Support Us

ނަބަވީ ހިކުމަތުގެ ކޯރުން ނެގޭ ފޮދުވަރެއް- 2

  1. ސުވަރުގެ ވަނީ މަންމަގެ ފައިތިލައިގެ ދަށުގައެވެ.

އާދެ، ނަބަވީ މި ހަދީސްގައި ބާރުއެޅި، އިޝާރަތް ކުރަނީ މައިންނަށް ހެޔޮކޮށް ހިތުމަށެވެ. ކީރިތި ގުރުއާނުގެ އާޔަތްތަކުގައްޔާއި އަދި ނަބަވީ އެހެން ހަދީސްފުޅުތަކުގައި ވެސް މިކަމަށް ބާރުއެޅިފައި ވެއެވެ. މިސާލަކަށް، އިސްރާއު ސޫރަތުގެ 25-23 އަށް، މި އާޔަތްތަކުގައި، މައިންބަފައިންނާ މެދު އަޅާލައި އޯގާތެރިކޮށް ހިތައި އެމީހުންގެ މައްޗަށް ހެޔޮ ދުއާކުރުމަށް ބާރުއަޅައި، އިރުޝާދު ދެވިފައި ވެއެވެ. ހަމަ އެހެންމެ، ލުޤުމާނު ސޫރަތުގެ 14 ވަނަ އާޔަތުގައި ވެސް މައިންބަފައިންނަށް ޝުކުރުވެރިވެ، ހެޔޮކޮށް ހިތުމަށް ބާރުއެޅިފައވެއެވެ. މީގެ އިތުރުން ބައެއް އެހެން ހަދީސް ބަސްފުޅުތަކުގައި ވެސް އެކަމަށް ބާރުއެޅިފައެވެ. މިސާލަކަށް، އެ ބަޔަކީއެކު، އެކުގައި، ވަގުތު ހޭދަކުރުން އެންމެ އައުލާކަން ބޮޑީ މައިންބަފައިންކަން ވެސް ބުނެދެވިފައި ހަދީސް މިފަދަ ހަދީސްތަކުގެ ތެރޭގައި ހިމެނެއެވެ.

  1. ކަލޭމެންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑުވެގެން ވާ މީހަކީ އޭނާގެ އަތްފައިންނާއި ދުލުން، އެހެން މީހުންނަށް އުނދަގޫ ނުކޮށް، ސަލާމަތްކަން ލިބިދޭ މީހާއެވެ.
  2. އީމާންކަން ފުރިހަމަ ވެއްޖެއުމަށް ދާންދެން ކަލޭމެންނަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. ކަލޭމެން އެކަކު އަނެކަކަށް ލޯބިކޮށްފުމަށްދިޔުމުން މެނުވީ ކަލޭމެންގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ.

މި ބަސްފުޅުގައި ދެކަމަކަށް އިޝާރަތްކުރެވި، ބާރުއެޅިފައި ވެއެވެ. ފުރަތަމަ ކަމަކީ އީމާންވެ، އެކަން ފުރިހަމަ ކުރުމެވެ. މާތްﷲއާއި އެކަލާނގެ ރަސޫލާއަށް އީމާންވެ، އެ އީމާންކަން ލާޒިމުކުރާކަންކަން ކުރުމުގައްޔާއި އެކަން ނަފީކުރާ ކަންކަމުން ދުރުހެލިވެ ދެމިހުރުމެވެ. ނަމާދާއި ރޯދަފަދަ ދީނީ އަޅުކަމުގެ ރަސްމުތައް ފުރިހަމަކޮށް، އެކަމުން ހޯދޭ ރޫހާނިއްޔަތުގެ ސިފަ ކުރިއަރުވައި، 'މަކާރިމުލް އަޚުލާގުގެ ސިފަތައް، އާދެ، އެންމެ ރިވެތިވެގެންވާ އަޚުލާގީ ސިފަތައް ލިބިގަތުމެވެ. ދެވަނަ ކަމަކީ މި ސިފަތަކުގެ ތެރޭގައި ހިމެނޭ މުހއްމު ސިފައެކެވެ. އަނެކުން ދެކެ ލޯބިވެ، ހިތް ހެޔޮކޮށް، އަނެކުންނަށް، ތިމާގެ އަމިއްލަ ނަފްސަށް އެދޭފަދައިން ހެޔޮ އެދުމެވެ.

  1. ހެޔޮ ލަފާ އިންސާނަކު އަންހެނުންނާ މެދު މުއާމަލާތްކުރާނީ ޝަރަފުވެރިކަމާ އެކުގައެވެ. [މާނައަކީ އެމީހުންނަކީ ގަދަރުވެރި އިއްޒަތްތެރި ބައެއްގެ ގޮތުގައި ދެކިގެންނެވެ. ތިމާމެންގެ އަމިއްލަ އެދުންތައް ފުއްދުމުގެ ވަސީލަތެއް ކަމުގައި ބަލައިގެންނެއް ނޫނެވެ.]
  2. އެހެން މީހުންގެ އައިބުތަކާއި ކުށްތަށް ފާހަގަކޮށް އެކަމުގެ ވާހަކަ ދެއްކުމަށް އެދުންވެރިވާ ހިނދު، ތިމާގެ އަމިއްލަ އައިބުތަކާއި ކުށްތަކުގެ މަތިން ހަނދާންކުރާށެވެ.
  3. ބާރުގަދަ މީހަކީ ހަށިގަނޑުގެ ބާރުގަދަ މީހާއެއް ނޫނެވެ. ނަމަވެސް، ރުޅިއަންނަ ވަގުތު ވަގުތުގައި އޭނާގެ ނަފްސު އޭނާގެ ބާރުގެ ދަށުގައި ހިފަހައްޓައި ކޮންޓުރޯލުކުރެވޭ މީހާއެވެ.
  4. އަންހެނުންނާ މެދު ހެޔޮ ގޮތުގައި މުއާމަލާތްކުރުމަށް މާތްﷲ ފަރުޟުކުރައްވާފައި ވެއެވެ. އެހެނީ، އެމީހުންނަކީ ކަލޭމެންގެ މައިން ނޫނީ ކަލޭމެންގެ އަންހެން ދަރިން ނޫނީ ކަލޭމެންގެ އުޚުތުންނާއި ކަލޭމެންގެ ބޮޑުދައިތައިންނެވެ.
  5. ތެދުވެރިއެއްގެ ގޮތުގައި ހުރުމާއި ހެޔޮ އަމަލު ކުރުމުގައި ދެމިހުރުމަށް، އަބަދުވެސް، ގަދައަޅައި މަސައްކަތްކުރާށެވެ.
  6. އެންމެ މަތިވެރިވެގެންވާ ޖިހާދަކީ އަނިޔާވެރި ވެރިއެއްގެ ކުރިމަތިގައި ހައްގު ތެދު ބަސް ބުނެ ވާހަކަ ދެއްކުމެވެ.

އާދެ، ކަންކަން ގޯސްވަމުންދާއިރު، ހަނު ހުރެ، އެކަންކަން އެެހެން މީހުންގެ މައްޗަށް ފާކޮށްގެން ހުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެފަދަ ވަގުތެއްގައި އެކަންކަން ފާހަގަކޮށް، އެވާހަކަ ދައްކަން ޖެހޭނެއެވެ. މިއީ ވަކި މީހަކު ނުވަތަ ވަކި ބަޔަކު- ކިޔަވައިގެން ހުރި މީހާ، ދިނީ މީހުން- ކުރަން އޮތް ކަމެއް ނޫނެވެ. އެންމެން ވެސް ކުރަން ޖެހޭނޭ ކަމެކެވެ.

  1. މާތްﷲ ބައްލަވާ ވޮޑިގެންވަނީ ކަލޭމެންގެ ބޭރުފުށުގެ ސޫރައަށާއި ކަލޭމެންގެ މުދަލަކަށް ނޫނެވެ. ނަމަވެސް، އެކަލާނގެ ބައްލަވާ ވޮޑިގެންވަނީ ކަލޭމެންގެ ހިތްތަކަށާއި ކަލޭމެންގެ އަމަލުތަކަށެވެ.
  2. އިލްމާއި ކެތްތެރިކަން ފަދަ ދެކަމެއް އެއްކުރެވިގެން ނުވެއެވެ. [މާނައަކީ މި ދެކަންތައް ހޯދައި، ލިބިއްޖެ ނަމަ،އެ ލިބުނީ ވަރަށް ވެސް ބޮޑު ނިއުމަތެކެވެ.]
  3. އެހެން މީހުންގެ އައިބުތަކާއި ކުށްތައް އޭނާއަށް ފެނުމުގެ ބަދަލުގައި އޭނާގެ އަމިއްލަ އައިބުތަކާއި ކުށްތައް އޭނާއަށް ފެންނަ މީހަކީ އުފާވެރި، ބާއްޖަވެރި މީހެކެވެ.
  4. އެކަކު އަނެކަކަށް ހަދިޔާ ބަދިޔާ ދީ އުޅޭށެވެ. އެކަމަކީ އެކަކު އަނެކަކާ މެދު ލޯތްބާއި ހިތްހެޔޮކަން އުފައްދާނޭ ކަމެކެވެ.
  5. މީހެއްގެ ގޮތް އެނގޭނީ އެމީހާކާ އެކު ދަތުރުކޮށްލުމުންނެވެ.
  6. ’ކަލޭމެންގެ ތެރެއިން އެންމެ މޮޅު އިތުރުވެގެންވާ މީހުންނަކީ އެންމެ މާތް އަޚުލާގައި އަދަބުތައް ލިބިގެންވާ މީހުންނެވެ.'
  7. ބުއްދިވެރިކަމާއި ބާރު އަންނަނީ ކެތްތެރިވެ، ބުރަތައް އުފުލުމާއި ވިދިގެންނެވެ.
  8. ހައްގު ބަސް ބުނާށެވެ! އެއީ ބަލައިގަނެ ދިރުވާލަން ކިތަންމެ ހިތި އެއްޗަކަށް ވިޔަސް ވެހެވެ.
  9. ކަންކަމުގައި އޮންނަ ފަސޭހަ ގޮތް ބުނެ، އުފާވެރި ކަމުގެ ޚަބަރުދީގެން މީހުންނަށް ހެޔޮގޮތް ބުނެދީ ވާހަކަ ދައްކައި އުޅޭށެވެ! ކަންކަމުގައި އޮންނަ އެންމެ ދަތި ގޮތް ކިޔައި، ބިރުގަންނަވައި، ދީނުގެ ވާހަކަދައްކައި، މީސްތަކުން ދީނާ ދުރުކުރުވަން ނޫޅޭށެވެ!
  10. ކަލޭމެން ހެއްދެވި ފަރާތް ދެކެ ލޯބިވާ ނަމަ، އެންމެ ފުރަތަމައިން ކަލޭމެންގެ އަޚު އިންސާނުން ދެކެ ލޯބިވެ އެމީހުންނަށް ކަމޭ ހިތާށެވެ.
  11. ޣީބަ ބުނެ، ލައުނަތްދީ، ހަޑި ހުތުރު ބަސްތައް ބޭނުން ކޮށްގެނެ މުއުމިނާ ވާހަކައެއް ނުދައްކާނެއެވެ! [އާދެ، އެފަދަ ކަންކަމީ މުއުމިނާއާ ލާއިގު، (ގުޅޭ، އެކަށީގެންވާ،) ކަންކަމެއް ނޫނެވެ.]
  12. މީހުންނާ ވާހަކަދައްކާއިރު، އެމީހުންގެ ފަހުމުވުން އޮންނަ މިންވަރުގެ މައްޗަށް ބަލައިގެން ވާހަކަ ދައްކާށެވެ! އެހެނީ ހުރިހާ ބާވަތެއްގެ ވާހަކަ އެންމެން ކައިރީ ދައްކަން ވެއްޖެ ނަމަ، އެންމެންނަކަށް ކަލޭ ދައްކާ ހުރިހާ ވާހަކަތައް ވިސްނޭ ގޮތް ނުވެ ހިނގައިދާނެއެވެ. އަދި، މިަކަމުގެ ސަބަބުން، ހެޔޮ މަގުން ކައްސާލައިގެން ވެސް ހިނގައިދާނެއެވެ.
  13. ދެމެމުންދާ ކޯރެއްގެ އައްސޭރި ފަށުގައި ހުރި ކަމުގައި ވިޔަސް، ފެން އިސްރާފު ނުކުރާށެވެ!
  14. މުއްސަނދި ކަމަކީ ގިނަ މުދާތަކެއް ލިބިފައި އޮތުމެއް ނޫނެވެ. މުއްސަނދިކަމަކީ ލިބިފައި އޮތް އެއްޗަކާމެދު ހިތް ހަމަޖެހި ފުއްދާލެވޭ ގޮތް ވުމެވެ.
  15. މީހާ ހެޔޮ ހާލުގައި ވުމުގެ ތަޅުދަނޑިއަކީ ކެތްތެރިވުމެވެ.

މިއީ ކީރިތި ގުރުއާނުގައި ހުޖުރާތު ސޫރަތުގެ 13 ވަނަ އާޔަތުގައި އިސްލާމީ މި ހަމަހަމަކަމުގެ އުސޫލު ކަނޑައަޅާލެވިފައި ވެއެވެ. ހުރިހާ އިންސާނުންނަކީ ވެސް، އެމީހުންގެ ކުލައާއި ބަހާއި ދީނާއި ރާއްޖެއަށް ބެލުމެއް ނެތި، ހަމަހަމަ ބައެއް ކަމެވެ. ކިރިތި ގުރުއާނުގެ އެންމެ އަސްލީ އުނގަނައި ދިނުމަކީ މިއީ ކަމުގައި ބެލެވެދިނާނެއެވެ.

  1. އެކަމަކީ ކަލޭގެ ޒަމީރު ކަލޭ ކުށްވެރިކޮށް، ކަލޭގެ ހިތުގެ ހަމަޖެހުމަށް ބުރޫ އަރުވާލާ ކަމަކަށްވާ ނަމަ، އެކަން ކުރުމުން ދުރުހެލިވާށެވެ!
  2. އަންހެނުނަކީ ފިރިހެނުން ފުރިހަމަކޮށްދޭ އެމީހުންގެ އަނެއް ފަޅިއެވެ.
  3. ކަލެއާ މެދު ނުބައިކޮށް މުއާމަލާތްކުރާ މީހާއާ ދޭތެރޭ ނިބައިކޮށް މުއާމަލާތް ނުކުރާށެވެ. ނަމަވެސް، އޭނާއަށް މާފުކޮށް، އޭނާއާ މެދު އޯގާތެރިވެ، ހެޔޮކޮށް ކަންތައް ކުރާށެވެ.

ކީރިތި ގުރުއާނުގެ ފުއްސިލަތު ސޫރަތުގެ 34 ވަނަ އާޔަތުގައި ހަމަ މި މާނައަށް އިޝާރަތްކުރެވިފައިވެއެވެ. ނުބައި ގޮތުގައި ކަންތައް ކުރާ މީހަކާ މެދު ހެޔޮކޮށް ކަންތައް ކުރުމަށެވެ.

  1. މި ދުނިޔޭގައި އުޅޭއިރު، އަބަދު ދުނިޔޭގައި އުޅޭނެކަމަށް ދެކިގެން ދުނިޔެއަށްޓަކައި މަސައްކަތްކުރާށެވެ. އަދި ހަމަ އެހެންމެ، ދުނިޔޭގައި އުޅޭއިރު، މާދަމާ ވެސް މަރުވެދާނެކަމަށް ބަލައިގެން، އާޚިރަތަށްޓަކައި މަސައްކަތްކުރާށެވެ.

އާދެ، ދުނިޔޭގެ އުފާ ލިބިގަތުމަށް މަސައްކަތްކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. އަދި ކުރަން ޖެހޭ ކަމެއް ވެސް މެއެވެ. ނަމަވެސް އެ މަސައްކަތްކުރުމުގައި އަބަދުވެސް، އާޚިރަތް މަތިން ހަނދާން ކުރަން ޖެހެއެވެ.

  1. އިލްމު އުނގެނުމުގެ މަގެއްގައި މީހަކު ހިނގަން ފަށައިފި ނަމަ، ސުވަރުގޭގެ މަގެއްގައި އޭނާ ހިނގުމަށް މާތްﷲ މިންވަރުފުޅު ކުރައްވާނެއެވެ. [މި ބަސްފުޅުގައި ބާރުއެޅިފައި ވަނީ، އުނގެނުމަށެވެ. ކިޔައި ކިޔެވުމަށެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅާ ހަމައަށް ދާންދެނެވެ. އެއީ ދިރިހުރިހާ ހިނދަކު ނިމުމެއް އޮތް ކަމަކަށް ދެކިގެން ނުވާނެއެވެ. ކިޔައި ކިޔަވައި، އަދި އެގޮތުގެ މަތިން އުނގެނުމުގައި، އަބަދު ވެސް ދެމިހުންނަންވާނެއެވެ.)
  2. ދޮން މީހަކު ކަޅު މީހެއްގެ މައްޗަށް މޮޅު އިތުރުވެގެން ނުވެއެވެ. ހަމަ އެހެންމެ، ކަޅު މީހަކު ދޮން މީހެއްގެ މައްޗަށް މޮޅު އިތުރު ވެގެން ނުވެއެވެ. އިންސާނާގެ މޮޅު އިތުރުކަން ބިނާވެގެން ވަނި އޭނާގެ ތަގުވާވެރިކަމާއި އޭނާގެ ހެޔޮ އަމަލުގެ މައްޗަށެވެ. އެކަން ކަނޑައަޅާލުމުގެ ހައްގު ލިބިގެން ވަނީ މާތްﷲއަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *