Support Us

ދޮގެއް ހަދައިގެން ސަލާމަތްވާން އޮތަސް ތެދެއް ނޫނީ ނުބުނާށެވެ.

މާތް ނަބިއްޔާ މުޙައްމަދު ރަސޫލުالله ﷺ ގެ މިސްކިތްކޮޅު ސާފުކުރެއްމުގެ މަސައްކަތުގައި ހަބުޝްކަރައިގެ އަންހެނަކު އުޅުނެވެ. އަޅާލާނެ މީހެއް ގާތްތިމާގެ މީހެއްވެސް ނެތުމުން އިސްލާމްވުމަށްފަހު އޭނާ އުޅެމުންގެންދިޔައީ މާތްނަބިއްޔާގެ މިސްކިތްކޮޅުގައި ކުޑަކުޑަ ޓެންޓެއް ޖަހައިގެނެވެ. ޢާއިޝަތުގެފާނު މާތްނަބިއްޔާގެ މިސްކިތްކޮޅަށް ޒިޔާރަތް ކުރައްވައި، މި އަންހެން މީހާއާ ބައްދަލުކޮށް ވާހަކަފުޅުދައްކައި އުޅުއްވިއެވެ. މި ގޮތަށް ވާހަކަފުޅު ދައްކަވައި އުޅުއްވުމުގެ ތެރޭގައި، އެ އަންހެންމީހާގެ ކޮންމެ ދުވަހަކުވެސް ތަކުރާރުކޮށް ކިޔާ ޅެންބައިތެއް އޮވެއެވެ.

‏‎و يوم الوشاح من أعاجيب ربنا ألا إنه من بلدة الكفر أنجاني

މާނައީ:- "ވިޝާޙުގެ ދުވަހަކީ ކަލާނގެ އަޖައިބުތަކުންކުރެ އަޖައިބެއް އަހަރެންނަށް ފެނިގެންދިޔަ ދުވަހެކެވެ. އެދުވަހަކީ އެކަލާނގެ އަހަރެން ކުފުރުގެ އައްސޭރިއަކުން ސަލާމަތް ކުރެއްވި ދުވަހެވެ." މިއެވެ.

ކޮންމެއަކަސް ޢާއިޝަތުގެފާނަށް ތަކުރާރުކޮށް މިޅެންބައިތު އިވިވަޑައިގަންނަވާތީ، އެކަމަނާގެ ހިތްޕުޅުގައި މިޅެންބައިތުގެ ފަހަތުގައި ފޮރުވިފައިވާ ހަޤީގަތަކީ ކޮބައިތޯ ހޯއްދެވުމުގެ ޝަޢުގުވެރިކަން އުފެދުނެވެ. އެހެންކަމުން އެ އަންހެންމީހާގެ ކިބައިން މިޅެންބައިތާ ބެހޭގޮތުން ސުވާލު ކުރެއްވިއެވެ. އޭނާ ދެންނެވިއެވެ.

"އަހަންނަކީ އަބިސީނިޔާ (ޙަބުޝްކަރަ) އަށް ނިސްބަތްވާ އަޅު އަންހެނަކީމުއެވެ. އަހަރެންގެ ސާހިބާއަށް ކިޔަމަންތެރިކަމާ އެކު ޚިދުމަތްކުރާ ތެދުވެރި އަމާނާތްތެރިޔަކު ކަމުގައި އަހަރެން ވީމުއެވެ. ސާހިބު މީހާއާ އެކީ ދަތުރުފަތުރުކޮށް އެބައިމީހުން ދާހާ ތަނަކަށް ގޮސް އުޅުނީމެވެ. އެއް ދުވަހަކު އަހަރެންގެ ސާހިބާގެ އަންހެން ދަރިފުޅު އޭނާގެ ވިޝާހު އަޅައިގެން ނިކުތެވެ. އެއީ ވަރަށް ރީތި ރަތްކުލައިގެ ލެދަރުން ހަދާފައިވާ ވިޝާޙެކެވެ. އަގުބޮޑެތި ޖަވާހިރުތަކުން ޖަރީކޮށްފައިވާ އެއްޗެކެވެ.

"ކޮންމެއަކަސް ސާހިބާގެ ދަރިފުޅު މި ވިޝާހު އަޅައިގެން އުޅެނިކޮށް އޭނާއަށް ނޭނގި ނަމަވެސް އޭތި ބިންމަށްޗަށް ވެއްޓުނެވެ. އެތަންވަޅު އުދުހިފައި ދިޔަ ބާޒެއް މަސްގަނޑެއް ކަމަށް ހީކޮށް އެސޮރުގެ ތުނބުން އެ ވިޝާޙު ނަގައިގެން އުދުއްސައިގަތެވެ.

"އިރުކޮޅެއްފަހުން ސާހިބާގެ ދަރިފުޅު އޭނާގެ ވިޝާޙު ނެތްކަން އެނގިގެން ހޯދަން ފެށިއެއެވެ. އެތަންމިތަން ހޯދާހޯދާވެސް ނުފެނުމުން ވިޝާޙު ވަގަށް ނަގައިފި ކަމަށް ބުނެ ހަޅޭއްފަޅޭއް ޖަހައިގަތެވެ. ހަޅޭކުގެ އަޑަށް އަހުރެންގެ ސާހިބުމީހާއާއި ޤަބީލާގެ ބޮޑުން އަތުވެއްޖެއެވެ. އެބައިމީހުން ވިޝާހު ނެގިކަމުގެ ތުހުމަތުކުރީ އަހަރެންނަށެވެ. އެމީހުން ސުވާލުކުރުމުން ކަން ހިނގައި ދިޔަގޮތް އަހަރެން ތެދުބަހުން ކިޔައިދިނީމެވެ. ނަމަވެސް އަހުރެންގެ ސާހިބާއާއި ގަބީލާގެ މީހުން އެވާހަކަ ގަބޫލެއްނުކުރިއެވެ.

"ސާހިބާ އަހަރެންނާ ދިމާއަށް ބުންޏެވެ. "ދޮގެއް ހަދައިލާން ވެސް ނޭނގޭ، މިހިރަ ގަމާރު އަންހެނާއެވެ. އިންސާނުންގެ ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ ކޮންމެވެސް ވާހަކައެއް ދައްކައިގެން، މިކަމުން ރެކެން ވެސް ކަލޭއަކަށް ނޭނގުނުތާއެވެ؟ ތިޔަ ދައްކަނީ އަހަރުމެން ޤަބޫލުކުރާނޭ ވާހަކަތަކެއް ނޫނެވެ. ތިޔަ ކަހަލަ ވާހަކަ ޤަބޫލުކުރާނީ ބުއްދި ގޯސްވެފައި ތިބި މޮޔައިންގެ ތެރެއިން ވެސް މޮޔަކަން ބޮޑު މީހުންނެވެ. އެ ވިޝާޙް ވަގަށް ނަގައި ތިމަންނަ ވިއްކާލީއޭ ނުވަތަ މީހަކަށް ދިނީއޭ މިހެން ބުނިނަމަވެސް މާތާހިރު ނޫން ހެއްޔެވެ؟ ދޮގެއް ހަދަންޏާ ވެސް މީހުންގެ ބުއްދި ގަބޫލުކުރާ ކަހަލަ ދޮގެއް ހަދަންވެސް ކަލޭއަކަށް ނޭނގުނުތާއެވެ.

"ކޮންމެއަކަސް ވިޝާހު ވަގަށްނެގިކަމުގެ ތުހުމަތު އަހުރެންގެ ބޮލުގައި އަޅުވައި މި ޤަބީލާގެ އިސްމީހުން، އެމީހުންނަށް ދެއްކުނުހާ އަހުވައެއް އަހަރެންނަށް ދައްކަންފެށިއެވެ. ތަޅާ އަނިޔާކޮށް އެންމެ ފަހުން އަހުރެންގެ ހަށިގަނޑުގެ ލަދުވެތޮ ގުނަވަންތައްވެސް ކަޝްފުކޮށް ހޯދައި ބެލިއެވެ.

"އެމީހުން ހީކޮށްގެން ތިބީ އެމީހުން އެދޭ ފަދަ ޖަވާބެއް އަހަރެންގެ ފަރާތުން ލިބޭނެ ކަމަށެވެ. ނަމަވެސް އެ ނިކަމެތި ހާލުގައި ހަދާނެ ގޮތްހުސްވެފައި އަހުރެން ހުއްޓައި، އެއްކަލަ ދޫނި އުދުހިފައި އައިސް އެސޮރު ހިފައިގެން ދިޔަ ވިޝާޙް އެމީހުންނާއި އަހަރެންގެ ދެމެދަށް ވައްޓާލިއެވެ. އެވަގުތު އަހަރެން، ރޮމުން، ގިސްލަމުން، އެމީހުންނާ ދިމާއަށް ބުނީމެވެ.

"هذا الذي اتهمتني به و أنا منه بريئة

"ކަލޭމެން އަހަރެންނާމެދު ތުހުމަތުކުރި ކަންކަމަކީ މިއީ ހެއްޔެވެ؟ މިއޮތް ހުރިހާއިރު ވެސް އަހަރެން ވަނީ މިކަމުން ބަރީޢަވެގެންނެވެ.

"ދެންފަހެ މިމަންޒަރު ފެނިފައި، އަހުރެންގެ ސާހިބުމީހާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އަދި ކުރެވުނު ކަންތަކާ މެދު ސަހަރޯހީވެ އަހަރެން މިނިވަންކޮށް ދޫކޮށްލައިފިއެވެ."

ނޯޓް:- މި އަންހެންމީހާ މިނިވަން ކުރުމުން ވެސް އޭނާ ދާނެ އިތުރު އެއްވެސް ތަނެއް ނެތެވެ. އަޅާލާނެ މީހަކުވެސް ނެތެވެ. އޭރު އޭނާ އަށް ޚަބަރު ލިބިފައިވާ ގޮތުގައި ކައުސާހިބާ އަކީ ޔަތީމުންނާއި ނިކަމެތިންނަށް އަޅާލައްވާ، އޯގާތެރި ބޭކަލެކެވެ. އެހެންކަމުން މި އަންހެންމީހާ މާތްނަބިއްޔާގެ އަރިހަށް ގޮސް އިސްލާމްދީން ގަބޫލު ކުރިއެވެ. އެކަލޭގެފާނު މި އަންހެން މީހާ ދިރިއުޅޭނެ އިންތިޒާމް އެކަލޭގެފާނުގެ މިސްކިތްކޮޅުގައި ހަމަޖެއްސެވިއެވެ.

އެއްދުވަހަކު މިއަންހެން މީހާގެ އެއްވެސް ހިލަމެއް ނުވެގެން ކައު ސާހިބާ އެކަލޭގެފާނުގެ އަސްޙާބުންނާއި ސުވާލު ކުރެއްވިއެވެ. އެބޭކަލުން ދެންނެވިއެވެ. އެ އަންހެންމީހާ ރޭގެ ވަގުތެއްގައި ދުނިޔެ ދޫކޮށްފިއެވެ. އަދި ރޭގަނޑުގެ މާ ދަން ވަގުތެއްކަމުން ތިމަންބޭކަލުން ކަލޭގެފާނަށް އުނދަގޫފުޅު ނުކުރާންވެގެން އެކަމަނާގެ ޖަނާޒާގެ ކަންތައްތައް ކުރިޔަށް ގެންގޮސް ވަޅުލައިފީމެވެ. އެ ހިނދު ނަބިއްޔާ މުޙައްމަދު ރަސޫލުالله ﷺ އެކަމާ ވަރަށް ބޮޑަށް ހިތާމަފުޅުކުރައްވައި އެކަމަނާގެ މަހާނަ ކައިރިޔަށް ވަޑައިގެން އެކަމަނާގެ މައްޗަށް ކަށުނަމާދު ކުރައްވައި ހެޔޮ ދުޢާ ކުރެއްވިއެވެ. އެގޮތުން ދެފަހަރު އެކަމަނާގެ މައްޗަށް ކަށުނަމާދު ކުރެވުނެވެ. މިއުންމަތުގެ މާތް ސާހިބާގެ އިތުރުން އެންމެ ހެޔޮލަފާ އަސްހާބު ބޭކަލުންގެ ފަރާތުންނެވެ. ކޮން ފަދަ ހެޔޮ ނަޞީބެއްހެއްޔެވެ؟

މަސްދަރު: ސަޙީހުލް ބުޚާރީ ވޮލިޔުމް 1 ފޮތް 8/ ދަ ޑެއިލީ ރިމައިންޑާ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް