ކޮންފަދަވި ޢިބްރަތެއްތޯ ވިސްނައި ފިކުރު ކުރަންމީ،
ކޮންފަދަ ނުފޫޒަކުންތޯ "ޙައްޤަށް މި ނަޞްރު" ދެއްވީ
ﷲ ލެއްވި ހަތްއުޑު ދަށުގައި "އަޅުން އުޅޭއިރު"
ﷲ ބައްލަވައި ދެނެ ވޮޑިގެން ވެޔޭ އެނގެންވީ
ފަރުދާ ތެރޭ އަޅުންތިބެ ރާވައި ނުބައިވި ރޭވުން،
"ފަރުދާގެ ފުރަގަހުން" ދެނެ ވޮޑިގެން ވެޔޭ، އެނގެންވީ
ބާރާ ނުފޫޒު، ފައިސާ، ހުއްޓަސް ތިމާ ދެކެންވީ،
"މާދަން ސަލާން ޖަހަންވެސް" ޖެހިދާނެޔޭ ބަލަންވީ
ގުންފައި ޖަހައި މިބިމުގައި މަތިހަށި ނަގައި އުޅުނަކަސް
ބިންގަނޑު ފަޅައި އެއަޑިޔަށް ނުދެވޭނެކަން އެނގެންވީ
ގަނޑުވަރު މޮޅަށް ބިނާކޮށް، ބޮޑު ބަޑި ބެހެއްޓި ނަމަވެސް،
"މަލަކުލް މައުތު އެތަނަށް ވެދެވޭނެ" ކަން އެނގެންވީ
ދަންނަން ޖެހޭނެ ވަގުތާ، އަދި ސާޢަތާއި ޖެހުމުން،
"ﷲ އަމުރު ފުޅު! كُن فَيَكُونُ" ކަން އެނގެންވީ
