Support Us

ކަންބޮޑުވެ ޖެހިލުން ނުވާށެވެ. ލަދު ނުގަންނާށެވެ.

އޭ ރަހުމަތް ތެރިޔާއެވެ. ތިބާ ލަދުގަންނަނީ ކޮން ކަމަކާހެއްޔެވެ؟ ތިބާ ޖެހިލުންވެ ބިރުގަންނަނީ ކޮން މަލާމާތެއް ތިބާއަށް ރައްދުވެދާނެތީހެއްޔެވެ؟ އަދި ތިބާ ހާސްވަނީ ކޮންކަމަކާ ހެދި ފަލީހަތް ވެދާނެތީހެއްޔެވެ؟ ތިބާމެން ދެ މީހުންނަކީ ތިބާމެން ކުރާ މަސައްކަތުގައި ހަމަހަމަ ދެ ޚިއްސާދާރުންނެވެ. ތިބާމެންނަށް ފުރިހަމަ ކާމިޔާބެއް އޮތީ އެކަކު އަނެކަކަށް އިޚްތިރާމް ކުރުމާއި އެހީތެރިވުމާއެކު ދެމީހުންގެ ބައިވެރިވުން އޮވެގެންނެވެ.

ރަހުމަތް ތެރިޔާއެވެ. ވިސްނާލާށެވެ. އޭނާ އެއީ ތިބާ ގޭގައި މަސައްކަތް ކުރަން ގެންގުޅޭ މެއިޑެއް ނުވަތަ ނޯކަރެއް ނޫނެވެ. ތިބާގެ އަލަތު އަނބިމީހާއެވެ. އޭނާ އަށް ތިބާގެ އެހީތެރިކަން ބޭނުންވެއެވެ. އެއީ އޭނާ ތިބާ އަށް އެހީތެރިވެދޭ ފަދައިންނެވެ. ތިބާ ހެނދުނު ހޭލައިގެން މަސައްކަތު ދާންވާއިރަށް ތިބާ ލާން ބޭނުންވާ އަންނައުނު ހުންނަނީ ދޮވެ އިސްތިރި ކޮށްފައެވެ. ހެނދުނުގެ ނާސްތާ ހުންނަނީ ތައްޔާރުކޮށްފައެވެ. ތިބާ މަސައްކަތުގައި ބޭރުގައި އުޅޭ އިރު ތިބާގެ ދަރިންގެ ކަންތައްތައް ފުރިހަމަވާނެ ކަމުގެ ޔަޤީންކަން އޮތަތީ އެކަމާ ތިބާ ފިކުރުކުރާކަށް ނުޖެހެއެވެ. މިހުރީ އޭނާގެ ފަރާތުން ތިބާ އަށް ފުރިހަމަކޮށްދޭ ބައެއް ކަންތައްތަކެވެ. ތިބާގެ މަސައްކަތުގައި ފޯރުކޮށްދޭ ބައެއް އެހީތެރިކަމެވެ.

ވީމާ، ތިބާގެ އަންހެނުންނަށް އޯގާތެރިކޮށް ހިތުމާއި އިހުތިރާމް ކުރުމާއި އޭނާގެ މަސައްކަތުގައި އެހީތެރިވެދީ އުޅުމަކީ ތިބާ އަނބި ދަށުވުމެއްނޫނެވެ. އަދި ކިއެއްތަ ތިބާ އެކަމާ ލަދުގަނެ ފަލީހަތްވެދާނެތީ ބިރުގަންނަން ޖެހޭފަދަ ކަމެއްވެސްނޫނެވެ. ތިބާގެ އަނބި މީހާއަށް އެހީތެރިވެދިނުމުގެ އިތުރަށް ތިބާގެ އަނބި މީހާއަށް ވަގުތުދީ ދެމީހުން އެކުގައި ބޭރަށް ގޮސް ހިތް އުފާ ކޮށްލުމަކީ ދުވާލުގެ ބުރަ މަސައްކަތް ނިންމާލުމަށްފަހު ދެމީހުންގެ ހިތަށްވެސް ހަމަޖެހުން ގެނެސްދީ ކައިވެނި އިތުރަށް ބަދަހިވެގެންދާނެ ކަމެކެވެ. އަދި ގޭތެރޭގެ މާހައުލުން ބޭރުގައި ދެމީހުން ހަމަޖެހިލައިގެން ހިޔާލު ބަދަލުކޮށްލާ މަޝްވަރާކޮށްލަން ލިބޭ ހިތްގައިމު ފުރުސަތެކެވެ. ދުވަހުގެ ނުތަވަސްކަމާއި އުދާސްތަކާއި ސްޓްރެސް ފިލުވާލަދޭނެ ކަމެކެވެ. ތިބާގެ އަނބިމީހާއަށް އެހީތެެރިވެދިނުމަކީ އެކަމާ ތިބާ ފަޚުރުވެރިވާންޖެހޭ ކަމެކެވެ. ދިރިއުޅުމަކީ ތިބާގެ ދިރިއުޅުމެވެ. އެކަމުގައި ދިމާވާ ގޮންޖެހުންތަކަށް ކުރިމަތިލާން ތިބީ ތިބާއާއި ތިބާގެ އަންހެނުންނެވެ. މުޖުތަމައު ތިބާ އަށް އެހީތެރިވެދޭކަށް ނުއަންނާނެއެވެ. ވީމާ، ތިބާގެ ދިރިއުޅުމަށް ފާޑުކިޔާނެ އެއްވެސް ޖާގައެއް އެބައިމީހުނަކަށް ނެތެވެ. މުޖުތަމައު ރުއްސަން އުޅުމަކީ ކަނޑުމެދުގައި ހިނގަން މަސައްކަތް ކުރުން ކަހަލަ ކަމެކެވެ.

ރަހުމަތް ތެރިޔާއެވެ. ޖެހިލުންވެ ބިރުނުގަންނާށެވެ. ފަލީހަތްވެދާނެތީ ޖެހިލުންނުވާށެވެ. ތިބާ ކައިވެނިކޮށްގެން އުޅެނީ މުޖުތަމައުއަކާނޫނެވެ. ކަންބޮޑުވެ ފިކުރު ނުކުރާށެވެ. ތިބާގެ އަންހެނުންނަށް އޯގާތެރިކޮށްހިތާށެވެ. އޭނާގެ މަސައްކަތުގައި އަތްގާތްކޮށްދީ އެހީތެރިވާށެވެ. ތިބާ ކާތަށި ކައި އަވަދިވުމަށްފަހު ދޮވެލުމަކީ އަނބިދަށުވުމެއްނޫނެވެ. ތިބާގެ އަންހެނުން އެއްޗެހި ދޮވުނީމާ ހިއްކަންއަޅަން އެހީތެރިވެދިނުމަކީ އަނބިދަށުވެ ފަލީހަތްވެދާނެތީ ލަދުގަންނަންޖެހޭ ކަމެއްނޫނެވެ. ގޭތެރެ ފޮޅާ ސާފުކުރުމުގައި އޭނާއަށް އެހީތެރިވެދިނުމަކީ މަލާމާތް ރައްދުވެދާނެތީ ހާސްވާންޖެހޭ ކަމެއްނޫނެވެ. ތިބާގެ އަންހެނުންނާ ހީސަމާސާކޮށް މަޖާކުރާށެވެ. ވަޤުތު ދޭށެވެ. ލޯބިވާ ވާހަކަ އަބަދުވެސް ބުނާށެވެ. ހިނިތުންވުމާއި މަޑުމައިތިރިކަމާ އެކު އޭނާއާ އަބަދުވެސް މުހާތަބުކުރާށެވެ. އިންޝާﷲ، ތިބާގެ ދިރިއުޅުމަކީ އުފާވެރި، ތިޔާގި، ފާގަތި، ހަމަޖެހޭ، ލޯބިން ފުރިފައިވާ ދިރިއުޅުމެއް ކަމުގައި ﷲތަޢާލާ ލައްވާނެތެވެ. އާމީން

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *