ގައުމެއްގެ ނިސްބަތުގައި އެކަނި ފަސްގަނޑު އެއީ މުތް ނެތް އިތާ
ގައުމުގެ ދަރީން އެއް ފަދަ އެހެން ވީމާ ވިދާ އަލި ރަން މުތާ
އެތަކެއް ބިމެއް ބައްރެއް ބޮޑެތި އެބަހުރި އެ ނުކިޔާ ޤައުމެކޭ
ނެތަތީ އުފަން ދަރިޔަކު އެތާ ހިތަކަށް އޮތީ ވިނަޔާ ފަތާ
ފަރުވާވެ ތިބެ ޤައުމީ ބިނާ އުފުލާ މުރާލި ދަރީންނަކީ
ވަރުބަލިނުވާ ކުޅަނދުރުތަކެއް ފުރިހަމަކުރާ މާމުއި ހަތާ
ދަބަރާއި އަލިފާން އައިސް ކެޔަސް، ދޭދޭ ގުޅުންތައް ފާޅުގައި
އަބަދަށް އެކީގައި ވާންޖެހޭ އަގުހުރި އަބާރަނަހެން ގަތާ
އޭ ހަރުދަނާ އަޖުދާދުނޭ ލޭދީ ފިދާވި ޝަހީދުނޭ
މޭގައިވެޔޭ ތިޔަ އަސަރުތައް ވޭނީ މިހާރުގެ ޙާލަތާ
ލޮބުވެތި މި ބިން އާރާސްތުކޮށް މުސްތަޤުބަލުގެ ވޮށް ދިއްލުމަށް
ޢަބުރަހަތު ގެންނަންވާނެއޭ އޭނާ ސަވާރުވެ އިން އެތާ
ވިސްނާށެ އުދުހޭ ކާޅު ވެސް އެއުރެންގެ ހާލި ބިނާކުރޭ –
އިސްކޮށް އަމިއްލަ ޖިހާދުތައް، ލަވަތައް ކިޔަން ނެތަކަސް ލަތާ