...

Support Us

ހުޅުލެއަށް ކަރަންޓު ދިނުމަށް ސްޓެލްކޯ އާއި އެމްއޭސީއެލް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި

މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއެކުރެއްވީ އެމްއޭސީއެލްގެ އެކްޓިންގ އިންޗާޖް އިބްރާހިމް ތޯހާއެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު މުޣުނީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސްޓެލްކޯއަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެެންމެ އިސް ސަފުގައި މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި، އެމްއޭސީއެލްއަކީ ގައުމުގެ އިގްތިސޯދަށް އެންމެ ބޮޑަށް ހިއްސާ ކުރާ އެއް ކުންފުނި ކަމަށެވެ. އަދިި އެމްއޭސީއެލްގެ ކުރިއެރުމަކީ މުޅި ގައުމުގެވެސް ކުރިއެރުން ކަމަށާއި، މިފަދަ ކޮންމެ ކަމެއްގައި އަދި ހާއްސަކޮށް ގައުމުގެ ތަރައްގީއާއި ކުރިއެރުމާ ގުޅުން ހުރި ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭން ސްޓެލްކޯއިން ފަސްނުޖެހޭނެ ކަމަށާއި، ކޮށްދޭންޖެހޭ ކޮންމެ ކަމެއް ކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.

"އެމްއޭސީއެލް ވެސް މިވަނީ ވޭތުވެދިޔަ ތަނުގައި އަޅުގަނޑުމެންނަށް ދިމާވި ދަތިތަކުގައި އެހީތެރިކަން ދެއްވާފައި. ހަމަ އެގޮތަށް އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެންގެވެސް މޯރަލް އަދި އެތިކަލް އޮބްލިގޭޝަނެއް އޮތްކަމަށް އެމްއޭސީއެލްއަށްވެސް ދަތިކަމެއް ދިމާވާ ވަގުތުގައި އެކަމަށް އެހީތެރިވެދޭން. އެގޮތުން އެމްއޭސީއެލްގެ ޕްރޮޖެކްޓް ޑިލޭވެގެން ދިއުމާއެއްކޮށް، އަޅުގަނޑުމެންނަށް ލިބޭ ހާއްސަ އުފަލެއް އެމްއޭސީއެލްއަށް މިކަން ކޮށްދެވުމަކީ. އަދި ކުރިޔަށް އޮތް ތަނުގައިވެސް ސްޓެލްކޯއިން އެމްއޭސީއެލްވެސް އަދި ސަރުކާރުގެ އެހެން އެސްއޯއީސްތަކާއި އެހެން އާންމު ފަރާތްތައްވެސް އެބޭނުންވާ ކަންކަމުގައި އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދޭނަން،" މުޣުނީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކްޓިންގ އިންޗާޖް ތޯހާ ވިދާޅުވީ، އެއާޕޯޓް ތަރައްގީ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މިވަގުތުވެސް ކުރަމުންދާ ކަމަށާއި، އެއާޕޯޓް އިތުރަށް ތަރައްގީކުރުމަށް ހަދާފައިވާ މާސްޓަޕްލޭންގައި ވެސް ވަރަށް ގިނަ ޕްރޮޖެކްޓްތަކެއް ހިމެނޭއިރު، އެކަންކަމުގެ ތެރޭގައި ސްޓެލްކޯގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށެވެ. އަދި މިވަގުތު އެމްއޭސީއެލްއިން ހުޅުލެއަށް ކަރަންޓު ދެމުންގެންދާއިރު، ބޭނުންވާ ވަރަށް ކަރަންޓު ފޯރުކޮށްނުދެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިވަގުތު އަޅުގަނޑުމެންގެ ޕަވަރ އެވަރަކަށް އަދި ސަޕްލައިއެއް ނުކޮށްދެވޭ. ސްޓެލްކޯގެ އެހީއާއެކު އަޅުގަނޑުމެންނަށް މިކަން ކުރެވެން އަންނަނީ މިވަގުތު. އެހެންވީމަ، މިއީ ދެބައިމީހުން ގުޅިގެން ކުރަން ވަރަށް ރަނގަޅު މަސައްކަތެެއް ކަމަށް އަޅުގަނޑު ދެކެނީ،" ތޯހާ ވިދާޅުވި އެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުލެއަށް ކަރަންޓު ފޯރުކޮށްދެވިގެން ދާނީ ހަކަތައިގެ ސިނާއަތުގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމުގައިވާ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑް މެދުވެރިކޮށް ކަމަށް ސްޓެލްކޯ އިން ބުނެއެވެ. މި ގްރިޑާއެކު، ސްޓެލްކޯއިން މިހާރު ވަނީ މާލެއާއި ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލައިފައެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.