އަމާންކަމުގައި ހިތުގެ ވިންދާއެކީ ތި އަދާ، ވަނީ ދައުރޭ
ޒަމާންތައް ފަހަނަޅައި ދިޔަޔަސް ކުލުނު ލޯތްބާ ވަނީ އިތުރޭ
ހިތުގެ ހޭހަން ތަކުން ލިބިދިން އުފާވެރިކަމުގެ ލައްޒަތުގައި
ހިތުގެ މާތައް ފޮޅޭ އުފަލުން ހަނދާންތަކަކާއެކީ އެ ދިރޭ
ހިމޭން ބީހުންތަކުގެ މަސްތީ އެ ފޮނި އަސަރާއި އުލްފަތުގައި
ނިމޭންދާ ވިންދު ވެސް ބުނެދޭ ތިބާ އެބަވޭ މި މޭގެތެރޭ
އެދޭ ހިނިތުންވުމާ ސާދާ ތި މޫނުގެ ސާފު ހަދިޔާއިން
ހެދޭ ކުރިލާ ހިތުން ގުލްޝަންތަކެއް ވަސްމީރުކަން ފެތުރޭ
ސަމާސާ ގޮތްގަނޑުން ގެނުވާ ދެ ހިތް ރުހެވޭ މަނާޒިރުތައް
ޖަމާވާ ހިނދު ރިވެތި މާޒީން އަލުން އިޙުސާސުތައް އުތުރޭ
ޔަޤީންކަމުގައި ކުރާ އިތުބާރަކުން ދެ ހިތެއް ފިދާވުމަކީ
ޙަޤީޤީ ދުނިޔެއިން ލިބިދޭ އިމެއް ނެތް ލޯބިވެތި އަހުރޭ
ޤަރާރުތަކަށް ކަމޭ ހިތަމުން މަޢީޝަތުގައި މި ދާ ދިއުމީ
ސަރާސަރު މަގުތަކަށް ވިސްނައި ތަސައްވުރުގައި ކުރާ ދަތުރޭ