Support Us

މުތުގެ ހާރާއި ބައްޕަގެ ދުޢާ

އިމާމް ޛަހަބީ އެކަލޭގެފާނުގެ "السير"ގައި ގެނެސްފައި ވެއެވެ.

"އަބޫ ޢަޤީލް ރަޙިމަހުﷲ ކިޔައިދެއްވި އެވެ. އެއް ދުވަސްވަރެއްގައި އަހަރެން ޙައްޖުވީމެވެ. ޙައްޖު ތެރޭގައި އަހަރެންނަށް ރަތް ކުލައިގެ ރޮއްޖެއްގައި އޮތް މުތުގެ ހާރެއް ފެނުނެވެ. އެހާރު ހިފައިގެން އޭގެ ވެރިފަރާތް ހޯދުމަށް ޙައްޖުގައި އަހަރެން މަސައްކަތް ކުރީމެވެ. އެހެން އުޅުމުގެ ތެރޭގައި މުސްކުޅި ބޭބެއެއް އެ ބޭބެގެ އެކަހަލަ ހާރެއް ގެއްލިގެން ހޯދަމުންދިޔަކަން އަހަރެންނަށް ޚަބަރު ލިބުނެވެ. އަދި އެ ހޯދައިގެން ގެނެސްދީފި މީހަކަށް 100 ދީނާރު ހުށަހެޅިއެވެ.

އެ ބޭބެގެ ގާތަށް ގޮސް އަހަރެން އެހީމެވެ. ބޭބެއަށް މުތުންވާ ހާރެއް ލިބިގެންވޭ ހެއްޔެވެ؟ ބޭބެ އާނއެކޭ ބުންޏެވެ. ދެން އަހަރެން އެ ބޭބެ ކައިރީގައި އެ ހާރު ސިފަކޮށްދިނުމަށް އެދުނީމެވެ. އެ ހާރު އަޞްލާ އެއްގޮތަށް ކިޔައިދިނުމުން އަހަރެން އެ ހާރު އެބޭބެއާ ހަވާލުކުރީމެވެ. އަދި ހާރު ހޯދިކަމުގެ އިނާމު ދިނުމުން އަހަރެން އެ ރައްދުކޮށް އޭގައި ހިފުމަށް އިންކާރު ކުރީމެވެ.

ޙައްޖު ނިމިއްޖެއެވެ. އަހަރެން ބައިތުލް މަޤްދިސަށް ދަތުރު ކުރީމެވެ. އެއަށްފަހު ޝާމުގެ ތެރެއިން އަހަރެންގެ ރަށަށް ދިއުމަށް ދަތުރު ފެށީމެވެ. އެހެން ގޮސް ޙަލަބުގެ މިސްކިތަކަށް އަރައި ނަމާދު ކުރީމެވެ. އެއީ ވަރަށް ގަދަ ފިނީގައެވެ. އަހަރެން ބަނޑުހައިވެ ވަންނާނޭ ގެދޮރެއް ނެތުމާއި އަތުގައި މުދަލެއް ނެތުމުން މިސްކިތުގައި މަޑުކުރީމެވެ. ފަތިސް ގަޑީގައި މީސްތަކުންނަށް އަހަރެން ފެނި އަހަރެންގެ ކިބައިން އިމާމުވެ ނަމާދު ކުރުމަށް އެދުނެވެ. އެއީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. އެއީ މިސްކިތުގެ އިމާމު ނިޔާވުމުން ކަމުގައިކަން އަހަރެންނަށް އެނގުނެވެ. އެމީހުންގެ އެދުމާ އެއްގޮތަށް ރަމަޟާން މަސް ނިމެންދެން އަހަރެން އެމީހުންނައިގެން އިމާމުވެ ނަމާދުކުރީމެވެ.

އެއް ދުވަހެއްގައި އެމީހުން އަހަރެންނަށް ޚަބަރު ދިނެވެ. ނިޔާވި އިމާމުގެ އަންހެން ދަރިއެއް ހުންނަ ކަމާއި، އެކަނބުލޭގެއާ އަހަރެން ކައިވެނި ކުރުމަށް އެދުނެވެ. ކައިވެނިކޮށް އެމީހުންގެ ކައިރީގައި އިމާމެއްގެ ގޮތުގައި ޤާއިމުވުމަށް އެދުނެވެ. އަހަރެންގެ އަތުގައި މުދަލެއް ނެތް ވާހަކަ ބުނުމުން އެއީ މައްސަލައެއް ނޫން ކަމާއި އެކަނބުލޭގެއީ އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ ކަނބަލެއް ކަމާއި އަމިއްލަ ގެއެއްގައި އެކަނި ދިރިއުޅެމުންދާ ވާހަކަ ބުންޏެވެ. ދެން އެކަނބުލޭގެ ވެސް ކައިވެންޏާ ޤަބޫލުވެ، ކައިވެނިކޮށް މިސްކިތުގެ އިމާމަކަށްވެ އެގޭގައި ދިރިއުޅެމުން އައީމެވެ.

ކައިވެނިކޮށް އެކަނބުލޭގެ ކިބައިން ފިރިހެން ކުއްޖެއް އަހަރެންނަށް ލިބުނެވެ. އެކަނބުލޭގެ ނިފާސްކަމުގެ ދުވަސްތަކުގައި ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ދެން އެއް ދުވަހެއްގައި އެކަނބުލޭގެ ކަރުގައި އެއްކަލަ ރަތް ކުލައިގެ ހާރު އޮތްތަން އަހަރެންނަށް ފުނުމުން ހައިރާންވެ، އެ ހާރަށް ވާހަކައެއް ވާކަމަށް ބުނެ، އެވާހަކަ ކިޔައިދިނީމެވެ. އެކަނބުލޭގެ އެވާހަކަ އަޑުއަހައި ރުއި ހެދިއެވެ.

ފަހެ ދެން އެކަނބުލޭގެ ބުންޏެވެ.

"އެ މުސްކުޅި ބޭބެއީ އަހަރެންގެ ބައްޕައެވެ. އެއީ ބައްޕަގެ ހާރެކެވެ. އެ ހާރު ރައްދުކޮށްދިން މީހާ ފަދަ މީހަކާ އަހަރެންގެ ކައިވެނި ކޮށްދެއްވުމަށް އެދި ބައްޕަ، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ކޮންމެ ރެއަކާއި ދުވާލު ދުޢާ ދަންނަވަމުން ގެންދިޔައެވެ. އެއީ ހަމަ ސީދާ ތިބާކަން ބައްޕައަށް ކިހިނަކުންތޯއޭ އެނގޭނީ ބަލާށެވެ! ތިބާގެ އަމާނާތްތެރިކަމާއި ވަފާތެރިކަމަށްޓަކައި ﷲ ތަޢާލާ އެދުޢާ އިޖާބަ ކޮށްދެއްވީއެވެ."

އެކަނބުލޭގެ ނިޔާވުމުން އެ ހާރާއި މިރާޘުތައް އަހަރެންނަށް ވާރުތަވިއެވެ. އެއަށްފަހު އަހަރެން ބަޣްދާދަށް ދިޔައީއެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. "އަމާނާތްތެރިކަން ގެއްލިއްޖެނަމަ، ޤިޔާމަތަށް އިންތިޒާރު ކުރާށެވެ!"

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *