ދެއްވުމާއި ނުދެއްވުމަށް އޮތް ބާރަކީ މަތިވެރި އިލާހު
ދެއްވި ފަދައިން ނެންގެވުންވެސް ބާރަކީ މަތިވެރި އިލާހު
ހީވަނީހޭ ކޮންމެ މީހަކު މާ މަތީ މީހެއް ކަމަށް،
ހީވިޔަސް އާރާއި ބާރުގެ ވެރި އަކީ މަތިވެރި އިލާހު
ކާކު ކާކަށްތޯ ދެވޭނީ އިއްޒަތާ މަތިވެރި މަގާމް؟
ގައިމު ވެސް އެކަމެއް ވަނީ މިންވަރު ފުޅުން މަތިވެރި އިލާހު
ދެއްވަނީ މަހްލޫގަކަށް އޮތް ބާރަކުންނޭ! ހީވިޔަސް،
ދެއްވަނީ އެކަމެއްގެ ވަގުތެއް ހަމަވުމުން މަތިވެރި އިލާހު
ކަންކަމަށް މެދުވެރިކުރައްވާ މީހުނާ ސަބަބާ ހުރޭ
ކަން ވުމަށް އެހެނަސް އިރާދަ ކުރައްވަނީ މަތިވެރި އިލާހު
ފައުޅުނުކުރަން ސިއްރުގައި ކުރި ކޮންކަމެއްތޯ ސިއްރުވީ؟
ފައުޅުވެސް އަދި ސިއްރުވެސް ދެނެވޮޑިގަތުން މަތިވެރި އިލާހު
ހައްގު ފައުޅުކުރަން ނުކެރެނީ ވަކިވެދާނޭތީ މަޤާމް،
ޙައްގަށް ބަލަ! ނަޞްރު ދެއްވަން، އެންގެވީ މަތިވެރި އިލާހު
ދެއްވަވާ ނިޢްމަތްތަކަށް ރުހި، ޝުކުރު ނުކުރާ މީހުނަށް
އެންގެވީ ބިރުވެރި" ވައީދުގެ ބަސްފުޅެއް" މަތިވެރި އިލާހު
