Support Us

އަބޫ ދަޙްދާއަށް ޖަންނަތުގައިވާ ކަދުރު ބަގީޗާ

ކީރިތި ރަސޫލާ ﷺ ގެ ސަޙާބީ ބޭކަލެއް ކަމުގައިވާ އަބޫ ލުބާބާގެ އަވަށްޓެރި ޔަތީމު ކުއްޖަކު އުޅުނެވެ. އެއް ފަހަރަކު މިޔަތީމު ކުއްޖާ އޭނާގެ ގޭގެ އިންފާރު ރޭނުމުގެ މަސައްކަތް ކުރަމުން ދިޔައެވެެ. އެހިނދު އެގެޔާ އިންވެގެން ހުރި، އަބޫ ލުބާބާގެ ކަދުރު ބަގީޗާގެ ރުއްތަކުގެ ތެރެއިން ރުކަކާ ހުރެ ފާރު ރޭނުމަށް ދަތިވިއެވެ. ފާރުގެ މަސައްކަތް އިތުރަށް ކުރިޔަށް ގެންދެވެން އޮތީ އެރުއް ކަނޑާލުމުން ނުވަތަ އެރުއް ޔަތީމުގެ ކުއްޖާގެ ގޭގެ އިމުގެތެރެއަށް ލައިގެންނެވެ. އެހެންކަމުން މި މައްސަލަ ހައްލުކުރުމަށްޓަކައި މިޔަތީމު ކުއްޖާ އަބޫ ލުބާބާގެ އަރިހަށް ގޮސް ދެންނެވިއެވެ. "ސާހިބާއެވެ. ސާހިބާގެ ކަދުރުބަގީޗާގެ ރުއްތަކުގެ ތެރެއިން އަޅުގަނޑުގެ ގޭގެ އިންފާރާ ދިމާވާގޮތަށް ހުރި ރުއް އަޅުގަނޑަށް ދެއްވަންވީ ނޫންތޯއެވެ؟ ނޫނީ އެރުއް އަޅުގަނޑަށް ވިއްކަފާނަން ތޯއެވެ. އެ ރުކާހުރެ އަޅުގަނޑުގެ ގޭގެ އިންފާރު ރޭނުމަށް ދަތިވެއްޖެއެވެ. އެރުއް އަޅުގަނޑަށް ދެއްވިޔަސް ސާހިބާއަށް ގެއްލުމެއް ނުވާނެ ނޫންތޯއެވެ."

މިކަމާ އަބޫލުބާބާ ވަގުތުން އިންކާރު ކުރެއްވިއެވެ. އެރުއް ދެއްވާކަށްވެސް އަދި ވިއްކަވާކަށްވެސް އެބަސްވެވަޑައިނުގަތެވެ.

އެހެންކަމުން ޔަތީމު ކުއްޖާ މިކަމަށް އިތުރު ޙައްލެއް ލިބޭތޯ މާތް ނަބިއްޔާ މުޙައްމަދު ރަސޫލާ ﷺ ގެ އަރިހަށް ދިޔައެވެ. އަދި ކަންވީ ގޮތް އެކަލޭގެފާނަށް ދެންނެވިއެވެ. އެހިނދު މާތް ނަބިއްޔާ މިކުއްޖާއަށް ނުހަނު އޯގާތެރިކޮށް ހިތްތެވުމަށްފަހު، އަބޫލުބާބާ ހޯދުމަށް މީހަކު ފޮނުއްވިއެވެ. އެކަލޭގެފާނު ވަޑައިގަތުމުން މާތް ނަބިއްޔާ އަބޫ ލުބާބާއަށް ދެންނެވިއެވެ. "އަބޫ ލުބާބާއެވެ. އެބުނާ ކަދުރު ރުއް މި ކުއްޖާއަށް ދެއްވަން ވީ ނޫންތޯއެވެ؟" ޖަވާބުގައި އަބޫ ލުބާބާ ނޫނެކޭ ދެންނެވިއެވެ. އެހިނދު ރަސޫލުﷲގެފާނު ހަދީޘް ކުރެއްވިއެވެ. "ނޫނީ އެރުއް އެކުއްޖާ އަށް ވިއްކަންވީ ނޫންތޯއެވެ؟" އަބޫލުބާބާ އަނެއްކާވެސް އިންކާރު ކުރެއްވުމުން ރަސޫލުﷲ ގެފާނު ހަދީޘް ކުރެއްވިއެވެ. "އެރުއް ސޮދަގާތް ކުރައްވައިފި ނަމަ އޭގެ ބަދަލުގައި ތިބާ އަށް ޖަންނަތުގައި ކަދުރު ރުކެއްވާނެ ކަމުގެ ޔަގީކަން ދެއްވަމެވެ."

ދެންފަހެ އަބޫ ލުބާބާގެ އަމިއްލަ ރުކަކާ ހުރެ މިޔަތީމު ކުއްޖާ މާތްނަބިއްޔާގެ އަރިހުގައި ޝަކުވާކުރުމުން ހިތްޕުޅާ ހަމަނުވެފައި ހުންނެވިލެއް ބޮޑުކަމުން އެކަމަށް ވަގުތުން އިންކާރު ކުރައްވައި ވިދާޅުވިއެވެ. "ޔާ ރަސޫލުﷲ އެވެ. އެއީ އަޅުގަނޑުގެ އަމިއްލަ ހައްޤެކެވެ. އެއްވެސް މީހަކަށް އެރުއް ވިއްކާކަށްވެސް އެރުއް ދޭކަށްވެސް އަހުރެން ބޭނުނެއް ނުވެއެވެ." މިހެން ވިދާޅުވުމަށްފަހު އެނބުރި ވަޑައިގެންފިއެވެ. ފަހެ މިއަޑު އަހާފައި ޔަތީމު ކުއްޖާ ވަގުތުން ރޯންފެއްޓިއެވެ.

އޭރު މިމަންޒަރު ބައްލަވަން މާތް ނަބިއްޔާގެ ދަރަޖަ މަތިވެރި ސަޙާބީއެއް ކަމުގައިވާ އަބޫ ދަޙްދާ ހުންނެވިއެވެ. އަދި ފުރުޞަތުގެ ބޭނުން ހިއްޕަވައި މާތްނަބިއްޔާގެ އަރިހަށް ޖެހިވަޑައިގެންފައި މަޑުމައިތިރިކަމާ އެކު ދެންނެވިއެވެ. "ޔާ ރަސޫލުﷲ އެވެ. އެރުއް އަޅުގަނޑު ގަނެފައި ޔަތީމު ކުއްޖާއަށް ދީފި ނަމަ އަޅުގަނޑަށްވެސް ޖަންނަތުން ކަދުރު ރުކެއް ލިބުމުގެ ފުރުޞަތު އޮންނާނެތޯއެވެ؟" ޖަވާބުގައި ކީރިތި ރަސޫލާ ﷺ ހަދީޘް ކުރެއްވިއެވެ. "އާނއެކެވެ." އެހިނދު އަބޫ ދަޙްދާ އެންމެ ހިނދުކޮޅަކުވެސް މަޑު ނުކުރައްވައި އަބޫ ލުބާބާގެ ފަހަތުން ދުވެވަޑައިގަތެވެ.

އަބޫ ދަޙްދާ އަކީ ދަރަޖަ މަތިވެރި ސަޙާބީއެއްގެ އިތުރުން އެކަލޭގެފާނު ކަދުރު ބަގީޗާގެ ސަބަބުންވެސް މަދީނާގައި މަޝްހޫރު ބޭކަލެކެވެ. އެކަލޭގެފާނު ކަދުރު ބަގީޗާ އަކީ މުޅި މަދީގައިވެސް މަގުބޫލު ތަނެކެވެ. އެބަގީޗާގައި 400، ބައެއް ރިވާޔަތްތަކުގައި 600 އަށްވުރެ ގިނަ ކަދުރު ރުއް ވެއެވެ. އަދި ބަގީޗާތެރޭގައި އެކަލޭގެފާނު އާއިލާއާ އެކު ދިރިއުޅުއްވުމަށް ރިވެތި ގެކޮޅެއް ބިނާކުރައްވާފައި ވެއެވެ.

ކޮންމެއަކަސް އަބޫ ދަހްދާ، އަބޫލުބާބާގެ ގާތަށް ވަޑައިގެން ދެންނެވިއެވެ. "ކަލޭގެފާނަށްވެސް މަދީނާގައިވާ އަޅުގަނޑުގެ ކަދުރު ބަގީޗާ އެނގިލައްވާ ނޫންތޯއެވެ؟" އަބޫ ލުބާބާ ދެންނެވިއެވެ. "އެބަގީޗާ ނޭނގޭ މީހަކު މަދީނާގައި ހުންނާނެތޯއެވެ؟" އެހިނދު އަބޫ ދަޙްދާ ދެންނެވިއެވެ. އަޅުގަނޑުގެ ކަދުރު ބަގީޗާ އެއްކޮށް ކަލޭގެފާނަށް ދީފީމެވެ. އޭގެ ބަދަލުގައި ޔަތީމު ކުއްޖާގެ ގޭގެ ފާރާ ދިމާވާ ގޮތަށް ހުރި ކަދުރު ރުއް އަޅުގަނޑަށް ދެއްވާށެވެ." ފަހެ އަބޫ ދަޙްދާ މިފަދަ ހުށަހެޅުމެއް ހުށަހެއްޅުއްވުން އަބޫ ލުބާބާ ހީފުޅުކުރެއްވީ އެކަލޭގެފާނު ބުއްދި ގޯސްވީ ކަމަށެވެ. ސުވާލުކުރެއްވިއެވެ. "ކަލޭގެފާނު ބުއްދި ގޯސްވީ ތޯއެވެ؟" އަބޫ ދަޙްދާ ދެންނެވިއެވެ. "ނޫނެކެވެ. މި ތިއްބެވި އެންމެހާ ބޭކަލުން ހެކި ކުރައްވައި މި ވިޔަފާރި ނިންމަވާށެވެ."

ފަހެ މިއީ އެއްވެސް މީހަކަށް ދެކޮޅުނެހެދޭނެ ފަދަ ފައިދާ ހުރި ވިޔަފާރިއެއް ކަމުން އަބޫ ލުބާބާ ވަގުތުން މިކަމަށް އެއްބަސްވިއެވެ. އަދި އެބަގީޗާގެ ބަދަލުގައި ކަދުރު ރުއް އަބޫ ދަޙްދާ އަށް ވިއްކާލިއެވެ. އެ ހިނދު އަބޫ ދަޙްދާ މާތް ނަބިއްޔާގެ އަރިހަށް ވަޑައިގެން އެކަލޭގެފާނު އަރިހުގައި އިން ޔަތީމް ކުއްޖާއަށް އެރުއް ސޮދަގާތް ކުރައްވައިފިއެވެ. ވިދާޅުވިއެވެ. "ކޮއްކޯ އެވެ. އެރުކަކީ މިހާރު ކަލޭގެ ހައްޤެކެވެ." އެއަށްފަހު މާތް ނަބިއްޔާގެ އަރިހުގައި ދެންނެވިއެވެ. "ޔާ ރަސޫލުﷲ އެވެ. ޖަންނަތުގައި މިހާރު އަޅުގަނޑަށް ކަދުރު ރުކެއް ވާނެތޯއެވެ؟" އެހިނދު މާތް ނަބިއްޔާ ހަދީސްކުރެއްވިއެވެ. "އޭ އަބޫ ދަޙްދާއެވެ. ތިޔަ ކަހަލަ ކިތައް ކަދުރު ރުއް މިހާރު ތިބާއަށް ޖަންނަތުގައި ވާނެ ހެއްޔެވެ؟" (ރަވީ ވިދާޅުވެފައިވަނީ އަބޫ ދަޙްދާ އެމަޖިލިސް ދޫކުރައްވައި ވަޑައިގަންނަވަންދެންވެސް މާތް ނަބިއްޔާ އެބަސްކޮޅު ތަކުރާރު ކުރައްވަކުރައްވައި އިންނެވި ކަމަށެވެ.)

ކޮންމެ އަކަސް މި މަތިވެރި ވިޔަފާރި ނިންމެވުމަށްފަހު އަބޫ ދަޙްދާ އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިންކޮޅު ބަލައި ބާގީޗާގެ ކައިރިޔަށް ވަޑައިގަތެވެ. އަދި އެތެރެއަށް ވަދެވަޑައިނުގެން ބޭރުގައި ހުންނަވައިގެން އެކަލޭގެފާނު އަނބިކަނބަލުންނަށް ގޮވައިލެއްވިއެވެ. އެކަމަނާ ވަޑައިގަތުމުން ދެންނެވިއެވެ. "އޭ އުންމު ދަޙްދާ އެވެ. އަހުރެން މި ބަގީޗާ އެއްކޮށް ވިއްކައިފީމެވެ." އެކަމަނާ އެއްސެވިއެވެ. "ކާކަށް ހެއްޔެވެ؟" ދެންނެވިއެވެ. "ޖަންނަތުން ކަދުރު ރުކަކަށްޓަކައެވެ." އެކަމަނާ ދެންނެވިއެވެ. "ﷲ އަކުބަރުއެވެ. ކޮންފަދަ ކާމިޔާބު ވިޔަފާރިއެއް ހެއްޔެވެ/" އެއައްފަހު އަނބި ކަނބަލުންނާއި އެކަލޭގެފާނުގެ ދަރިންކޮޅު ގޮވައިގެން ބަގީޗާ ދޫކުރައްވައި ވަޑައިގަތެވެ. އޭރު ތުއްޕުޅު ބޭކަލުން ބަގީޗާ ދޫކުރައްވައި ނިކުތްއިރު އަތްޕުޅުގައި ހުރި ކަދުރުތައްވެސް ބަގީޗާގެ ތެރެއަށް އެއްލާލެއްވިއެވެ.

އިބުރަތް:- ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިވަހާކައާ މެދު ނިކަން ވިސްނާލަބަލާށެވެ. މިއީ ދުނިޔެއަށް ވުރެ އާޚިރަތަށް ލޯބިކުރާ މީހުންގެ ފުރިހަމަ މިސާލެކެވެ. ހަތަރު ސަތޭކަ އަށް ވުރެ ގިނަ ކަދުރު ރުކާއި އަމިއްލަ އާއިލާ ދިރިއުޅުނު ގެ ދޫކޮށްލެއްވީ އެންމެ ކަދުރު ރުކަކަށްޓަކައެވެ. އެއީ ބަދަލުގައި ދުނިޔެއިން ޒައްރެއްގެ މިންވަރުވެސް ބޭނުން ވެގެނެއް ނޫނެވެ. އަދި އެ ދަނޑިވަޅުގައި އެކަލޭގެފާނު އަނބިކަނބަލުން ދެއްކެވީ ކޮންފަދަ ރިވެތި މިސާލެއް ހެއްޔެވެ؟ އެކަމަނާއާ މަޝްވަރާ ކުރުމެއްވެސް ނެތި ގެދޮރާއި އާމްދަނީ ހޯއްދެވުމަށް ކުރައްވާ ވިޔަފާރި އެއްކޮށް ވިއްކާލުމުން ވެސް ދުލުކޮޅުން ބުނިހާވެސް ބަހަކީ "ﷲ އަކުބަރު" އެވެ. އޭގެ ބަދަލުގައި ތިމަން ކަމަނާ އަރިހުގައި އެހުމެއްވެސް ނެތް ހެއްޔޭ؟ ދެން ފައިސާ ހޯދާނީ ކިހިނެއް ހެއްޔޭ؟ ދަރިންކޮޅު ގޮވައިގެން ވަންނާނީ ކޮންތާކަށް ހެއްޔޭ ކިޔައި ޝަކުވާ ނުކުރައްވައެވެ.

ވާހަކައިގެ މަސްދަރު: އުމަރު ސުލައިމާނުގެ ދަރުހަކުން (އިތުރު ތަފްސީލު ނަގާފައިވަނީ ދަ ސިޔާސަތު ޑެއިލީ އާއި އިސްލާމިކު ގައިޑެންސް ޔޫޓިއުބް ޗެނަލުން)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *