Support Us

މަންމައެއްގެ ބަދު ދުޢާގެ ސަބަބުން ދަރިފުޅަށް ޖެހުނު ހާލު!

އަބުލްޤާސިމް މަޙްމޫދު އިބުނި އުމަރު އަލް ޒަމަޚްޝަރީ އަކީ އިސްލާމީ ރަން ދުވަސްވަރު އުޅުއްވި ޢިލްމުވެރި ބޭކަލެކެވެ. ޤުރުއާނުގެ އިލްމާއި ޅެންވެރިކަމާއި އަރަބިބަހުގެ ފުންނާބު އުސް ބޭކަލެކެވެ. ލިބުނު އަނިޔާއެއްގެ ސަބަބުން އެކަލޭގެފާނުގެ އެއްފައިންޕުޅު ވަނީ ބުރިކޮށްލާފައެވެ. އެއްދުވަހަކު އެކަލޭގެފާނު އެފައިންޕުޅާ ބެހޭ ގޮތުން މީސްތަކުން ސުވާލުކުރެއްވުމުން ވިދާޅުވިއެވެ.

"އަހުރެންގެ ޅަދުވަސްވަރު އަހުރެން ފެންފޯއް ދޫންޏެއްގެ ފައިގައި ދެމޭ ވާގަނޑެއް އައްސައިގެން ކުޅެން އުޅުނީމެވެ. މިހެން އުޅުމުގެ ތެރޭގައި، ފާރުގައި ހެދިފައިވާ ބާގަނޑަކަށް އެސޮރު ގޮސްވަނެއެވެ. ނަމަވެސް އަހުރެން އޭގެ ފައިގައި އައްސާފައި ހުރި ވާގަނޑު އެލިފައި އޮތެވެ. އެހެންކަމުން އަހުރެން އެވާގަނޑުގައި ހިފައިދަމައިގަތީމެވެ. އެހިނދު ވަރަށް ވޭނާ އެކު އެދޫނި އެހޮރުން ނިކުތެވެ. އޭރު އޭގެ އެއްފައި ވަނީ ބުރިވެފައެވެ. ދެންފަހެ މިމަންޒަރު ބަލަން ހުރެފައި އަހުރެންގެ މަންމަ އައި ރުޅީގައި، ބޭއިޚްތިޔާރުގައި އަހުރެންގެ މައްޗަށް ބަދުދުޢާއެއް ކުރެވުނެވެ. މަންމަ ބުންޏެވެ. "އެނިކަމެތި ދޫނީގެ ފައި ބުރިވި ފަދައިން މާތްﷲ ކަލޭގެ ފައިވެސް ބުރިކުރައްވާށިއެވެ."

ކޮންމެއަކަސް އަހުރެން އެކަމާ މާބޮޑު ސަމާލުކަމެއް ނުދެމެވެ. މަންމަ އެބުނި އެެއްޗެއް އަހުރެންގެ ހަނދާނުގައިވެސް ނެތެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އޭގެ އެތައް ދުވަހެއް ފަހުން އަހުރެން ޢިލްމު ހާޞިލް ކުރުމަށްޓަކައި ބުޚާރާ އަށް ދަތުރުފެށީމެވެ. އަދި ދަތުރުމަތީގައި އަހުރެން ސަވާރުވެ އިން އަސްމަތިން ވެއްޓި އަހުރެންގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވިއެއެވެ. ބުޚާރާގެ އެތައް ޑަކުޓަރަކަށް އަހުރެންގެ ފައި ދެއްކީމެވެ. ނަމަވެސް އެއްވެސް ޝިފާއެއް ނުލިބި އެންމެފަހުން އަހުރެންގެ ފައި ޖެހުނީ ބުރިކޮށްލާށެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިއީ މަންމައަކު ކުރި ބަދު ދުޢާގެ އަސަރު ދަރިޔަކަށް ކުރި ގޮތެވެ. އަޅުގަނޑުމެން ދަރިންގެ މައްޗަށް ކުރާ ހެޔޮދުޢާ އިޖާބަކުރައްވާ ފަދައިން ބަދުދުޢާވެސް ﷲ ތަޢާލާ އިޖާބަ ކުރައްވައެވެ. އެހެނީ މައިންބަފައިން ދަރިންގެ މައްޗަށް ކުރާ ދުޢާ އަދި ދަރިން މައިންބަފައިންގެ މަށްޗަށް ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވައެވެ. ހެޔޮ ދުޢާއެއްވިޔަސް ބަދު ދުޢާވިޔަސްމެއެވެ. އެގޮތުން މާތް ނަބިއްޔާ މުޙައްމަދު ﷺ ހަދީޘް ކުރައްވާފައި ވެއެވެ. "އެއްވެސް ޝައްކެއްނެތް ގޮތުގައި އިޖާބަ ކުރައްވާނޭ ތިން ދުޢާ އެއްވެއެވެ. އެއީ އަނިޔާ ލިބޭ މީހާގެ ދުޢާ އާއި ދަތުރުވެރިޔާގެ ދުޢާ އަދި މައިންބަފައިން އެމީހުންގެ ދަރީންގެ މަށްޗަށް ކުރާ ދުޢާ އެވެ."

އެހެންކަމުން މިފަދަ ކަންކަމުން ޢިބުރަތް ޙާޞިލްކޮށް ރުޅިއަންނަ ކޮންމެ ފަހަރަކު ދަރިންގެ މައްޗަށް މިފަދަ ނޭދެވޭ ބަސްތައް ބުނުމާ ދުރިހެލިވަމާ ހިނގާށެވެ.

މަސްދަރު:- ހަޔާތުލް ޙައިވާނުލް ކުބުރާ (ވޮލިޔުމް2)/ މާންކޭ ދުޢާކާ އަސަރް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *