Support Us

ސޫފިޔާނާ ވާހަކަކޮޅެއް: އީމާންކަމާއި އެކަމުން ފައިދާކުރުން

ކީރިތި ޤުރުއާނުގެ އަންޢާންމު ސޫރަތުގެ 158ވަނަ އާޔަތުގައި ބަޔާންކުރެވިފައި ވެއެވެ. "…يوم يأتي بعض آيات ربك لا ينفع نفسا إيمانها لم تكن آمنت من قبل أو كسبت في إيمانها خيرا…" (ކަލޭގެފާނުންގެ ސާހިބުވަންތަ ރަސްކަލާނގެ އަލާމާތްތައް، (މަރުގެންނެވުމަށް މަލާއިކަތް ބޭކަލުން ވަޑައިގަތުން، ގިޔާމަތް ދުވަސް އައުމުގެ އަލާމާތްތައް ފެނުން،) އެދުވަހަކުން ފެންނަ ދުވަހުގެ ކުރިން، އީމާންވެފައި ނުވާ ނަމަ، ނުވަތަ (އީމާންވެފައި މެ،) އެ އީމާންކަން މަތީ ހެވެއް ލިބިގެންފައި ނުވާ ނަމަ، އެދުވަހަކުން އެއްވެސް ނަފްސަކަށް، (ފުރާނައަކަށް، މީހަކަށް،) އޭނާގެ އީމާންކަމަކުން ކުރޭނޭ ފައިދާއެއް ނޯންނާނެއެވެ.

މިއީ އޭގެ މައްޗަށް، މުއުމިނުން، ފުންކޮށް ވިސްނާލުން މުހިއްމު އާޔަތެކެވެ. މިއާޔަތް ކިޔާލުމުން، އެންމެ ފުރަތަމައިން ވެސް، ދޭހަވާ ސީދާ މާނައަކީ ކޮބައި ބާވައެވެ؟ އީމާންކަމަކީ އޭގެ ޒާތުގައި ފައިދާއެއް ހުރި ކަމެއް ނޫނެވެ. ދުލުކުރިން، ޝަހާދަތުގެ ދެކަލިމަ ކިޔާލައިގެން، ތިމަންނާއަކީ މާތްރަސްކަލާނގެއަށާއި އެކަލާނގެ ރަސޫލާއަށް އީމާންވެއްޖެ މީހެކޭ ބުނެލާ ބުނެލުމަކުން އެއްވެސް ރޫހާނީ ފައިދާއެއް ނުލިބިދާނޭ ކަމެވެ. އަދި އެހެންވެ، އާޚިިރަތުގައި ވެސް އެ ފަދަ ހަމައެކަނި ދުލުކުރީގެ އީމާންވުމަކުން މަންފާއެއް ނުކޮށްފާނޭ ކަމެވެ. އިހުގެ މުއުތަބަރު މުފައްސިރުން ކަމުގައި ބެލެވޭ އައްތަބަރީއާއި އިބްނު ކަޘީރާއި އައްޒުމަޚްޝަރީ ފަދަ މުފައްސިރުންނާއި އަދި މުހަައްމަދު އަބްދުހޫ ފަދަ މިޒަމާނުގެ އިލްމުވެރި ބޮޑެތި މުފައްސިރުން ވެސް ފާހަގަކުރައްވާ ގޮތުގައި މި އާޔަތުން ދޭހަވަނީ މިކަމެވެ. އީމާންކަމަކީ އޭގެ ޒާތުގައި ފައިދާއެއް ނެތް ކަމެކެވެ. އެކަމުން ފައިދާކުރުން އޮންނަނީ ހެޔޮ އަމަލު ކުރުމުގައިވެ.

މީގެ މާނައަކީ ކޮބައި ހެއްޔެވެ؟ އީމާން ކަމުގެ ފެށުމަކީ ހިތެވެ. އީމާންވުމަކީ ހިތުގައި ބިންވަޅު ނެގޭ ގޮތެއްގައި ތެދުކޮށް ގަބޫލުކުރާ ގަބޫލުކުރުމަކަށް ކިޔާ ނަމެކެވެ. މާތްރަސްކަލާނގެ އަށާއި އަދި އެކަލޭގެ ރަސޫލާއަށް އީމާންވަމޭ ބުނުމަކީ މިކަން، އެއްވެސް ޝައްކުކަމެއް ނެތި ގަބޫލުކޮށް ހިތުގައި ކަށަވަރުކޮށް ގަތުމެވެ. ދެން، އީމާންކަން ފެނިގެން ދަނީ މުއުމިނާގެ އަމަލުތަކުންނެވެ. އެންމެ ފުރަތަމަ، އޭނާގެ އީމާންކަން ރަމްޒުކޮށްދޭ އަޅުކަންތަކުންނެވެ. ޚާއްސަ ގޮތެއްގައި ނަމާދުކުރުމާއި ރޯދަހިފުން ފަދަ އަޅުކަންތަކުންނެވެ.

މިތަނުގައި ވެސް، އަނެއްކާ ވެސް ހަނދާންކޮށްލަން ޖެހެނީ އަޅުކަމަކީ ވެސް އޭގެ ޒާތުގައި ހެޔޮކަމެއް ނޫނެވެ. އެއީ މަތީގައި ނަންގަނެވުނު، މުއުމިނާގެ ހިތުން އޭނާ ގަބޫލުކުރާ ގަބޫލުކުރުން އޭނާއަށް ހަނދާންކޮށްދޭ ކަމެކެވެ. ކޮންމެ ދުވަހަކުމެ، ކޮންމެ ވަގުތެއްގައިމެ، ތިމަންނާއަކީ މާތްރަސްކަލާނގެއަށް އީމާންވާ މީހެކޭ ހަނދާންކޮށްދީ، އޭނާގެ ހަށިގަނޑުގެ ތެރޭގައި އިލާހީ އީމާންކަމުގެ ބައްތި ދިއްލާލުމަށް އެހީވެދޭ ކަމެކެވެ.

މުއުމިނާގެ އީމާންކަމުންނާއި އަދި އެ އީމާންކަން ނިޔާކުރާ އަޅުކަމުގެ އެހީގައި އޭނާގެ ހަށިގަނޑުގެ ތެރޭގައި ރޯކޮށްލާ އިލާހީ ހުޅުކޮޅުގެ ނޫރުގެ އަލީގައި، ދެން އޭނާއަށް އޮތީ ހެޔޮ ލަފާ މީހަކަށް ވުމެވެ. ހެޔޮލަފާ މީހަކަށް ވުމަކީ ކޮބައިކަން ޚުލާސާ ކުރެވިފައި އޮތީ އަޅުކަމުގެ މަގުސަދުތައް ކަނޑައަޅާފައި އޮންނަ އާޔަތްތަކުގައެވެ. މިތަނުން އެންމެ މުހިއްމު އާޔަތަކީ އަލްޢަންކަބޫތު ސޫރަތުގެ 45ވަނަ އާޔަތެވެ. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން އެންމެހެން ވެސް ހިތު ދަސް އާޔަތެކެވެ. اتل ما أوحي إليك من الكتاب وأقم الصلاة إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر والله يعلم ما تصنعون. "މިފޮތުގައިވާ ގޮތަށް (އެބަހީ ކީރިތ ޤުރުއާނުގައި ބާވާލައްވައިފައިވާ ގޮތަށް) ކަލޭގެފާނަށް (މުހައްމަދުގެފާނަށް) ވަހީކުރެއްވުނު އެއްޗެއް (ކަލޭގެފާނުގެ ގައުމުގެ މީހުންނަށް) ކިޔަވާވިދާޅުވެ ދެއްވާށެވެ. އަދި ނަމާދު ގާއިމު ކުރައްވާށެވެ. އެހެނީ ނަމާދަކީ ހަމަ ކަށަވަރުން، ފާހިޝް ކަންކަމުންނާއި (އެބަހީ ޒިނޭކުރުން ފަދަ ހަޑިހުތުރު ކަންބޮޑެތި ކަންތައްތަކުންނާއި)، މުންކަރާތްތައް (މީހުން މެރުމާއި ވައްކަންކުރުމާއި، ފޭރުން ފަދަ، އިންސާނާގެ ސަލާމަތް ބުދި އެކަންކަމަށް އިންކާރުކުރާނޭ ފަދަ ނުބައިކަން ބޮޑުވެގެންވާ ކަންތައްތައް) ހުއްޓުވައި (އެކަންކަމުން ދުރުހެލިވުމަށް އެހީވެދޭ) ކަމެކެވެ. އަދި (ނަމާދު ގާއިމުކޮށް މާތް)ﷲ މަތީން ހަނދުމަކުރުން (މިކަންކަމަށްވުރެވެސް) މާބޮޑެވެ. ކަލޭމެން ކުރާ ހުރިހާ ކަމެއްވެސް (މާތް)ﷲ ދެނެވޮޑިގެންވެއެވެ." މިއާޔަތުގައި ނަންގަނެވިފައިވާ ފަދައިން، ނަމާދު މައިގަނޑު މަގުސަދަކީ މުއުމިނާއާއި އޭނާގެ ސާހިބުވަންތަ ރަސްކަލާނގެއާ ގުޅުވާލަދިނުމެވެ. މި އާޔަތުގައިވާ ولذكر الله أكبر، (އަދި (މާތް)ﷲ މަތީން ހަނދުމަކުރުން (މިކަންކަމަށްވުރެވެސް) މާބޮޑެވެ)، މިއިބާރާތުން ދޭހަވާ ފަދައިންނެވެ. އަދި މިހިސާބުން ނިންމާލެވުނީއަކީ ނޫނެވެ. މިގުޅުން މާނަހުރި ގުޅުމަކަށްވާނީ ކިހިނެއްކަންވެސް މިއާޔަތުގައި ބަޔާންކޮށްދެއްވައިފައިވެއެވެ. ނަމާދުކުރުމަކީ ޣާޔަތެއްނޫނެވެ. ނަމާދުކޮށްލުމުން، އާދެ، ކުރެވޭ ހަރަކާތްތަކަކާއި، ކިޔެވޭކިޔެވުންތަކަކުން، މިއަޅުކަން ފުރިހަމައެއްނުވެއެވެ. މިއަޅުކަމަކީ ވަކިކަހަލަ ކަންތަކަކަށް މުއުމިނާ ވާސިލުކޮށްދޭން އެހީވާކަމެކެވެ. މިއާޔަތުގައި ބަޔާންކޮށްދެވިފައިވާ ފަދައިން، ފާހިޝް ކަންތަކުންނާއި އަދި މުންކަރާތްތަކުން ދުރުހެލިވުމަށް އެހީވެދޭކަމެކެވެ. މިމަގްސަދު ހާސިލު ނުކުރެވޭނަމަ، ނަމާދު ގާއިމު ކުރެވުނުކަމަކަށް ނުވާނެއެވެ. މާތްﷲ މަތީން ހަނދުމަކޮށް އެކަލާނގެއާއި ގުޅުން އުފެއްދުމުގެ ބޭނުން ނުފުދޭތީއެވެ. ކީރިތި ރަސޫލާގެ ހަދީސްފުޅުއްގައި އައިސްފައިވާ ފަދައިންނެވެ. ފާހިޝް ކަންތައްތަކާއި މުންކަރާތްތަކުން ދުރުހެލިނުކުރާ ގޮތެއްގައި މީހަކު ނަމާދެއް ކޮށްފިނަމަ، އެނަމާދު އޭނާ މާތްﷲއާ ދުރުހެލިކުރުވުން އިތުރުކުރުން ފިޔަވައި އެހެންކަމެއް ނުކުރެއެވެ. އާދެ، މިފަދަ ގޮތަކަށް ނަމާދުކުރާ މީހާއާއި ބުދަށް އަޅުކަންކުރާ މީހާއާ މާބޮޑު ތަފާތެއްނެތެވެ. އެކަމުން އެއްވެސް ފައިދާއެއް، މަންފާއެއް ނުކުރީތީއެވެ. މިނުކުތާއާ ބެހޭ އިތުރު ވާހަކަ އަދި ފަހުން ބަޔާންކުރެވޭނެއެވެ.

އާދެ ޚުލާސާއަކީ ނަމާދުގެ ބޭނުމަކީ، މަގުސަދަކީ، ނަމާދުވެރިޔާ، އާދެ، މުއުމިނާ، އޭނާގެ ސާހިބުވަންތަ ފަރާތާއި ގުޅުވާލަދީ އެ ގުޅުމުގެ އަލީގައި އޭނާ ހެޔޮލަފާ މީހަކަށް ވުމަށް އެހީތެރިވުމެވެ. ރޯދައިގެ މަގުސަދުގައި ވެސް އޮންނަނީ ހަމަ މިފަދައިންނެވެ. ރޯދަ ފަރުޟުކުރެވިފައި އޮތީ މުއުމިނާ 'ތަގުވާވެރިވެ' ދިޔުމަށްޓަކައި ކަމުގައެވެ. އާދެ ހެޔޮލަފާ އިންސާނަކަށް ވުމަށް އެހީވެދިނުމަށެވެ.

ހެޔޮ ލަފާ އިންސާނަކަށް ވުމުގެ ދަތުރަކީ ދިގު ދަތުރެކެވެ. އިހުގެ ސޫފިޔާނާ ޚިޔާލުގެ ބޭކަލުން ފާހަގަކުރައްވާ ގޮތުގައި މުޅި އުމުރު އެކަމުގައި ހޭދަކުރަން ޖެހެއެވެ. ކުށްކުރުމަކީ ނެތް ކަމެއް ނޫނެވެ. ކުށްކުރުމުގެ އެކަށޭނަކަން އޮތުމުން، ތައުބާގެ މަގުވެސް ހުޅުވިފައި އޮވެއެވެ. އެހެންވެ، ކުށެއް ކުރެވުމުން ތައުބާވެ، ހެޔޮ މަގަށް ރުޖޫއަވާންވީއެވެ. އަދި، އެ ފަދަ ކުށަކަށް އަލުން އަރައި ނުގަންނަން ނިޔަތް ގަނެ އެގޮތުގައި ދެމިހުންނަންވީއެވެ.

މިފަދަ ގޮތެއްގައި، ހެޔޮލަފާ މީހަކަށްވުމުގެ މަސައްކަތުގައި ދެމި ހުރެ، ތިމާއަށާއި އަދި އެހެން މީހުންނަށް ވެސް ފައިދާކުރަނިވި ކަންތައް ކުރުމަކީ ހެޔޮއަމަލު ކުރުމެވެ. އީމާންކަމުގެ ފައިދާ މުއުމިނާއަށް ކުރާނޭ ކަންކަމެވެ. މިދުނިޔޭގައިްޔާއި އަދި އާޚިަރަތުގައި ވެސް މެއެވެ. މަތީގައި އެންމެ ފުރަތަމަ އާޔަތުގެ މަފްހޫމުއިން ދޭހަވާ ގޮތުންނާއި އަދިވެސް ކީރިތި ގުރުއާނުގެ އެތައް އެތައް އާޔަތްތަކަކުން ދޭހަވާ ފަދައިންނެވެ. މިސާލަކަށް އަސްރު ސޫރަތް ބަލާލާށެވެ. އީމާންވެ، ހެޔޮއަމަލުކޮށް ކެތްތެރިވެ، ހައްގު ގޮތުގައި ތިބެން އެކަކު އަނެކަކަށް ބާރު އަޅާ މީހުން ނަކީ ކާމިޔާބު ލިބިެއްޖެ މީހުންކަން އެ ސޫރަތުގެ މާނައިގައި ބަޔާންކުރެވިފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *