Support Us

ނަމާދުގައި ކުރުން ހުއްދަވެގެންވާ ކަންތައްތައް އެނގޭތަ؟

ނަމާދުގައި ކުރުން ހުއްދަވެގެންވާ ކަންތައްތަކެއްވެއެވެ. އަދި އެ ކަންތައްތައް ކުރުމަކުން ނަމާދެއް ބާޠިލެއް ނުވާނެއެވެ. އަދިކިއެއްތަ! މަކުރޫހައެއް ނުމެވާނެމެއެވެ. ފަހެ އެ ކަންތައްތައް ތިރީގައި ބަޔާންވެގެން އެވަނީއެވެ.

 1- ރުއިން.
ނަމާދުގައި ރުއިން ހުއްދަވެގެންވެއެވެ. ފަހެ މާތް الله ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "ކީރިތި ރަސޫލާ ﷺ އަވަހާރަވެ ވަޑައިގެންނެވި އާލާސްކަންފުޅުގައި ޙަދީޘްކުރެއްވިއެވެ. "މީސްތަކުންނާގެން ނަމާދުކުރެއްވުމަށް އަބޫބަކުރަށް އަމުރުކުރާށެވެ." ދެން އެކަމަނާ ވިދާޅުވިއެވެ. އޭ اللهގެ ރަސޫލާއެވެ! ހަމަކަށަވަރުން އަބޫބަކުރަކީ ވަރަށް ހިތްޕުޅު މަޑު ބޭކަލެކެވެ. ލޯފުޅުން ކަރުނަފޮދު އޮހުން ނުހިފެހެއްޓެވޭ ބޭކަލެކެވެ. އެކަލޭގެފާނު ޤުރުއާން ކިޔަވައި ވިދާޅުވާ ހިނދު ކީރިތިކުރައްވައެވެ." (1)

 2- ބޭނުމެއް ޖެހިއްޖެ ޙާލަތެއްގައި ކަނާތްފަރާތަށާއި ވާތްފަރާތަށް ބެލުން.
ފަހެ މާތް الله ރުއްސުންލެއްވި ޢަބްދު الله ބުނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ކީރިތި ރަސޫލާ ﷺ ނަމާދުކުރައްވާ އިރު، އެކަލޭގެފާނުގެ ކަނާތްފަރާތަށާއި، ވާތްފަރާތަށް އެކަލޭގެފާނު ބައްލަވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނު ފުރަގަހަށް އެނބުރިވަޑައިގެން ނުބައްލަވައެވެ."(2)

ފަހެ ބޭނުމެއް ނެތް ޙާލު، ދެފަރާތަށް ބެލުމަކީ މަކުރޫހަވެގެންވާ ކަމެކެވެ.

މާތް الله ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ނަމާދުގައި ފަރާތް ފަރާތަށް ބެލުމާ ބެހޭގޮތުން ކީރިތި ރަސޫލާ ﷺ އާ ތިމަންކަމަނާ ސުވާލުކުރެއްވީމެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "هُوَ اخْتِلاَسٌ يَخْتَلِسُهُ الشَّيْطَانُ مِنْ صَلاَةِ الْعَبْدِ"(3) "އެއީ އަޅާގެ ނަމާދުން ޝައިޠާނާ ދަމައިގަންނަ ދަމައިގަތުމެކެވެ."

ދަންނައެވެ. ބޭނުމެއް ޖެހިއްޖެ ޙާލަތެއްގައި ހުއްދަވެގެންވަނީ ހަމައެކަނި މޫނު އެނބުރުމެވެ. ދެންފަހެ މުޅި ހަށިގަނޑު ޤިބުލައިން އަނބުރާލައިފިނަމަ، ނަމާދު ބާޠިލުވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

 3- ހަރުފައާއި ނަގުލަންދާށި ފަދަ ގެއްލުންދޭ ތަކެތި މަރައިލުން.
އެއީ ކިތަންމެ ޙަރަކާތެއް ކޮށްގެން ވިޔަސް މެއެވެ. އަދި އެޙަރަކާތަކުން ނަމާދެއް ބާޠިލެއްނުވާނެއެވެ. ފަހެ ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "اقْـتُلُوا الأَسْوَدَيْنِ فِي الصَّلاَةِ: الْحَيَّةَ وَالْعَقْرَبَ"(4) މާނައީ: "ނަމާދުގައި ތިޔަބައިމީހުން ދެއަސްވަދު ޤަތުލުކުރާހުށިކަމެވެ. އެބަހީ ހަރުފައާއި، ނަގުލަންދާއްޓެވެ."

 4- ބޭނުމެއް ޖެހިއްޖެ ޙާލަތުގައި ކުރިއަށާއި، ފަހަތަށާއި، ދެފަރާތަށް ހިނގައިލުން.
ފަހެ މާތް الله ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "ދޮރުކޮޅު ބަންދުކުރައްވައިގެން، ކޮޓަރިކޮޅުގައި ކީރިތި ރަސޫލާ ﷺ ނަމާދަށް ހުންނަވައެވެ. ދެން ތިމަންކަމަނާ ދޮރުކޮޅުގައި ޖެއްސެވުމުން އެކަލޭގެފާނު (ނަމާދަށް ހުންނަވާ ޙާލު) ހިންގަވާފައި ވަޑައިގެން، ތިމަންކަމަނާއަށް ދޮރުކޮޅު ހުޅުއްވައިދެއްވައެވެ. އަދި ނަމާދުކުރައްވަން ހުންނެވި ތަނަށް އަލުން ވަޑައިގަންނަވައެވެ. އަދި ޤިބުލައާވީ ފަރާތަށް ދޮރުކޮޅު ހުންނަ ކަމުގައި އެކަމަނާ ސިފަކުރައްވާފައިވެއެވެ."(5)

 5- ކުޑަދަރިފުޅު އުރައިގެން ހުރެ ނަމާދުކުރުން.
ފަހެ މާތް الله ރުއްސުންލެއްވި އަބޫޤަތާދާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ޒައިނަބުގެ ދަރިކަނބަލުން އުމާމާ އުރުއްވައިގެން ކީރިތި ރަސޫލާ ﷺ ނަމާދުކުރެއްވިއެވެ. ފަހެ އެކަލޭގެފާނު ރުކޫޢަށް ވަޑައިގަންނަވަމުން ބާއްވަވައެވެ. އަދި ސަޖިދައިން ތެދުވެ ވަޑައިގަންނަވަމުން އަލުން ނަންގަވައި އުރައިލައްވައެވެ."(6)
ފަހެ އެ ނަމާދަކީ ފަތިސް ނަމާދުކަމުގައި ބުނެވެއެވެ.

 6- ނަމާދުކުރަން ހުއްޓައި މީހަކު ސަލާމްގޮވުމުން އިޝާރާތުން ސަލާމުގެ ޖަވާބުދިނުން.
މާތް الله ރުއްސުންލެއްވި ޞުހައިބުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އެއް ފަހަރަކު ކީރިތި ރަސޫލާ ﷺ ނަމާދުކުރައްވަން ހުންނަވަނިކޮށް، އެކަލޭގެފާނުގެ އަރިހުން އަހުރެން ދަމުން އެކަލޭގެފާނަށް އަހުރެން ސަލާމްގޮވައިލީމެވެ. ފަހެ އިޝާރާތުން އެކަލޭގެފާނު އަހުރެންނަށް ސަލާމުގެ ޖަވާބުދެއްވިއެވެ."(7)

 7- ތަސްބީޙަ ކިޔުމާއި އަތްޖެހުން.
ފަހެ ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "مَنْ نَابَهُ شَيءٌ فِي صَلاَتِهِ فَلْيَقُلْ سُبْحَانَ اللهِ، إِنَّمَا التَّصْفِيحُ لِلنِّسَاءِ وَالتَّسبِيحُ لِلرِّجَالِ" (މާނައީ: "ނަމާދުގައި ކަމެއް ދިމާވެއްޖެ މީހާ، (އެބަހީ އިމާމު މީހާއަށް ކުށެއްކުރެވިއްޖެކަން އެނގިއްޖެ މީހާ، ނުވަތަ އެނޫންވެސް ކަމެއް ދިމާވެއްޖެ މީހާ) ފަހެ سُبْحَانَ اللهِ ކިޔާހުށިކަމެވެ. ހަމަކަށަވަރުން އަތްޖެހުންވަނީ އަންހެނުންނަށެވެ. އަދި ތަސްބީޙަކިޔުންވަނީ ފިރިހެނުންނަށެވެ."

 8- އިމާމު މީހާއަށް ލައިދިނުން.
ފަހެ އިމާމު މީހާއާ އެންމެ ކައިރީގައި ތިބެން ޖެހޭނީ ޤުރުއާން އެންމެ ބޮޑަށް ދަންނަ މީހުންނެވެ. އިމާމު މީހާ ޤުރުއާން ކިޔަވަމުން ދަނިކޮށް އާޔަތެއް ހަނދާންނެތިއްޖެނަމަ، ނުވަތަ ނުބައިކޮށް ކިޔަވައިފިނަމަ، ދަންނަ މީހާ އިމާމަށް ކިޔައިދޭން ޖެހޭނެއެވެ. މާތް الله ރުއްސުންލެއްވި ޢަބްދުالله ބުނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްފަހަރަކު ނަމާދުގައި ކީރިތި ރަސޫލާ ﷺ ކިޔަވައި ވިދާޅުވަނިކޮށް އެކަލޭގެފާނަށް އޮޅިވަޑައިގަތެވެ. ދެން ނަމާދު ނިމުމުން އަޞްޙާބުބޭކަލުންނާ ދިމާއަށް ކުރިމަތިފުޅުލައްވާ އުބައްޔު ބުނު ކަޢުބަށް ވިދާޅުވިއެވެ. އަހުރެމެންނާ އެކު ނަމާދުކުރެއްވިންތޯއެވެ؟ އުބައްޔު ވިދާޅުވިއެވެ. އާދޭހޭ! އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ދެން ލައިނުދެއްވީ ކީއްވެގެންތޯއެވެ؟" (9)

 9- ކިނބިހި އެޅުމުން اَلْحَمْدُ للهِ ކިޔުން.
މާތް الله ރުއްސުންލެއްވި ރިފާޢަތު ބުނު ރާފިޢުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްފަހަރަކު ކީރިތި ރަސޫލާ ﷺ ގެ ފަހަތްޕުޅުގައި އަހުރެން ނަމާދުކުރަން ހުއްޓައި، އަހުރެންނަށް ކިނބިއްސެއް އެޅިއްޖެއެވެ. ފަހެ އަހުރެން ކިޔައިފީމެވެ. "اَلْحَمْدُ للهِ حَمْدًا كَثِيرًا طَيِّـبًا مُبَارَكًا فِيهِ مُبَارَكًا عَلَيْهِ كَمَا يُحِبُّ رَبُّنَا وَيَرْضَى" "އަހުރެމެންގެ ވެރިރަސްކަލާނގެ ލޯބިވެވޮޑިގަންނަވާ އަދި ރުހިވޮޑިގަންނަވާ ފަދައިން ގިނަވެގެންވާ، ރިވެތިވެގެންވާ، ބަރަކާތްލެއްވިގެންވާ ޙަމްދަކުން الله އަށް ޙަމްދު ލިބިވޮޑިގެންވެއެވެ." ފަހެ ކީރިތި ރަސޫލާ ﷺ ނަމާދުން އަވަދިވެވަޑައިގެން ޙަދީޘްކުރެއްވިއެވެ. "ނަމާދުގައި ވާހަކަދެއްކީ ކާކުހެއްޔެވެ؟" ފަހެ އެއް ބޭކަލަކުވެސް އެއްޗެކޭ ވިދާޅެއް ނުވިއެވެ. ދެން ދެވަނަ ފަހަރަށް އެކަލޭގެފާނު އެހެން حديث ކުރެއްވިއެވެ. ފަހެ އެއްބޭކަލަކުވެސް އެއްޗެކޭ ވިދާޅެއް ނުވިއެވެ. ދެން ތިންވަނަ ފަހަރަށް އެކަލޭގެފާނު ޙަދީޘްކުރެއްވުމުން އަހުރެން ދަންނަވައިފީމެވެ. އޭ اللهގެ ރަސޫލާއެވެ! އެއީ އަހުރެންނެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މުޙައްމަދުގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. ތިރީސް އެތައް މަލާއިކަތުން އެކަލިމަފުޅު ހިއްޕަވައިގެން، މައްޗަށް އަރުއްވާނެ ބޭކަލަކާ މެދު، ވާދަވެރިވެ އުޅުއްވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ." (10)

 10- މުޞްޙަފު ބަލައިގެން ކިޔެވުން.
ފަހެ ސުންނަތް ނަމާދުތަކުގައި ޚާއްޞަކޮށް ދިގުކޮށް ކިޔެވުން ސުންނަތްވެގެންވާ ނަމާދުތަކުގައި، އެބަހީ ތަހައްޖުދު ނަމާދު ފަދަ ނަމާދުތަކުގައި މުޞްޙަފު ބަލައިގެން ކިޔެވުން ހުއްދަވެގެންވެއެވެ.

ފަހެ މާތް الله ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. "އެކަމަނާގެ ޣުލާމެއް ކަމުގައިވާ ޛަކުވާނު ޤުރުއާން ބައްލަވައިގެން ކިޔަވާވިދާޅުވާ ޙާލު، (ތަރާވީޙުގައި) އެކަމަނާއަށް އިމާމުކަން ކޮށްދެއްވައެވެ." (11)

އަދި އިމާމު ނަވަވީ ވިދާޅުވިއެވެ. "ބައެއް ފަހަރު މުޞްޙަފުގެ ގަނޑު އުކިޔަސް ނަމާދު ބާޠިލެއް ނުވާނެއެވެ."

(1)رواه أحمد وأبو داود والترمذي وابن حباّن وصححه الألباني.
(2)رواه أحمد وابن حباّن وصححه الألباني.
(3)رواه أحمد والبخاري وأبو داود والنسائي.
(4)رواه أحمد وأصحاب السنن وصححه الألباني.
(5)رواه أحمد وأبو داود والترمذي والنسائي وحسنه الألباني.
(6)رواه أحمد والنسائي وغير هما وصححه الألباني.
(7)رواه أحمد والترمذي وصححه الألباني.
(8)رواه أحمد وأبو داود والنسائي وصححه الألباني.
(9)رواه أبو داود وابن حباّن والطّبراني وصححه الألباني.
(10)رواه أحمد وأبو داود والترمذي والنسائي وصححه الألباني.
(11)رواه مالك والبخاري تعليقاً.

* މައުލޫމާތު: ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ)ގެ ނަމާދު ވޯކްޝޮޕްގެ ނޯޓްސް [كتاب الصلاة] އިން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *