ކުރެވޭ ޚިޔާލުގެ ދަތުރުގައި ހިނދުހިނދުކޮޅުން ބައްދަލުވެޔޭ
ދުރުވާކަށެއް ނޭދޭ ހިތެއް ތިޔަ އަސަރުގައި ހިތް ބަނދެވެޔޭ
ގަސްތެއް ނެތަސް ދެހިތުގެ ހިމޭން ޖަޒުބާތުތައް އެއްތަންވެގެން
މަސްތީ ކުރުވި މި ޖުނޫނުގައި ދެހިތުންމެ އަދު ހިއްސާވެޔޭ
ލޯބީގެ ހަމަޔާ އިންތަކާ ދަނެ އޮތް މިދެހިތުގެ ނިވަލުގައި
ލޯބީގެ ހުރިހާ ސިއްރުތައް ދުނިޔޭގެ ނަޒަރަށް ފޮރުވެޔޭ
ތިޔަ ޖިސްމު ދިން ދަޢުވަތުތަކަށް ވިންދުން އިޖާބަ އެ ދިންގޮތުން
ވިޔަވުންނުވާ ފޮނި ހަނދުމަތައް ނުފިލާނެހެން ހިތުގައިވެޔޭ
ބަދަލުވި ހިތާ އަދި ހިތުގެ ފުން އިހުސާސުގައިވާ މާނަތައް
އަދު ފުރޮޅިގެން ދިޔަ ދިޔުމުގައި ހާލަތުގެ އިހުމާލެއްވެޔޭ
އަސްލީ މަޤާމަށް ބުއްދި ގޮސް ވިސްނައިދިނަސްވެސް މިކަމުގައި
ފަސްއެނބުރި ބެލުމަށް ނުކުޅެދޭ ލޯބީގެ ގަދަ ބާރެއްވެޔޭ
ހީކުރިވަރަށްވުރެ ގާތްވެ ހިތް، މާއްދީ ދެ ޖިސްމެއްގައި ވިޔަސް
ދޫކުރި ހަނދާންތައް އެގޮތުގައި ލޯބީގެ މެހެފިލްގައިވެޔޭ
