ފޭރާން ވަރަށް ނުރުހުންވެފައި ބުންޏޭ ތިނޯހަށް ގަދަ އަޑުން
ވޭނާ ތަދާ އަބަދުމެ ދެނީ ބަލަ ކީއްވެހޭ ތިޔަ އޫ ތުނޑުން
އަހަރެންގެ ގައިގެ ކިތައް ތަނަށް އެތަކެއް ފަހަރު އެތަކެއް ގޮތުން
ޒަޚުމާ ރިހުން ދީފީމުހޭ އަނގައިން ނުބުނެ އޮއްވައި މަޑުން
ތިޔަ ނޫންކަމެއް ދުވަހަކު ތިބާ، ކޮށްފީމުހޭ މި ޙަޔާތުގައި؟
ހިޔަ ހާސް އަހަރު ވީއޭ އުފަން ނޭވާލި ތާ މަންމަގެ ބަނޑުން
ކެތްތެރި ވަރަށް ވެސް ރަޙުމުހުރި އަޑަކުން ތިނޯސް މި ޝިކާޔަތަށް،
ހިތްތިރިކަމާއެކުގައި ޖަވާބެއް ފެށްޓިޔޭ ޙިކަމުގެ ކަނޑުން
އަހަރެންނަކީ މީ މުޞްލިޙޭ އިޞްލާޙު ކުރުމޭ އުފަލަކީ
އަހަރެން ރަސޫލެއްހެން ފޮނުއްވީ އެ ކަމަށޭ މި ބިމަށް އުޑުން
ހަމަ ކޮންމެ މުޞްލިޙަކީ އުކޭ އޮއްގަލުގެ ޚާއްޞަ އަމާޒެކޭ
ހަމަ ނޫން ބައެއް ގޮފި ބުރިނުކޮށް މޭވާ ލިބޭ ހެއްޔޭ ދަނޑުން
ފޭރާން އެކީގައި ވީދިގެން ފިނދިގެން ހަލާކުވެގެންދެޔޭ
ހޭހަންކުރަން ތުނޑު އޫ ތިނޯސް ނެތް ނަމަ އެކަތަޔާއި ދަގަނޑުން
ސިއްރެއް ބުނަންހޭ ހަމަ މިހެން ފުނޑުފުނޑުވެޔޭ އެބަ ޤައުމުތައް
ހިތްވަރު ނިކަންހުރި މުޞްލިޙުން ހިންދެމިނުލާ ނަމަ، ފަސްގަނޑުން