ރައްޔިތުން ކައިރީ ހުވާކޮށް ވަޢުދުކޮށްފައި ރޮއެ ހެދީ،
ރައްޔިތުންނަށް ހެޔޮ ލަފާ ހެޔޮ ވެރިކަމެއް ކޮށްދޭން ބުނީ
ރައްޔިތުންނަށް ދެއްވިފޮނި އުއްމީދުގައި ވެރިކަންދިނީ،
ރައްޔިތުންގެ ފުށުން އެދުނު ހުރިހާ ކަމެއްވެސް ކޮށްދިނީ
ރައްޔިތުންނަށް ހީވި އެތަކެއް ހީ ތަކެއްގެ މަތިން ބަލައި،
ރައްޔިތުން އަދު ވެރިކަމާ އަދި ރައްޔިތުން މަޖިލިސް ދިނީ
ލައްކަ ގިނަ ފައިދާތަކެއް ލިބިދާނެ "ހުވަފެން ދެއްކުމުން"
ފަސްދޮޅަސް ހަތް މެންބަރުންގެ މެޖޯރިޓީއެއް ވެސް ދިނީ
ރައްޔިތުން ހީކުރި ގޮތެއް ނުވި ތިން އަހަރު މާޒީވިއިރު،
ރައްޔިތުން ނަށް ހާސްކަމާ ނިކަމެތި ކަމޭ ލިބެމުން ދަނީ
ގައުމު އަދު މިސްރާބު ނުހިފޭ ދަތުރަކަށް ފެށިގެން ދަނީ
"ކަނޑުތެރޭ މިޖެހޭ ވަޔާ ގަދަ ފަދަ އޮޔާ އެކު އެނބުރެނީ"
ކުޅިވަރެއް ނޫނޭ މިއީ މާޒީން ލިބުނު ޢިބުރަތްތަކުން
ކޮޅިގަނޑެއްޖެހި މަޑުވިއިރު މިނިވަންކަމޭ ގޮސް ގެއްލުނީ
ކަނޑުތަކާ އަދި ބިންތަކާ މިގޮތަށް އަތުން ހަމަ ބީވުމުން
ފަޚުރުވެރި ގައުމާ ވަޠަންގެ އަމާން ކަމޭ، މިއަތުން ދަނީ
ގައުމުގައި ހުރި ތަރިކަޔާ އަދި ގައުމުގައި ހުރި ހަރުމުދާ
"ރަހުނަކަށް ވީމާ" ގައުމު ހަސްފަސް މި ނެތިގެންނޭ ދަނީ
ހޯދުމަށް ވަގުތީ އުފާތައް ކޮށްއުޅޭ އެކި ކަންކަމުން
ގޯހަކަށް ވާއިރު ފަހުން އަދި މާފަހުން ދެން ވިސްނެނީ
ގައުމު އަދު ނާމާންކަމާ ބިރުވެރިކަމެއްގެ ތެރޭ ވުމުން،
ގައުމުގައި ތިބި ރައްޔިތުން މާޔޫސްކަމޭ އިޙްސާސް ވަނީ
ދެން ނެތޭ ގައުމަށް އަމާން ދުވަހެއް ޚިޔާލަށް އަންނަނީ،
ދެން މިގައުމުގެ ރީތި ނަން ދުނިޔޭގެ ޗާޓުން ފޮހެވެނީ
ފަޚުރުވެރި ދިވެހީންގެ ކުރިމަގު އަލިކަމެއްނެތި ބަނަވެފައި
ގައުމު އޮތް ޙާލަތު ހިތަށް އެރުމުން ކަރުނަ އޮހެމުން ދަނީ
ކަންކަމާ އަދި ތަންތަނާ، ބޭރުގެ ޔަހޫދީންނަށް ދިނުން،
ކަންވެ ނިމުމަށްފަހު އަލުން ގައުމަށް ބަދަލުވެސް ނުލިބެނީ
ބާރުތައް ލިބި މުށުތެރޭގައި ގައުމު އެއްކޮށް ވީ ހިނދުން،
ބާރު ހޯދަން ކުރި ވަޢުދު ތައްވެސް ހަނދާނުން ފޮހެވުނީ
ހެޔޮކަމެއް ކޮށްދިން މި ލޮބުވެތި ރައްޔިތުންނަށް "ވެދުމަކަށް"
ހެޔޮނުވާނެ ތިހެން ހަދާކަށް! "ތެޔޮ ހަމެއްތާ ތިޔަ ދިނީ"
