Support Us

އެއްމާބަނޑު ދެބެއިން ގެެއްލުމުން މަންމަ ކުރި ދުޢާ އިޖާބަކުރެެއްވި ގޮތް

ސަޢުދީ އިޖްތިމާޢީ ޚިދުމަތްތެރިއެއް ކަމުގައިވާ ނޫރާ ބިންތް ޢަބްދުލް ޢަޒީޒް ކިޔައިދެއްވިއެވެ.

އެއް ދުވަހަކު ތުއްތު ދެކުދިން ފެނުނު ކަމުގެ ރިޕޯޓެއް އަޅުގަނޑަށް ލިބުނެވެ. އެއް ކުއްޖަކު މައްކާއިން އަދި އަނެއް ކުއްޖަކު ޖިއްދާއިންނެވެ. ދެކުދިން ވެސް ފެނިފައި ވަނީ އެ ދެ ރަށުގެ ދެ މިސްކިތެއްގެ ކައިރިންނެވެ.

އެ ދުވަސްކޮޅަކީ މައްކާގައިވާ ތުއްތު ކުދިންނަށް ޚާއްޞަ ބައި ފުރިފައިވާ ދުވަސްކޮޅަކަށް ވުމުން އެތަނުން ޚިއްދުމަތް ނުދެވޭނެތީވެ، އަދި ހަމަ އެފަދައިން ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިންވަރުފުޅުން ޖިއްދާގައިވާ ތުއްތު ކުދިންނަށްވާ ޚާއްޞަ ބައިގައި ޚިދުމަތް ފަސޭހަކަމާއެކު ދެވޭނެތީ މައްކާއިން ޖިއްދާއަށް ކުދިން ގެންދިއުމުގެ ހުއްދަ އަޅުގަނޑުމެންނަށް ލިބުނެވެ.

ޖިއްދާގެ ކުޑަކުދިންގެ ޚާއްޞަ ބަޔަށް ގެނައި ކުއްޖާ އާއި މައްކާއިން ގެނައި ކުއްޖާގެ ކިބައިގައި ވަރަށް ގިނަ އެއްގޮތް ކަންކަން ހުރި ކަމަށް ފާހަގަ ކުރެވުނެވެ. އެހެންވެ ދެ ކުދިންގެ ރިކޯޑުތައް ބެލުމުން ދެ ކުދިން ފެނުނު ވަޤުތަކީ އެއް ދުވަހެއް ކަމުގައި ވެފައި ތަފާތަކީ ދެ ގަޑިއިރުގެ ތަފާތު ކަމުގައި ވިއެވެ.

އަދި މައްކާއިން ގެނައި ކުއްޖާގެ ފައިގައިވި "ބާރތް ބްރޭސްލެޓް"ގެ ނަމްބަރު ހޮސްޕިޓަލުން ބަލައި ހޯދުމުން އެނގުނީ އެކުއްޖާ އަކީ އެއްމާބަނޑު ދެބެއިންކުރެ އެކަކު ކަމެވެ. އަދި އެ ދެ ކުދިން ދޫކޮށްލުމުން މަންމައާއި ބައްޕަ ދެކުދިން ގޮވައިގެން ހޮސްޕިޓަލުން ދިޔަކަން ވެސް އެނގުނެވެ.

އެއަށްފަހު އަޅުގަނޑުމެން އެހުރިހައި ޑޮކިއުމެންޓްތަކުގެ ކޮޕީ ނަގައި، އަދި ކައިވެނީގެ ސެޓްފިކެޓް ބަލައި ކުދިންގެ މަންމަގެ އެޑްރެސް ބެލުމުން އެނގުނީ މަންމައަކީ ސަޢުދީ ރަށްވެއްސެއް ނޫންކަމެވެ.

އެއަށްފަހު ދެ ކުދިންގެ ފައިގެ ޕްރިންޓު ވައްތަރުވޭތޯ ބެލުމަށް ހޮސްޕިޓަލުގައި އަޅުގަނޑުމެން އެދުނީމެވެ. ދެކުދިންގެ ފައިގެ ޕްރިންޓު ވެސް ވަރަށް އެއްގޮތް ކަމުގައިވިއެވެ. އެހެންވެ ދެކުދިންގެ ޑީ.އެން.އޭ ހެދީމެވެ. ނަތީޖާ އަޅުގަނޑުމެން އެންމެން ހައިރާންކުރުވި އެވެ.

ދެކުދިންގެ ޑީ.އެން.އޭ ވެސް ދިމާވިއެވެ.!!!

އެއަށްފަހު އެކުދިންގެ މަންމަ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ފެށީމެވެ. އަޅުގަނޑުމެންނާ ބައްދަލުވީ، ގައިގެ ބަޔެއް ވާގި ނެތިފައިވާ މަންމައެއް ބަލަމުން އައި އެމައިގެ ހުރި ހަމައެކަނި ދަރި ކަމުގައިވާ ޒުވާން އަންހެނަކާއެވެ.

އަދި އަޅުގަނޑުމެންނަށް އެނގުނީ ޢާއިލާ އަށް އެހީވުމަށް އެޤައުމުގައި، ސަޢުދީގައި މަސައްކަތް ކުރަމުން އައި ފިރިހެނަކާއި މަންމަ އެކަނބުލޭގެ ދެވީ ކަމެވެ.

އަޅުގަނޑުމެން އެކަނބުލޭގެއާ ބައްދަލުކޮށް ސުއާލުކުރީމެވެ.

"ކަނބުލޮ އަށް ކުއްޖަކު ނުލިބޭތޯއެވެ؟"

އެކަނބުލޭގެ ބުންޏެވެ. "ނޫނެކެވެ! އަހަރެންނަށް އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބުނެވެ!"

އަޅުގަނޑުމެން އެހީމުއެވެ. "އެކުދިން ކޮބާތޯއެވެ؟"

އެކަނބުލޭގެ ބުންޏެވެ. "އެ ކުދިންގެ ބައްޕަ އެކުދިން ޚިތާނު ކުރުމަށް ގޮވައިގެން ދިޔަގޮތަކަށް ނާދެއެވެ!"

އެކަނބުލޭގެ އިތުރަށް ކިޔައިދިނެވެ. "އޭނާ ކޮބައިތޯ ހޯދައި ބެލުމުން އެނގުނީ އޭނާގެ ފޯނު ނިއްވާލައިފައި އެންމެ ފަހުން ޤައުމުން ބޭރަށް ގޮސްފައިވާކަމެވެ."

އެއަށްފަހު އެތުއްތު ދެކުދިން އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ވީ ވާހަކަ ބުނެ، އެކަނބުލޭގެ އެކުދިންގެ ގާތަށް ގެނައީމެވެ. އެކުދިން އެކަނބުލޭގެ އަށް ފެނުމާ އެކު… "އަހަރެންގެ ދަރިންނޭ، އަހަރެންގެ ދަރިންނޭ" ގޮވައި ތުރުތުރު އަޅައި ރޮއި ހެދިއެވެ.

އަޅުގަނޑު އެކަނބުލޭގެ ހަމަޖެހޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އެކަނބުލޭގެއަށް ގޮނޑީގައި އިށީނދެގެން ވެސް އިންނަން އުނދަގޫވެ، ތަޅުންމަތީގައި އިށީނެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ހެކިކޮށް ބުނަމެވެ. އަޅުގަނޑުމެންގެ ތެރޭގައި އެކަނބުލޭގެ ރުއި އެ އަސަރުގަދަ މަންޒަރު ފެނި ނުރޮއެ ހުރި އެކަކުވެސް ނެތެވެ. އަދި އެންމެ ހައިރާން ކުރުވީ އެދެކުދިން ވެސް މަންމަގެ އުނގުމަތީގައި އެހާމެ މަޑުމައިތިރިކަމާއި ހަމަހިމޭންކަން މަތީ އެ ދެބެން އޮތުމުންނެވެ.

އެކަނބުލޭގެ ހަމަޖެހިލުމުން އަޅުގަނޑު ކައިރިވެލާފައި އެހީމެވެ.

"ﷲ ގަންދީ ބުނަމެވެ! ކަނބުލޭގެ ދެ ދަރިން ﷲ ސުބްޙާނަހޫ ވަތަޢާލާ ޙިމާޔަތް ކުރައްވައި ރައްކާތެރި ކުރައްވައި ކަނބުލޭގެ އަށް ރައްދު ކޮށްދެއްވީ، ކަނބުލޭގެ ކޮންފަދަ ދުޢާއެއް ކޮށްގެން ތޯއެވެ؟"

އެކަނބުލޭގެ ބުންޏެވެ.

"އެ ކުދިންގެ ބައްޕަ، އެކުދިން ގޮވައިގެން ޚިތާނުކުރާށޭ ބުނެ، ދިޔަ ހިނދު އަހަރެން އެދެކުދިންނަށް ބުނީމެވެ.

"أَسْتَوْدِعُكُمَا اللّهُ الَّذِيْ لَا تُضِيْعُ وَدَاعِئُهُ،"..!

(މާނައީ: އަހަރެން، ތިދެބެއިން ﷲ އާ ޙަވާލު ކުރަމެވެ. އެ ފަރާތަކީ އެފަރާތާ ޙަވާލު ކުރެވޭ އެއްޗެއް ގެއްލިގެން ނުދާނޭ ފަރާތެވެ.)

އަދި އޭނާ ލަސްވެ ފޯނު ނިއްވާލުމުން އޭނާ ޤައުމު ދޫކޮށް ދިޔައީކަން އަހަރެންނަށް ޔަޤީންވިއެވެ.

ފަހެ އެއަށްފަހު އަހަރެން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް މިދުޢާ ކުރަމުން ގެންދިޔައީމެވެ.

"އޭ މޫސާގެފާނުގެ މަންމައަށް އެކަމަނާގެ ދަރިކަލުން ރައްދުކޮށްދެއްވި އިލާހެވެ! މިއަޅާއަށް މިއަޅާގެ ދަރިން ރައްދުކޮށްދެއްވާށިއެވެ.!"

އަހަރެންގެ ވެރި ރައްބުގެ ޙަޟްރަތަށް ރޮއެ އާދޭސްކޮށް ދުޢާ ކުރުމުގައި އަހަރެން ހޭދަކުރީމެވެ. އެންމެ ފަހަރަކުވެސް އެ އަނިޔާވެރި ބައްޕަ އެކުދިން ދުރު ދެ މިސްކިތެއްގެ ކައިރިއަށް އެއްލާލާފާނޭ ކަމަކަށް ހިތަށް ވެސް ނާރައެވެ."

އަޅުގަނޑު ބުނީމެވެ.

"ﷲ ތަޢާލާ ކަނބުލޭގެ ދޫކޮށެއް ނުލައްވައެވެ. އެދެބެއިން އެއިލާހުގެ ރައްކާތެރިކުރެއްވުމުން ރައްކާތެރި ކުރައްވައި ކަނބުލޭގެ ލޮލުގެ ފިނިކަން ކަމުގައި ލެއްވިއެވެ.

ޢުމުރުން ވިހި އަހަރުގެ މަންމައެއް، ކަން ހިނގައި ދިޔަ ގޮތާމެދު ޤަބޫލު ކުރަން ވެސް ދަތިވާ ޙާލު ކުދިންނާ އެކު އަޅުގަނޑުމެންނާ ވަކިވެ އެނބުރި ޤައުމަށް ދިޔައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *