ބަލަ

ދަރުމަވަންތަ އެ ހޮސްޕިޓަލެއް ކޮތަރު ކޮއްޓެށް ގޮތަށްހުރުމުން،
ފަޚްރުވެރި އާދެ! "ތާޖުމަހައްލަކަށް" ވާތަން ބަލަންތިބެ ބަލަ

މިގައުމުގެ ސައުދަ ރަށުގައި "ޓާރސަރީ ހޮސްޕިޓަލު" އެޅުމަށްފަހު،
މިގައުމުގެ ރައްޔިތުން ކިޑްނީ ބަދަލުކޮށްލަން ނިކަން ތިބެ ބަލަ

ދެނެއް ނުޖެހޭނެ މާލެއައިސް މިތާ ކިޔުގައި ތިބޭކަށްވެސް،
އެޖެންޑާގައި އެވާ ކަން ކަން ނިމޭނޭ ގޮތް ދެކެން ތިބެ ބަލަ

ނުފޫޒުން އެއްކިބާވެ ތިބެން ސިފައިންނާ އާދެ! ޕޮލިހުންނާ،
ވުޟޫ ކޮށްގެން އަބަދު "ތަސްބީޙަ" ކިޔަވާއަޑު އަހަން ތިބެ ބަލަ

"ރިޔާސީ އޮތް ނިޒާމާ އަދި މިތާ ވަކި ދީނަކަށް އުޅުމާ
މިހާ އުނދަގޫ ނިޒާމު، ފަސޭހަވާ ގޮތްވެސް" ބަލަން ތިބެ ބަލަ

ޚިޔާލެއްނެތި މަޖާކޮށްލަން މިތާފުރްސަތު ނުލިބިތިއްބާ
މިތާ މިނިވަން މަޖާކޮށްލައި އުޅޭތަން ދެން ބަލަން ތިބެ ބަލަ

މިގައުމުން ވައްކަމާ މަކަރާއި ކޮރަޕްޝަނާއެކީ ފޮހެލައި،
މިގައުމު އަމާން "ސުވަރުގެއަކަށް" ބަދަލުވާގޮތް ބަލަން ތިބެ ބަލަ

ނަޒާޙަތްތެރިވެގެންގޮސް އަދު ދެފުށް ފެނިގެން މިދާއިރުގައި،
މަޔާ ދަރިޔާ، ދެފުށް ފެނުމުން، އެވާގޮތްވެސް ބަލަން ތިބެ ބަލަ

މިތަނުގައި "ވަޅު އަޅާފައިހުރި ޑޮލަރު" ކޮނެގެން ނެގީމާ ދެން،
މިތަނުގައި ލޯނު ނުނަގައި ދޭނެ ޚިދްމަތްތައް ބަލަން ތިބެ ބަލަ

ޢަދުލު އިންސާފުނެތި ގޮސްފައި، ޢަދުލުވެރި ޙައްޤުވީނެތިފައި،
ބަޔަކުބޭރުން އައިސް ޢަދުލަށް ކުރާނެ! ޙުކުމް،ބަލަންތިބެ ބަލަ

މިތާހަނގުރާމައެއް ފެށުނަސް ، އުތީމު މަހާރަދުންނެއް ނެތް،
ހިތާ ނަފުސުން މިދީނުގެ ޙައްޤުގައި ޤުރްބާން ވުމަށް ތިބެ ބަލަ

"މަރަން ޙާޟިރުވިޔަސް ޢަމްދުން ޝަހާދެއް ނުކިޔުނަސް ދުލަކުން
"ނަމަސްތޭ އޭ"! ގޮވާލާ އަޑު، ނިކަން ކަނުލައި އަހަން ތިބެ ބަލަ"

(އަދި ނުނިމޭ)

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *