Support Us

އުމަރުގެފާނުގެ ހިކުމަތުގެ ބަސްފުޅުތަކުގެ ތެރެއިން ބަސްކޮޅެއް

އުމަރުގެފާނަކީ މުސްލިމުންގެ ދެވަނަ ޚަލީފާއެވެ. އެންމެ ފުޅާ ދާއިރާއެއްގައި, އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން, އިސްލާމީ ދައުލަތް އިތުރަށް ބިނާކުރެއްވި ވެރިޔާއެވެ. އެކަލޭގެފާނު ޚަލީފާކަން ކުރެއްވީ ހިޖުރައިން 13ވަނަ އަހަރުން ފެށިގެން 22ވަނަ އަހަރަށެވެ. ތިރީގައި އެ ވަނީ އެކަލޭގެފާނަށް ނިސްބަތް ކުރެވޭ ހިކުމަތުގެ ބަސްކޮޅެއެއްގެ މާނަކޮށްލުމެކެވެ.

  1. އަހަރެންނަށް އިޚުތިޔާރެއް ލިބިގެންވީ ނަމަ، މާ ވިއްކާ މީހެއް ނޫން މީހަކަށް އަހަރެން ނުވީމުހެވެ. އޭރުން، އެކަމުން މާ ބޮޑު ފައިދާއެއް ނުކުރި ކަމުގައި ވިޔަސް، މީރު ވަސް ދުވުމުން އަހަރެން މަހުރޫމެއް ނުވީހެވެ.
  2. މީހެއްގެ އަޅުވެރިކަމާއި ހެޔޮލަފާކަން ދެނެގަތުމަށްޓަކައި އޭނާގެ ރޯދަހިފުމާއި ނަމާދުކުރުމަށް ކަލޭމެން ނުބަލާށެވެ. ކަލޭމެން ބަލަން ޖެހޭނީ އޭނާ ވާހަކަ ދައްކައިފި ނަމަ، އޭނާ ތެދު ބުނޭތޯއާއި އޭނާއާ އަމާނާތެއް ހަވާލުކުރެވިއްޖެ ނަމަ އެކަން އޭނާ ފުއްދާތޯއެވެ. އޭނާ ތެދު ބުނެ، އަމާނާތްތެރި ވެއްޖެ ނަމަ، އޭނާ އަކީ އަޅުވެރި، ހެޔޮލަފާ މީހެކެވެ.
  3. ހަނުހުރެގެން އަހަރެން ހިތާމަކުރާކަށް ނުޖެހެއެވެ. ނަމަވެސް، ވާހަކަދެއްކުމުގެ ސަބަބުން އެތައް ފަހަރަކު އަހަރެން ހިތާމަކުރީމެވެ.
  4. ކަލޭމެންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ ދުނިޔެ ދޫކޮށްލާފައި އާޚިރަތަށްޓަކައި މަސައްކަތްކުރާ މީހާއެއް ނޫނެވެ. ނޫނީ އާޚިރަތް ދޫކޮށްލާފައި ދުނިޔެއަށްޓަކައި މަސައްކަތް ކުރާ މީހާއެއް ވެސް ނޫނެވެ. ކަލޭމެންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ ދުނިޔެއާއި އަދި އާޚިރަތަށްޓަކައި ވެސް މަސައްކަތްކުރާ މީހާއެވެ. ދުނިޔެއަށްޓަކައި މަސައްކަތްކުރުމުގައި މައްސަލައަކަށް ވަނީ ބޭނުން ޖެހޭ މިންވަރުގެ ހައްދު ފަހަނައަޅާ ދިޔުމާއި ފުދޭ މިންވަރަށް ވުރެ އިތުރަށް އެދުމެވެ.
  5. މީހެއްގެ ކިބައިގައިވާ އުނިކަމެއް އޭނާއަށް އިހުސާސުވުމުގެ ސަބަބުން މެނުވީ އޭނާ ކިބުރުވެރިއެއް ނުވެއެވެ.
  6. ކަލޭމެން (އަރަބިން ތިބީ) މީސްތަކުންގެ ތެރޭގައި ވި އެންމެ ދަށު ދަރަޖައިގެ މީހުންގެ ގޮތުގައެވެ. އަދި، [އާރެއް ބާރެއް ނެތް] އެންމެ ނިކަމެތީންގެ ގޮތުގައެވެ. އަދި އެންމެ މީސްކޮޅު މަދު ބައެއްގެ ގޮތުގައި ވެސް މެއެވެ. ދެން، ކަލޭމެންނަށް އިސްލާމް ދީނުގެ ތެދުމަގު ދައްކަވައި މާތްﷲ ކަލޭމެން އިއްޒަތްތެރި ކުރައްވައި މަތިވެރިކުރެއްވިއެވެ. އިސްލާމް ދީން ނޫން އެހެން ގޮތެއް މެދުވެރިކޮށް އިއްޒަތާއި މަތިވެރިކަން ކަލޭމެން ހޯދަން އުޅެފި ނަމަ، މާތްﷲ ކަލޭމެން ނިކަމަތިކުރައްވާނެއެވެ.
  7. އަޚުލާގު ނުބައި މީހުންނާ އެކުގައި ވުމަށް ވުރެ އެކަނިވެރިވެ ހުރުމުގައި ހިތް ހަމަޖެހުން ވެއެވެ.
  8. އަމާނާތްތެރިޔާ ބަލިކަށިވެ، ޚިޔާނަތްތެރިޔާ ގަދަފަދަވެފައި ވުމުން، އެކަމާ މެދު މާތްﷲ ހަޟުރަތުގައި ޝަކުވާ ދަންނަވަމެވެ.
  9. ހެނދުނުގެ ވަގުތު އަހަންނާ ބައްދަލުކުރަނީ އަހަރެން ކޮން ހާލަތެއްގައި ވަނިކޮށްތޯއާ މެދު، އަހަރެން ރުހޭ ހާލަތެއްގައިތޯ ނޫނީ އަހަރެން ނުރުހޭ ހާލަތެއްގައިތޯ އާ މެދު، އަހަރެން ކަންބޮޑެއް ނުވަމެވެ. އެހެނީ އެކަމުގައި އަހަންނަށް ހެޔޮ ގޮތް އެކުލެވިގެން ވަނީ އަހަރެން ރުހޭ ހާލަތުގައި ކަމެއް ނޫނީ އަހަރެން ނުރުހޭ ހާލަތުގައި ކަމެއް އަހަންނަށް އެނގިގެން ނުވެއެވެ.
  10. މާތްﷲ ޚަލްގުކުރެއްވި އެއްޗެހި އޭނާގެ ކުރިމަތިން ފެންނަން އޮންނަ އިރު ވެސް، މާތްﷲ ވޮޑިގެންވުމާ މެދު ޝައްކުކުރާ މީހާއާ މެދު އަހަރެން ހައިރާންވެ، އަންތަރީސްވަމެވެ. މަރު އޭނާގެ ކުރިމަތިން ފެންނަ އިރު ވެސް، މަރު މަތިން ހަނދާންނައްތާލާ މީހާއާ މެދު އަހަރެން ހައިރާންވެ، އަންތަރީސް ވަމެވެ. ދުނިޔަވީ ދިރުއްވުން އޭނާގެ ކުރިމަތިން ތަމްސީލުވެ، ފެންނަމުންދާ އިރު ވެސް، އުޚުރަވީ ދިރުއްވުން މަތިން ހަނދާން ނައްތާލާ މީހާއާ މެދު އަހަރެން ހައިރާންވެ، އަންތަރީސް ވަމެވެ. އުޚުރަވީ ދެމިހުންނަނިވި ގޯތި ބިނާކުރުން ދޫކޮށްލާފައި ހަމައެކަނި ދުނިޔަވީ ފަނާވަނިވި ގޯތި އިމާރާތް ކުރާ މީހާއާ މެދު އަހަރެން ހައިރާންވެ، އަންތަރީސް ވަމެވެ. އިއްޔެ އޭނާއަކީ މަނިފޮދުވަރެއް ކަމުގައިވެ، މާދަމާ އޭނާ ފުރާނަނެތް މަސްގަނޑަކަށްވާނޭ މީހާ، ބޮޑާވެ ކިބުރުވެރިވެގަންނާތީ އެކަމާ މެދު އަހަރެން ހައިރާންވެ، އަންތަރީސް ވަމެވެ.
  11. ކަލޭގެ އަޚާގެ ކިބައިން އެގޮތާ ޚިލާފު ކަމެއް ފެނެއްޖައުމަށް ދާންދެން، އޭނާއާ މެދު ހެޔޮކޮށް ހީކުރާށެވެ. އޭނާގެ ދުލުން ނިކުންނަ ބަހެއް ހެޔޮ ގޮތުގައި މާނަކުރެވެން އޮތްހާ ހިނދަކު، އެ ބަސް ނުބައި ގޮތެއްގައި މާނަ ނުކުރާށެވެ.
  12. މީހަކު އުމަރުގެފާނަށް ދެންނެވިއެވެ. މިވެނި މީހަކީ ތެދުވެރިއެކެވެ. ދެން އުމަރުގެފާނު ވިދާޅުވިއެވެ. އޭނާއައާ އެކު ކަލޭ ދަތުރެއް ކުރީމު ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ނޫނެކެވެ. ދެން އުމަރުގެފާނު ވިދާޅުވިއެވެ. ކަލޭ އޭނައާ އެކު އެއްވެސް މުއާމަލާތެއް ކުރީމު ހެއްޔެވެ؟ އޭނާ ދެންނެވިއެވެ. ނޫނެކެވެ. ދެން އުމަރުގެފާނު ވިދާޅުވިއެވެ. ކަލޭ އޭނާ އަތުގައި އަމާނާތެއްގެ ގޮތުގައި އެއްވެސް އެއްޗެއް ބޭއްވީމު ހެއްޔެވެ؟ ދެން، އޭނާ ދެންނެވިއެވެ. ނޫނެކެވެ. ދެން އުމަރުގެފާނު ވިދާޅުވިއެވެ. ކަލެއަކަށް އޭނާއެއް ނޭނގެއެވެ. ހީވާ ގޮތުގައި މިސްކިތުގައި އޭނާ ބޯ އުފުލައި ތިރިކުރާތަން ކަލެއަށް ފެނުނީއެވެ.
  13. ތައުބާވުމަށް ވުރެ، ކުށަށް އަރައިނުގަތުން މޮޅު އިތުރުވެގެން ވެއެވެ.
  14. ކަލޭމެންގެ އަދުއްވުންގެ މައްޗަށް ކަލޭމެން ކާމިޔާބު ހޯދަނީ ކަލޭމެންގެ އަދަދު ގިނަވެ، ކަލޭމެންގެ ހަތިޔާރު މޮޅުވެގެންނެއް ނޫނެވެ. ނަމަވެސް، މި ދީން މަތީ ކަލޭމެން ތެދުވެރިވެ، ފައިތިލަ ސާބިތުކޮށްގެން ތިބުމުންނެވެ. ކަލޭމެންގެ ފާފަތަކާއި ކަލޭމެންގެ އަދުއްވުންގެ ފާފަތައް ހަމަހަމަ ވެއްޖެ ނަމަ، ކަލޭމެންގެ މައްޗަށް ކަލޭމެންގެ އަދުއްވުން ކާމިޔާބު ހޯދާނެއެވެ.
  15. މާތްﷲ މައުރިފާކޮށް ދެނެގަތުން ލާޒިމުކުރަނީ އެކަލާނގެއަށް ބޯލަނބައި ކިޔަމަންގަނެ، އެކަލާނގެއަށް ބިރުވެތިވުމެވެ. އެކަލާނގެއަށް ބިރުވެތި ނުވުން އަންގައިދެނީ އެކަލާނގެ މައުރިފާކޮށް ދެނެގަތުމުން ހިތް މަހުރޫމުވެފައިވާ ކަމެވެ. އެކަލާނގެ މައުރިފާކޮށް ދެނެގަތުމުގެ މޭވާއަކީ އެކަލާނގެއަށް ބިރުވެތިވުމެވެ. އެކަލާނގެ ވޮޑިގެންވާކަން ޔަގީންވުމުގެ މޭވާއަކީ އެކަލާނގެ ރަހުމަތަށް އެދެވުމެވެ. ސުވަރުގެ އެދޭ މީހާ ސުވަރުގެ އަދައިގެން ގަދައަޅާ މަސައްކަތްކުރާނެއެވެ. ނަރަކައާ މެދު ބިރުވެތިވާ މީހާ ނަރަކައިން ދުރަށްދާން ގަދައަޅާ މަސައްކަތްކުރާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *