އޭ ހިތާ، ތިޔަ ހިތުގެ ތުނިފަރުދާ ތެރޭގައި އިޝްގުވޭ
ނޭހިޔަސްވެސް، ހާލު ދުވަހަކު އިންތިހާއަށް ލޯބިވޭ
އޭ ލޮލާ، ތިޔަ ލޮލުގެ ދުރުމީން މާދަމާއަށް ނަޒަރުދީ
މޫލަމުންދާ ވިހަ ބެލުންތައް، ނުބެލުމަށް އިޤުރާރުވޭ
އޭ ވަޔާ ދުނިޔޭގެ ހުޅަނގާ އިރުދެކުނު އުތުރަށް ތިބާ
ނޭވަޔަށް މަޑުކޮށްނުލައި، ހެލިފެލިވުމަށް މަޖުބޫރުވޭ
އޭ އިރާ! ތިޔަ އަލި ނުވާނަމަ، ހަނދުގެ ބޭނުމަކީ ކޮބާ
ވާއިރެއް ނޭނގޭނެ، ބުނެދޭން ރޭދުވާ ފަރަގެއްނުވޭ
އޭ ހަނދާ! ހަނދުވަރުގެ ސަބަބުން މޫނު އަނބުރައިލާ ގޮތުން
ދޭހަވާ ހިތްތަކުގެ ރުއިމުން، ހުރި އުދާސްތައް ކަޝްފުވޭ
އޭ ޒަމާނާ ކަރުނަ ނާޅާ ނެތިކުރަން މި ފަސާދަތައް
މާ ޒުވާން ޖީލެއްގެ ނަމުގާ އެންމެކަމަކަށް ވަޢުދުވޭ
އޭ އިލާހީ ރަޙުމަތުން މިންވަރުކުރެއްވެވި ދުނިޔެއީ
މީ ބިލާހީ ހުވަފެނެއް، ނިކަމެތި އަޅާއަށް ފަހުމުވޭ
