ރަށެއްގައި ފަތިހު ތެދުވުމަށް ގޮވާ ޢިލްމުވެރި ހާލެއް އުޅުނެވެ. އެއީ ޝަރްޢީ ޢިލްމުވެރި ހާލެކެވެ. އެހެންވެ އޭނާ ފަތިހަށް ތެދުވުމަށް ގޮވާލަނީ ވަރަށް ބާރު އަޑުކުންނެވެ.
"ކައްކަކާއް…..ކޯ" އޭނާ ކޮންމެ ދުވަހަކު ގޮވަމުން އައެވެ. މީނާގެ ޞާޙިބާ މިކަމާ ވަރަށް ވެސް ހިތްހަމަނުޖެހިއްޖެއެވެ.
އެއް ދުވަހަކު ޞާޙިބު މީހާ އައިސް ބުންޏެވެ. ތިބާ ގޮވުން ހުއްޓާލާށެވެ!!! އެހެން ނޫނީ އަހަރެން ތިބާ ކަތިލާނަމެވެ. ދެން މީގެ ފަހުން ފަތިހު ނުގޮވާށެވެ! ޢާލިމު ހާ ހިތާހިތާ ބުނެލި އެވެ. ފިޤްހީ ޤާޢިދާއެއްގައި އޮވެއެވެ. ޟަރޫރަތެއް ޖެހުމުން ޙަރާމްކަމެއްވެސް ހުއްދަވެއެވެ. އަދި އަހަރެމެންގެ ދީނުގައި ނަފްސަށް ނުރައްކާވާ ޙާލަތުގައި ތަންކޮޅެއް ބޯލަނބައިލުންވެސް އެއީ ނެތްކަމެއް ނޫނެވެ. އަދި އަހަރެން ނުގޮވިއަސް ފަތިހު ގޮވާނެ އެހެން އެތަކެއް ހާތައް އުޅޭނެއެވެ. މިހާ ހިސާބުން ޢިލްމުވެރި ހާ ފަތިހު ގޮވުން ހުއްޓާލިއެވެ.
މިހެން އުޅެނިކޮށް ހަފްތާއެއް ފަހުން އަނެއްކާ ވެސް މީނަ ގެންގުޅޭ ޞާޙިބު މީހާ އައިސް ބުނެފިއެވެ. އަދި ތިވަރަކުން ކަތި ނުލައެއް ނުބެހެއްޓޭނެއެވެ. ހަމަ އެކަނި ފަތިހު ނުގޮވުމަކުން ނުފުދެއެވެ. ކުކުޅު ލައްވާހެން އަޑު ލައްވަން ފަށާށެވެ.!!! އެހެންނޫނީ ވަގުތުން ކަލޭ ކަތިލާނަމެވެ. މައުލާނާ ހާ އަނެއްކާވެސް ހިތާހިތާ ބުނެލި އެވެ. އާނ އެކެވެ. ފިޤްހީ ޤާޢިދާއެއްގައި އޮވެއެވެ. ޟަރޫރަތެއް ޖެހުމުން ޙަރާމްކަމެއްވެސް ހުއްދަވެއެވެ. އަދި އަހަރެމެންގެ ދީނުގައި ބައެއް ޙާލަތުގައި ތަންކޮޅެއް ބޯލަނބައިލުންވެސް އެއީ ނެތްކަމެއް ނޫނެވެ. އެހާހިސާބުން އެހާ ހަމަ ކުކުޅެއް ހެން ކުކުރާ އަޑު ލައްވަން ފަށައިފިއެވެ.
އަނެއްކާ ވެސް ހަފްތާއެއް ފަހުން ޞާޙިބު މީހާ އައިސް ބުނެފިއެވެ. އަދި ތިވަރަކުން ކަތިނުލައެއް ނުބެހެއްޓޭނެއެވެ. ހަމައެކަނި ކުކުޅު ލައްވާ އަޑު ލެއްވިއަކަސް ނުފުދޭނެއެވެ. ކުކުޅު އަޅާހެން ބިސް ވެސް އަޅަންފަށާށެވެ. އެހެންނޫނީ ހަމަ މިހާރު ކަތިލާނަމެވެ. އެވަޤުތު މަވްލާނާ ހާ ރޮމުން ކިޔަމުން ދިޔައެވެ.
"އަހަރެން ފަތިހު ތެދުވުމަށް މީސްތަކުންނަށް ގޮވާލަގޮވާލާ ހުއްޓާ މަރުވިނަމައެވެ! އަދި އަހަރެން ބިސް އަޅަން އުޅެންޖެހޭނެ ދުވަހެއް ނުފެނުނަމަ އެވެ!"
ބޯލެނބުން އޮތީ މިފަދައިންނެވެ. ކުދިކުދި މަރްޙަލާތަކަކުން ގޮސް އެއްމެ ފަހުން އިސްއުފުލާނުލެވޭ މިންވަރަށް ބޯލަނބަންޖެހެއެވެ. އެހެންޏާ ތިބާއީ އިމާމް އަޙްމަދު ފަދައެވެ. އެހެންޏާ ތިބާއީ އިމާމް އަޙްމަދު ފަދައެއް ނޫނެވެ. އެ ދޭތެރެ މެދެއް ނޯންނާނެއެވެ.!!! ބޯލަނބާލުމާ މެދު ސަމާލުވުވާށެވެ! ފަހެ އަނބުރާ ތިބާއަށް އިސް އުފުލާ ބަލާލަން އަލުން ނުލިބިދާނެއެވެ!
ޚިޔާލު: އަދުހަމް އައްޝަރްޤާވީގެ ފޮތް وإذا الصحف نشرت އިން




advertisment