Support Us

ހޮވާލެވިފައިވާ ހިކުމަތްތެރި ބަސްކޮޅެއް

  1. އެއީ ހަމަ ހަގީގަތެއް ހެން ހީވެދާ ފަދަ ވަހުމީ ކަމެއް ލޯބި ނޫނީ ނުވެއެވެ. އެއީ ހަމަ ވަހުމެއް ހެން ހީވާ ފަދަ ހަގީގަތެއް މަރު ނޫނީ ނުވެއެވެ.

އާދެ، ލޯތްބަކީ ހަގީގަތެއް ކަމަށް ދެކެވެއެވެ. ނަމަވެސް، ވަރަށް ގިނަ ފަހަރު ލޯތްބޭ ކިއޭ އެއްޗެއް ވަނީ ގޮނޑުދޮށު ވެލިގަނޑުގައި، ރާޅުތައް އައިސް ފޮހެލަން އަޅާލެވޭ ވަހުމީ، ޚިޔާލީ ރޮނގެއް ފަދަ ކަމަކަށެވެ.

އަދި ހަމަ އެހެންމެ، މަރާ ދޭތެރޭ ވަރަށް ގިނަ ފަހަރު އެއީ ތިމާއާ މާ ދުރުގައިވާ، އެހެން މީހުންނަށް ދިމާވާނޭ ކަމެއް ކަމަށް ހީކޮށްލެވެއެވެ. އެއަށް ވުރެ ފާޅުކަން ބޮޑު ހަގީގަތެއް ނެތް އިރުގައި ވެސް މެއެވެ.

  1. މަރަކީ ހަޔާތް ނިގުޅައިގަންނަ ކަމެއް ނޫނެވެ. އެއީ ހަޔާތުގެ އެއް މަރުހަލާއިން އަނެއް މަރުހަލާއަކަށް ބަދަލުވާ ބަދަލުވުމެކެވެ. ހަޔާތުގެ ދެވަނަ މަރުހަލާ ފެށެނީ ބަރުޒަޚުގައެވެ. ދެން އޮންނަނީ އަލުން ދިރުއްވުމެވެ. އެއަށް ފަހު، ރޫހާނީ އުޑުތަކުގެ މައްޗަށް، އަރައިގެން ދިޔުމެވެ. ނޫން ނަމަ، ޖަހައްނަމީ ވަޅުތަކުގެ އަޑިއަށް ވެއްޓިގެން ދިޔުމެވެ. މިކަން ބިނާވަނީ ހަޔާތުގެ ފުރަތަމަ މަރުހަލާގައި މީހާގެ ހިތާއި ގުނަވަންތަކުގެ އަމަލުތަކުގެ މައްޗަށެވެ. ހެޔޮ އަމަލަށް ހެޔޮ ގޮތެވެ. ނުބައި އަމަލަށް އެކަމަށް އެކަށޭނަ ޖަޒާއެވެ.

މިފަދައިން ޖަޒާ ނުދެވޭ ނަމަ، ހެވާއި ނުބައިގެ މާނައެއް ނޯންނާނެއެވެ. ރަނގަޅާއި ނުރަނގަޅުގެ ތަފާތެއް ވެސް ނޯންނާނެއެވެ. ތެދާއި ދޮގު އެއީ ވެސް އެކައްޗަކަށް ވެގެންދާނެއެވެ.

  1. އުފާވެރިކަމާއި ބާއްޖަވެރިކަން ގުޅިފައިވަނީ ފައިސާވެރިކަމާއި ނޫނީ ބާރުވެރިކަމަކާ ނޫނެވެ. އެކަން ގުޅެނީ ފައިސާވެރިކަމާއި ނޫނީ ބާރުވެރިކަން ލިބުމުން މީހާ ކަން ކުރާ ގޮތާއެވެ.
  2. އެންމެން ވެސް، އަތް އުފުލައި ދުއާކުރަނީ ފަސާދައާއި އަނިޔާވެރިކަން ނެތިދިޔުމަށެވެ. ނަމަވެސް، ފަސާދައާއި އަނިޔާވެރިކަން ނައްތާލަން މަސައްކަތް ކުރާ މީހުން ހާދަހާ ވެސް މަދެވެ. ކޮންމެ މީހަކު ހެން ވެސް، އޭނާގެ ދާއިރާގެ ތެރޭގައި ފަސާދައާއި އަނިޔާވެރިކަން ހިންގަމުން، ނުވަތަ އެކަންކަން ކުރާ މީހުންނަށް ތާއީދު ކުރަމުން، ފަސާދައާއި އަނިޔާވެރިކަން ނައްތާލެވޭނީ ކިހިނެއް ހެއްޔެވެ؟ މީއީ އަހަރުމެންގެ ހާލަތުކަމުގައިވާ އިރު، ފަސާދައާއި އަނިޔާވެރިކަން އިތުރުވަމުންދާ ކަމާ މެދު ހައިރާންވާކަށް ނުޖެހެއެވެ.
  3. މަރު ދެނެގެންފި މީހާއަށް ދުނިޔޭގެ މުސީބާތްތައް އުފުލަން ފަސޭހަވެދެއެވެ.
  4. ކަލޭ ގާތަށް އެހެން މީހުންގެ ވާހަކަ ހިފައިގެން އަންނަ މީހާއާ މެދު ސަމާލުވާށެވެ! ކަލޭގެ ވާހަކަ ވެސް އެހެން މީހުން ގާތަށް ހިފައިގެންދާން އޭނާ ހުންނާނީ ތައްޔާރަށެވެ!
  5. ކަލޭގެ އަމަލުތައް މެދުވެރިކޮށް އެހެން މީހުންނަށް ވައުޒުދީ ނަސޭހަތްތެރިވާށެވެ!
  6. ހަޔާތުގެ ކަނޑު މަޑުވެދާނޭ ކަމުގެ އުއްމީދުގެ ކަސްތަޅުން އަހަރުމެންގެ ނަފްސު މިނިވަންކުރަން ޖެހެއެވެ. އަދި، ހަޔާތުގެ ގަދަ ކަނޑުގައި ދަތުރުކުރާނީ ކިހިނެއް ކަން އަހަރުމެން ދަސްކުރަން ޖެހެއެވެ.
  7. ތެދުވެރިކަން އެންމެ ބޮޑު ތެދަކީ އަމާނާތްތެރިކަމެވެ. ދޮގުވެރިކަން އެންމެ ބޮޑު ދޮގަކީ ޚިޔާނާތްތެރިވުމެވެ. ތެދު ބުނުމުގައި ދެމިހުންނަ މީހާ އަމާނާތްތެރިވާނެއެވެ. ދޮގު ހެދުން ފަސޭހަކަމަށް ވެއްޖެ ނަމަ، ޚިޔާނާތްތެރިވުން ވެސް ފަސޭހަވެ ދެއެވެ.
  8. ކާމިޔާބު އެދޭ މީހާ މައްސަލަތައް ހައްލުކުރާނޭ ގޮތް ހޯދާނެއެވެ. ނާކާމިޔާބުގެ އަހުލުވެރިންގެ ގޮތަކީ ބަހާނާ ދެއްކުމެވެ.
  9. މާތްﷲއަށް ފުރިހަމައަށް އިތުބާރު ކުރުމަކީ އެންމެ ސާފުތާހިރު އުއްމީދެވެ. އެކަލާނގެއަށް ވަކީލުކުރުމަކީ އެންމެ ފުރިހަމަ އަމަލެވެ.
  10. އަންހެނުން އުފެއްދެވިފައިވަނީ ފިރިހެނުންގެ އަމިއްލަ އެދުމާއި މޮޔަކަން އިމްތިހާނު ކުރުމަށްޓަކައެވެ. ފިރިހެނުން އުފެއްދެވިފައިވަނީ އަންހެނުންގެ ވިސްނުމާއި ބުއްދި އިމްތިހާނުކުރުމަށްޓަކައެވެ.
  11. މީހަކު މާތްﷲއަށް ބިރުވެރިވެއްޖެ ނަމަ، އެ މީހާ ދެކެ އެހެން މީސްތަކުން ބިރުގަތުން މާތްﷲ މެދުވެރިކުރައްވައެވެ. މީސްތަކުން ދެކެ މީހަކު ބިރުގެންފި ނަމަ، ހުރިހާ އެއްޗެއް ދެކެ ވެސް އެމީހާ ބިރުގަތުން މާތްﷲ މެދުވެރިކުރައްވައެވެ.
  12. ދަށު ދަރަޖައިގެ ދެ ކަމެއް ހަޔާތުގައި ވެއެވެ. ފުރަތަމަ ކަމަކީ ތިމާގެ އަމިއްލަ ނަފްސަށް ދޮގު ހަދައި އޮޅުވާލުމެވެ. ދެވަނަ ކަމަކީ، ކަލޭ ފަދައިން ބަލިވެ، މަރުވާނޭ އެހެން މީހުން ދެކެ ބިރުގަތުމެވެ. މި ދެކަމުން ކަލޭގެ ނަފްސު ސަލާމަތްކޮށް މިނިވަންކޮށްފި ނަމަ، ކަލޭވާނީ ކަލޭގެ ހިތަށް ސާބިތުކަން ލިބިފައި ހުރި، ވަރަށް ވެސް ކެރޭ އަދި މާތް މީހަކަށެވެ.
  13. ކަންކަމުގައި ބަލިވެ، ކުރި ނުލިބޭ މީހާ އަބަދުވެސް އުޅޭނީ ކުރި ލިބި، ކާމިޔާބު ހޯދި މީހާ ކޮޕީކުރުމުގައެވެ.
  14. އެއްބަޔަކު އަނެއް ބަޔަކަށް އަޅާލައި އެހީތެރިކަން ފޯރުކޮށްގެން މެނުވީ ރަނގަޅު އިންސާނީ މުޖުތަމައެއް ނުއުފެދޭނެއެވެ.
  15. ހިއްވަރުގަދަ، ކެރޭ މީހަކީ އޭނާގެ ކުށަށް ހަމައެކަނި އިއުތިރާފުވާ މީހާއެއް ނޫނެވެ. މީގެ އިތުރުން، ދެވަނަ ފަހަރަށް އެކުށް ތަކުރާރު ނުކުރާ މީހާއެވެ. ހަމަ އެހެންމެ، ހޭލުންތެރި ރައްޔިތަކީ އެމީހުންގެ ކުށް ދެނެގަންނަ މީހުންނެއް ނޫނެވެ. މިގެ އިތުރުން އެ ކުށް ދެ ވަނަ ފަހަރަށް ތަކުރާރު ނުކުރާ ރައްޔިތެކެވެ.
  16. އެންމެ ފުރަމައިން ވެސް ވާހަކަ ދައްކައި ދެން އެއަށް ފަހު، އެއާ މެދު ވިސްނާ މީހާ ހިތާމަކުރަން ޖެހެއެވެ.
  17. ލޯބި ފެށެނީ ދުލުން ބުނެލެވޭ ބަހަކުންނެވެ. ލޯބި ނިމެނީ ހިތަށް ލިބޭ ސިހުމަކުންނެވެ.
  18. ކޮންމެ މީހަކު ވެސް ބޭނުންވަނީ އޭނާގެ ވަށައިގެންވާ ދުނިޔެ ބަދަލުކުރުމަށެވެ. އޭނާގެ އަމިއްލަ ނަފްސު ބަދަލުކުރާކަށް އެކަކު ވެސް ބޭނުންނުވާ ކަހަލައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *