ތިޔަ ކުރާ "އުނދަގޫތަކުން" ހިތް މަސްތުކުރުވާފައި ކަލާ
ތިޔަ ދަނީ ހަމަ ކޮންމެ ރެޔަކުމެ މާދުރަށް އަހަރެން ނުލާ
އިންތިހާ ކެތްތެެރިކަމަށްވެސް ގައިމު ބަދަލެެެެއް ވާނެތާ
މިންތަކާ އިންތައް ހުރަސްކޮށް އާދެބަލަ އަހަރެން ބަލާ
ދެތިން ތަސްވީރަކަށް ކަޅި ހުއްޓުމާއެކުގައި މަށަށް
ހާދަ ރީއްޗޭ ބުނެވުނޭ ތިޔަ ތުންފަތާ މޫނާ ލޮލާ
ހުރެވެޔޭ ދެކިލާހިތުން ތިޔަ ސޫރަ ނޭނގޭހޭ އެކަން؟
ފޮރުވި ސިއްރުގެ ބިއްދޮށަށް ވަދެ ނުހުރެބަލަ ތިޔަހެން ފިލާ
މޭތެރޭ އިޝްޤުން އުފަންކުޅަ އޮއިވަރާއެކު މިހިތުގައި
ކޭތައެއް ލޯބީގެ ހިފިތަން ދެކިލުމަށް އަޅެ އައިސްބަލާ
އިތުރު ލައްޒަތަކަށް އަދާ ކުރި އިންތިޒާރާއެކުއެކީ
އުތުރި އެރި ޖަޒުބާތުތަކަކުން ނުނިދުނޭ ރޭވެސް ހިލާ
