ހިތް އަހައިފިޔެ ހިތްވަނީ، ކޮންތާކުހޭ ބުނެފާނުހޭ
ހިތް އަވަސްވާ ގޮތްވަނީ، ވިންދާ ހިތާ، ގުޅިދާނެހޭ
ރޮއި ލޮލާ ކޯތާފަތާ، ތެންމާލަމުން ވޭނާއެކީ
ލޯ އެދޭ ތަޞްވީރު ފެންނަން، ނެތް ސަބަބު އެނގިދާނެހޭ
ލާ އެ ނޭވާ ހުސްވުމެއްނެތި، އިންތިޒާރުގެ ދާނުގައި
ތާ އެ ބުނަނީ، ތިޔަ އެދުން ފުރިހަމަނުވީ ފަހެ ކީއްވެހޭ
ފަހުމުވާން އިހުސާސުތައް އަދު ބުއްދިއަށް ފުރުޞަތު ދެމުން
ބީހިލައި ފިނިރޯޅިވެސް، ވިންދާ ހިތާ ގުޅުވާނެހޭ
ދަސްކުރަން ތިޔަ ހިތުގެ ޒާތާ އާދަތައް ފުރުޞަތުދެމުން
ވަސްބަލައި އެ ވަހުން ހުވަނދު، ޖިސްމާ ހިތާ ލެވިދާނެހޭ
ތުނި ހިތަށް ލޯބީގެ ޖަޒުބާތުން ލިބޭ ދިލަ ހޫނުކަން
ފިނިވެދާހެން ލޯބިލޯބިން ފިރުމުމެއް ދެވިދާނެހޭ
ކަނޑުވަމުން ޖަޒުބާތުގައި، ދިއުމަށް އޮޔާ، ހިތް ދޫނުކޮށް
ފަނޑުނުވާހެން ލޯބި ލައްޒަތު، ތިޔަ އުނގުން ދެވިދާނެހޭ
