...

Support Us

މަނަދޫގެ އީދު ކުޅިވަރުތަކުގެ ތެރެއިން... ފޮޓޯ: މަނަދޫ އެކުވެރި ކްލަބު/ އެފް.ބީ

މަނަދޫގައި ކުރެވުނު އަދަބީ ފިނި ހަނގުރާމަ

އެއީ ނ. މަނަދޫގައި ވަރަށް އާދަޔާ ޚިލާފު އަދަބީ ރޫޙެއް އުފެދިގެން އުޅުނު ދުވަސްވަރެކެވެ. އެއްބަޔަކު އަނެއް ބަޔަކަށް ވާދައަށް ޅެމާއި ލަވަޔާއި ރައިވަރާއި ބަންޖާއި ފަރިހި ހަދައި އުޅުނު ދުވަސްވަރެކެވެ. ހެނދުނު އިރު އަރާއިރު އަދަބީ އުފެއްދުންތައް ތަންތަނުގައި ހިއްޕާފައި ހުއްޓާ ފެނިދާނެއެވެ. ނޫނީ ގޭގޭގެ ބޮޑުދޮރު ދޮށުން ނުވަތަ ކުޑަދޮރަކުން ގޭތެރެއަށް އެއްލާފައި އޮއްވައި ފެނިދާނެއެވެ. ލިޔެފައިވާ ޝާއިރުގެ އަސްލުނަމެއް ނޭނގޭނެއެވެ. ހުންނަނީ މުޅިން ވެސް ގަލަމީ ނަމެވެ. އެ ނަންތައް އޭރު ވަރަށް މަޝްހޫރެވެ.

މަނަދޫގައި އަދަބީ ފިނި ހަނގުރާމައިގެ ދެ ރާޅެއް އައެވެ. ފުރަތަމަ ރާޅު އައީ 1968 ގައެވެ. މަނަދޫގެ ގަދަރުވެރި ދެ ޢާއިލާއެއް ގުޅިފައިވާ މުހިންމު ކައިވެންޏެއްގެ ގޮށް ފުރަތަމަ ފަހަރަށް މޮހުނު ދަނޑިވަޅުގައެވެ. ދެ ފަރާތުން ދައްކާނެ ބައިވަރު ވާހަކަ ހުރީއެވެ. އަދި އެ ކައިވެނީގެ ހަވާސާގައި އެހެން ޒުވާނުންގެ ޝައުޤުވެރިކަން ވެސް އޮތީއެވެ. އަދި އެ ކައިވެނި ދެމިއޮތުމަށް އެދިގެން ތިބި ބަޔަކާއި ރޫޅިގެން ދިއުމަށް ބޭނުންވާ ބައަކު ވެސް ތިބީއެވެ.

އެއް ދުވަހަކު އިރުއެރިއިރު އޮތީ ޅެމެން ނުކުމެފައެވެ. އެ ޅެން ހަދައިފައިވަނީ "އެޑްވަޑް" ކިޔާ ގަލަމީ ނަމަކުންނެވެ. އެ ޅެމަށް ރައްދުދީ އަނެއްރޭ އޮތީ އެހެން ޅެމެން ނުކުމެފައެވެ. އެ ޅެމުގެ ޝާއިރަކަށް އޮތީ "އެޑްމަންޑް" އެވެ. އަދަބީ ފިނި ހަނގުރާމަ ފެށުނީއެވެ.

އޭރު މަނަދޫ ކަރަންކާވިލާއަކީ އަދަބީ ބޮޑު ބަހާރެކެވެ. ޅެމާއި ރައިވަރާއި ފަރިއްސާއި ލަވަ ހަދައިގެން ކިޔައިހަދާ ބޮޑު ގުލްޝަނެކެވެ. އެކި އުމުރުގެ މީހުން ކޮންމެ ރެއަކު ޖަމާވެ އެތައް ދަމެއް ވަންދެން މުނިފޫހިފިލުވި ނާދީއެކެވެ. މަހަށްދާ މީހުން މަހުން އައިސް އަވަސް އަވަހަށް ފެންވަރާލައިގެން ދަނީ އެ ގެއަށެވެ. ބައެއް ރޭރޭ ސައި އޮވެއެވެ. އެ ގޭ ފެންޑާމަތީގައި ހުންނަ ބޮޑު އުނދޯއްޔާއި ގޮނޑިތައް އޮންނަނީ ފުރިފައެވެ. ކޮންމެ ރެއަކު ވެސް މުޅިން އާ އަދަބީ އުފެއްދުންތަކެއް ނެރެމުން ދެއެވެ. ލިޔާ މީހުން ލިޔެއެވެ. ބަހާމީހުން ބަހައެވެ. ކިޔާ މީހުން ކިޔައެވެ.

އެ ދުވަސްވަރު ކަނޑުމަތީގައި މަރުވެފައި އޮތް ބޮޑުމަހެއް މަނަދޫ މީހުންނަށް ހޮވުނެވެ. މަނަދޫގެ ދެކުނު ފަރާތުން މަސް އެއްގަންކުރުމާއި މަސް ކަނޑައި މަހުގެ ބައިތަކުން ތެޔޮ ނަގާ ހެދުމުގައި މަނަދޫ ރައްޔިތުން ދެއްކީ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. މި ބުރަ މަސައްކަތް ހިނގަމުން ދިޔައިރު އެކަމަށް ހިތްވަރުދީ ފޯރި ހިފެހެއްޓުމުގެ ގޮތުން ވަރަށް ގިނަ ރައިވަރާއި ޅެމާއި ލަވަ ހަދައިގެން ނެރުނެވެ. އޭގެ ތެރެއިން އެންމެ ދިގު ރައިވަރުބައެއް ހަދާފައިވަނީ އިރުމަތީ އަވަށު ކުޅިވަރު މުރީދު، މަނަދޫ މާލްރޯޑް، އިބްރާހީމް ޙަސަނެވެ. އެއީ އަޅުގަނޑުގެ މަންމަ ފަރާތު ކާފައެވެ. މަސް ފެނުނު ހިސާބުން ފެށިގެން މަސް އެއްގަން ކުރުމާއި މަސް ކެނޑުމާ ހަމައަށް ވަރަށް ތަފްސީލުކޮށް މި ރައިވަރު ބައިގައި ހާދިސާ ސިފަކޮށްދީފައިވެއެވެ. އެ ރައިވަރުބައި މަޝްހޫރުވެފައިވަނީ "ބޮޑު މަސް ރައިވަރުބައި"ގެ ނަމުންނެވެ. މަހުގެ ކައިރީގައި އިސްކޮށް މަސައްކަތުގައި އުޅުނު ކޮންމެ މީހެއްގެ ނަމާއެކު ހަނދާފައިވާ އެ ދިގު ރައިވަރުބައި މިއަދު ފެންނާކަށް ނެތެވެ. އެ ބޮޑު މައުނަވީ ތަރިކަ އެއްކުރެވޭނެ ގޮތެއް ވެސް ނެތެވެ.

މަނަދޫގެ އީދު ކުޅިވަރުތަކުގެ ތެރެއިން… ފޮޓޯ: މަނަދޫ އެކުވެރި ކްލަބު/ އެފް.ބީ

"ހުރި މިރަށު ތެރޭގާ

ސުރުނަވެރި މޮޅު ޢަލީމާ

ކުރުފިކޮށް ހުރެ ގެން ގޮވާ

ފުރުޅޭ އެމާރަށް ހިފާ

މުރުއުގައި އަދި މިކަން ވޭތޯ

އިރުހުއްޓާ އެރުވޭތޯ"

މިއީ މަސްއެރުވުމުގައި އިސްކޮށް އުޅުއްވި މާލެ ޢަލިބެއަށް ހަދާފައިވާ ރައިވަރެވެ. މާލެ އަލިބެ އިސް މީހަކަށް ހުރެގެން ފޮރޮޅޭ މާރަށް ވާޖަހައިގެން އިރު ހުއްޓާ މަސް އެރުވޭތޯ ކުރި މަސައްކަތަށް ދީފައިވާ ހިތްވަރެވެ.

"ސާއަތުގެ ޒަހުރަތެއް

ފާބަލާ މޮޅު އިރުވަރެއް

ހާމި ނުވެޔޭ އޭރުގަ ލަހެއް

ޅާއަފިޔެ މަހު އެވަޅިދެން

ގާމި މަނަދޫ ހުންނަ ތީބު

ވާމިނަން ކުޑަ ކަތީބު"

މިއީ އޭރުގެ ކުޑަ ކަތީބު ހާރޫނު މޫސާ (ހާރޫނުބޭ) އަށް ހައްދަވާފައިވާ ރައިވަރެވެ. ހެޔޮ ރަނގަޅު އިރުވަރެއް ބަލައި "މަސް ކަތިލީ" ހާރޫނުބެއެވެ.

އެ ރައިވަރު ބައިގައި އެ މަސްދޮށުގައި އިސްކޮށް އުޅުނު ހުރިހާ އެންމެންގެ ނަމާއި އެ މީހުން ކުރި މަސައްކަތްތައް ގެނެސްފައިވެއެވެ.

މަނަދޫގެ އީދު ކުޅިވަރުތަކުގެ ތެރެއިން… ފޮޓޯ: މަނަދޫ އެކުވެރި ކްލަބު/ އެފް.ބީ

އަތިރިމަތީގެ ހައްވަދައިތައާއި ހަލީމަދައިތައަކީ ވެސް އެ ދުވަސްވަރު ވަރަށް ރީތި ރައިވަރުތައް ހަދާ ކުޅުނު ދެ ފަންނާނުންނެވެ. ބޮޑުމަސް އެރުވުމުގެ ކަންތައް ކުރިއަށްދިޔައިރު އަތިރިމަތީގެއިން ނިކުން އެއް ރައިވަރަކީ ގަދަ ހޫނުގައި މަސްދޮށުގައި އުޅުނު މީހުންނަށް ދީފައިވާ އާދަޔާ ޚިލާފު ހިތްވަރެކެވެ.

"ނޫނެކޭ އެބަބުނޭ

ނޫނު މަނަދޫ ކުދިންނޭ

ހޫނު މާގަދަ ދުވަހެކޭ

ފޫހިނެތިގެން ނުދާށޭ

ބޫލުގަތިބެ ކަތުން ލައިފޫ

މޫދުން މޫނު ދޮވެލައިފޫ"

މަނަދޫގައި އޮތް އަދަބީ ފިނި ހަނގުރާމައިގެ ފުރަތަމަ ރާޅުގައި އެންމެ މަޝްހޫރުވި ގަލަމީ ނަންތަކުގެ ތެރޭގައި އެޑްވަޑާއި އެޑްމަންޑުގެ އިތުރުން އަންވަރާއި މަނޯޖު ފަދަ ގަލަމީ ނަންތައް ހިމެނެއެވެ.

މަނަދޫގައި އުފެދުނު އަދަބީ ފިނި ހަނގުރާމަ މެދުކެނޑިފައި އޮންނަތާ ފަސްވަރަކަށް އަހަރަށް ފަހު އަނެއްކާ ވެސް ކުރިއަށް ވުރެ މާ ފޯރިގަދަކޮށް ފެށިގެން ދިޔައެވެ. އެއީ 1972 ވަނަ އަހަރުގެ ތެރޭގައެވެ. އަދަބީ އެ ރާޅު ވެސް އައީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކައިވެންޏެއް ރޫޅުމާ ގުޅިގެންނެވެ. ކައިވެނި ރޫޅިފައި ވަނިކޮށް ކުއްލިއަކަށް ޅެމެއް އައިނައިތަނެއް ނޭނގި ނުކުތީއެވެ. އެ ޅެމަށް ރައްދުދީ އަނެއް ރޭ ޅެމެއް ނުކުތީއެވެ. ޅެމުގެ އިތުރުން ރައިވަރާއި ފަރިހި ވެސް ނުކުންނަމުން ދިޔައެވެ. އެހެން އުޅެނިކޮށް މާ ވަރުގަދަ ޒުވާން ގުރޫޕެއް އުފެދިއްޖެއެވެ. އެއީ ފާޑެއްގެ އިއްތިހާދެކެވެ. އެ ގްރޫޕަށް ފަންވަތު ނަމެއްދީ، ގުރޫޕުގެ ވަކިވަކި މީހުންނަށް ނަން ހަރުކޮށްފިއެވެ. އެ ގްރޫޕުން ވެސް އެ ނަމާ ހަވާލުވެއްޖެއެވެ. އެ ހިސާބުން "މިބަގަ" އުފަންވީއެވެ.

މި ބަގައިގައި ހިމެނެނީ މަނަދޫ، ނޫވިލު، ޙަސަން އިބްރާހީމާއި މަނަދޫ ރެޑިއަމުގޭ ޢައްބާސް ނޫޙާއި މ. ހިޔަމަ (މަނަދޫ އުރާމާގޭ) އަބޫބަކުރު މުޙައްމަދާއި، މަނަދޫ އިރަމާގޭ ޢަބްދުލް ޙާދީއާއި، މަނަދޫ އައްސޭރި މުޙައްމަދު ޙަމީދެވެ. ފަހުން ފޯރިގަނޑު އިތުރުވެ މިބަގަ ވެސް ފުޅާވިއެވެ. މިބައި މީހުންނަށް ހަދާ ޅެމަކަށް ޅެމެއް ވެސް ނުކުންނަމުން ދިޔައެވެ. ރައިވަރު ވެސް ނުކުންނަމުން ދިޔައެވެ. މިއީ ވަރަށް އެއްކޮށް އުޅުނު ގުރޫޕެކެވެ. ކައިބޮއި ހެދުމާއެކު މުޅި ދުވަސް ވެސް މި ޒުވާން ގުރޫޕު އުޅެނީ އެކުގައެވެ. މި ކުދިންގެ މައިންބަފައިން ވެސް ތިބެނީ މި ކުދިންނާ އެކުގައި މި އަދަބީ ފޯރިގަނޑަށް ވަދެއެވެ. ކެއުން ވެސް އޮންނަނީ އެކި އިރަށް އެކި ގޭގޭގައެވެ. މި ގުރޫޕަށް ރައްދުވި އެންމެ ވަރުގަދަ ފާޑުކިޔުންތަކަށް "މިބަގަ މި ޢަޒުމުގައި" މި ސުރުޚީގެ ދަށުން ރައްދު ދިނެވެ. އަދަބީ މި ފިނި ހަނގުރާމައިގައި މިބަގައިގެ ސަބަބުން އަދަބީ ފޯރިގަނޑު ހީވީ ކެކި އުތުރިގެން ހެންނެވެ.

"ބަގަޑަން ގޮވީ ކިއެއްވެތަ

ޖަގަޑާ މަމެން ނުފައްޓަނީސް

ރަނގަޅަށް ފާޑު ނުކިޔަނީސް"

"ރަށުގައި އިހަށް ތެޅިއެރުވި

ހަށަވާދަ ބަގަ ކޮބައިތަޅޭ

ރަށަކަށް ލީތަ ފަޅުތެރޭ"

މިއީ ބަގަ އުފަންވި ތަނުން ބަގަޔަށް ހަދާފައި އޮތް ރައިވަރެކެވެ. މި ރައިވަރު ހަދާފައިވަނީ "ކަޝްމީރު" ކިޔާ ގަލަމީ ނަމަކުންނެވެ.

"ބަގަޔަށް މި ހަމަލާ ދޭހިތުން

ޖަގަޑާ ނުފައްޓާ މަޑުމަޑުން

ރަނގަޅަށް ދެ ފުއްޓަކި ޖެހި ހިނދުން

ބަގަޑަން ގޮވީ ލޮނުވިދު ފަޓާސް"

މަނަދޫގެ އީދު ކުޅިވަރުތަކުގެ ތެރެއިން… ފޮޓޯ: މަނަދޫ އެކުވެރި ކްލަބު/ އެފް.ބީ

އެ ދުވަސްވަރު އެންމެ މަޖާ އެއް ކަމަކަށްވީ އެކިއެކި މީސް މީހުންނަށް ޅެމާއި ރައިވަރުގެ ތެރެއިން ދެމުންދިޔަ މަޖާ ނަންނަމެވެ. އެ ނަމަކުން މުޚާއްޠަބުކުރުމާއެކު އެއީ ކާކުކަން އޮންނަނީ ފާޑަކަށް އެންމެންނަށް ވެސް އެނގިފައެވެ. އޭރު އެ އަދަބީ ފޯރިގަނޑުގައި ކީ ނަންނަމުގެ ތެރޭގައި ދީދިބޭ، ބާޑަބޭ، ކަޅުހޮއްކޮބޭ، ސަމްއީލް ފަދަ ނަންނަން ހުއްޓެވެ. ކަޝްމީރު މުސްކުޅި ވަޖީފު، ހަސްރަތު ޖޭޕޫރީ ފަދަ ގަލަމީ ނަންތައް މަޝްހޫރުވެގެން ދިޔައެވެ.

އެ ދުވަސްވަރު އެއްބަޔަކު އަނެއް ބަޔަކަށް ދިމާކޮށް ވާދަޅެމާއި ލަވަޔާއި ފަރިހި ހަދައިގެން ނެރެ އުޅުނަސް އެއްބަޔަކު އަނެއް ބަޔަކަށް ހަޑިހުތުރު ވާހަކަތައް ލިޔެ ހަދަމަކުން ނުދެއެވެ. އޭރު އެ ހިނގި އަދަބީ ފިނި ހަނގުރާމައަކީ އާދަޔާ ޚިލާފު ބޮޑު މަޖާގަނޑެކެވެ. ބައެއް ކައިވެނީގެ މަޞްލަޙަތުތައް އެ ފިނި ހަނގުރާމައިގެ ތެރެއަށް ވަދެގެން ދިއުމަކީ އެކި އުމުރުގެ ދެ ޖިންސުގެ ވަރަށް ގިނަ ބަޔަކު މި ފޯރިގަނޑުގެ ތެރެއަށް ވަންނަން ދިމާވި ސަބަބެކެވެ.

ބައެއް ދުވަސްވީ ތަޖުރިބާކާރު ޅެންވެރިން ޅެންފަރިހި ހަދަމުން ދިޔައިރު އެ މީހުންގެ ކާތިބުންގެ ގޮތުގައި ދަރިން މަސައްކަތް ކުރަމުން ދިޔައެވެ. އެކިއެކި ގަލަމީ ނަންނަމުގައި ނެރެމުންދިޔަ ލަވަތަކާއި ޅެންތަކާއި ފަރިހިތައް ހަދާފައިވަނީ ކޮން ބައެއްކަން ދޫދޫ މަތިން ކިޔެމުން އަޔަސް ސީދާ އެއީ ކޮން ބައެއްކަން އަދި އަދަށް ދާންދެން ވެސް ނޭނގެއެވެ. ނުވަތަ އެއްވެސް ޅެންވެރިއަކު އެ ޅެންވެރިއެއްގެ ގަލަމީ ނަމަށް އިޢުތިރާފު ވެފައެއް ނުވެއެވެ. އަދި އަދަބީ އެ ގުލުޝަނުގައި ކިޔުނު ނަންނަން އާންމުކޮށް ބޭނުމެއް ނުކުރެއެވެ.

އެ ދުވަސްވަރު އެންމެ މަޝްހޫރުވި އެއް ޅެމުގައިވެއެވެ.

"އިރު ހަނދު އަރާ އޮއްސެންޏަކާ އާދޭސްތަކެއް ނުކުރާނަމޭ

ނިރުތައް ތިލޯބިން ފެޅިޔަކަސް ފެންދޭކަށެއް ނޫޅޭނަމޭ

ނީލަން ފިހާރައިގައި މުދާ ވިއްކާގޮތާ އެއް ސިފަވިޔަސް

ނީލަންކިޔުއްވަން އުޅުނަކަސް އަގުދީފައެއް ނުހިފާނަމޭ

ރީތީގެ ދޯޕައްޓާތަކާ ފެޝަނީ ހެދުންތައް އެޅިޔަކަސް

ރީތީގެ ބާޒާރަށް ސަލާމް ޖެހުމަށް މަށެއް ނުމެދާނަމޭ

ހިނިތުންވެލާއިރު ސުވަރުގޭން ދޮރުހުޅުވިލާހެން ހީވިޔަސް

ހިނިތުންވެލާ މަންޒަރު ބަލާން ދުރުމީ މަށެއް ނާޅާނަމޭ

ވިއްސާރަޔާ ގަދަބާރުވައި ކުރިމަތިވެގެން އަޔަކަސް ދެނެއް

މިސްރާބު އޮޅިގެން ވެސް މަށެއް ތިޔަ ބަނދަރަކަށް ނުލަފާނަމޭ"

މި ޅެމަށް ރައްދުދީ ހަދާފައިވާ ޅެން ފަށާފައިވަނީ މި ބައިތުންނެވެ.

"ބިން މޮޅު ދަނޑަކު ފެޅިނަމަ ގަހެއް، ފެން ނުދިނަކަސް ހެދިދާނެޔޭ

ފޮޅެމުން އުދަރެހުން އެރި ވިލައިން މޮޅުފެން އުޑުން ލިބިދާނެޔޭ"

އެހެން ބައިތެއްގައި ވެއެވެ.

"ގުދުރަތުގެ ބާރުން ހެދެވިގެން ތާޒާކަމާއެކު ފަރިވެގެން

ހުދު މާގަހުން ފަރިވާއިރުން ފޮނިބޯން އުޅެން ޖެހިދާނެޔޭ"

އަދަބީ ފިނި ހަނގުރާމަ ނިމުނީ ހާލަތަށް އައި ބަދަލާއެކުގައެވެ. ހޫނު ބަހުސްތަކެއްކޮށް ޖަދަލުކުރިޔަސް ކުރީ ފަހަރެކޭ އެއްގޮތަށް ރޫޅުނު ކައިވެނީގެ ގޮށް އަލުން ޖެހިގެންނެވެ. އަދަބީ ޝުޢޫރު ކޮންމެ ގޮތަކަށް ފާޅުކުރިޔަސް ހިތުގެ ޝުޢޫރާއި ލޯބީގެ ބާރު ގަދަވެގެންނެވެ.

މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *