Support Us

މުސާފިރުގެ ހިތް

ދަތުރުތަކުގައި ޒަމާންތަކެއް ވެއްޖެއެވެ.

ތަޖުރިބާތަކުން މުއްސަނދިވެއްޖެއެވެ.

މޫސުންތަކާއި ނަކަތްތަކުގެ ރޫހެވެ.

ރާޅާއި އޮޔާއި ވައިގެ ނިސްބަތެވެ.

 

މުސާފިރު އެނބުރި ފަސްބަލައިލިއެވެ.

އޭނާއަށް ފެނުނީ އޭނާ ދަތުރު ކުރަމުންދާ އުޅަނދުގެ މޯހިރެވެ.

އޭނާއަށް ފެނުނީ އޭނާހެން ދަތުރު ކުރަމުން އަންނަ އެތައް މުސާފިރެކެވެ.

 

މުސާފިރު މާނޭވާއެއް ލިޔެވެ.

ދުނިޔޭގެ މިޒާޖަށް އަންނަމުންދާ ބަދަލުތައް އޭނާއަށް ހަފަރާތުން ފެނުނެވެ.

އުދަރެހަށް ވަށަވަށައިގެން އަރަމުން ދިޔަ ކުލަތަކަށް އޭނާގެ ނަޒަރު ހުއްޓުނެވެ.

 

މާކަނޑެއްގެ މެދެވެ.

ނަގާ ބިޔަ ބާނިތަކާ އެކު އޭނާގެ އުޅަނދު ހީވަނީ ރޫޅިގެން ހިނގައިދާނެ ހެންނެވެ.

 

އިރު އޮއްސެން ކައިރިވެއްޖެ ކަން ގުދުރަތުގެ ގަޑިން އެނގުނެވެ.

ދެން ކުރިމަތިލާން ޖެހެނީ ކިހައި ބޮޑު ތުރާތަކާ ކަމެއް މުސާފިރަކަށް ވިސްނައެއް ނުގަނެވެއެވެ.

 

މި މުސާފިރުގެ މަންޒިލް ވީ ކޮން ހިސާބެއްގައި ކަމެއް އޭނާއަކަށް ނޭނގެއެވެ.

ދަތުރުމަތީގެ ހައިޖާންތަކުން ރެކެން އޭނާގެ އަތަކު ސިންދުބާދު ގެންގުޅުނު ފަދަ ކަޑިއެއް ބަޑިއެއް ޖާދޫގެ ޖަވާހިރެއް ވެސް ނެތެވެ.

އޭނާއަށް ލިބިފައިވާ ހައި ވެސް އެއްޗަކީ އޭނާގެ އީމާންތެރިކަމާއި އިއުތިގާދެވެ.

 

މުސާފިރު އުޑަށް ބަލައިލިއެވެ.

އޭނާއަށް ފެނުނުނީ އުންމީދެއްގެ ވިދުވަރެވެ.

ކުރިމައްޗަށް ބަލައިލިއެވެ.

އޭނާއަށް ފެނުނީ އުންމީދެއްގެ ހުޅުކޮޅެވެ.

ފަހަތަށް ބަލައިލިއެވެ.

އޭނާއަށް ފެނުނީ އުންމީދެއްގެ އުޖާލާ އަލިކަމެވެ.

 

ހަލަބޮލިކަމަކަށް ފަހު އައި ހިމޭންކަމެކެވެ.

މުސާފިރު އޭނާގެ ދެއަތް މާތްރަސްކަލާނގެއަށް ޓަކައި މައްޗަށް ނެގިއެވެ.

 

ހިނދުކޮޅެއްގެ ވެސް ހިނދުކޮޅެކެވެ.

ކުރިމަތިން ސާފުސާފުކޮށް ހާމައަށް ފެންނާން އޮތީ އޭނާގެ މަންޒިލެވެ.

އުފާވެރިކަމުގެ މަހައްލެވެ.

ހިނިތުންވުމުގެ މައިދާނެވެ.

މުސާފިރު ހިނިތުންވެލިއެވެ.

މާތްރަސްކަލާނގެއަށް ހަމްދުކޮށް ޝުކުރުގެ ސަޖިދައެއް ކުޅައެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *