Support Us

ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ލީޑަޝިޕުން އިންޑިއާ ސަފީރާ ބައްދަލުކުރައްވަނީ -ފޮޓޯ: މުންދު ޓްވިޓަރ

ރައީސް ޔާމީން ސަލާމަތްކުރަން ޕީ.ޕީ.އެމުން އެންމެ ފަހުން އިންޑިއާގެ އެހީއަށް؟

"ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިންނެވެ. ރާއްޖޭގައި ހިނގާ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރު މީހުން ބައްސާކަށް ނުޖެހޭނެ އެވެ." މިއީ ކުރީގެ ސަރުކާރުގައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު، އެއްފަހަރަށްވުރެ ގިނަ ފަހަރު ވިދާޅުވެފައިވާ ވާހަކައެކެވެ.

އެއީ ރައީސް ޔާމީނުގެ ސަރުކާރުގައި އިދިކޮޅު ފަރާތްތައް ހިފައި ހައްޔަރުކޮށް، ޖަލަށްލައި، އެއްވެ އުޅުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިފަހައްޓަވަމުން ގެންދަވާތީ، ރާއްޖޭގައި ޑިމޮކްރަސީ ނެތް ކަމަށް ބުނެ، އެކަމަށް ހައްލު ހޯދުމަށްޓަކައި އޭރުގެ އިދިކޮޅު ފަރާތްތަކުން ގޮސް، ބޭރު ގައުމުތަކުގެ ވެރިންނާއި، ވަޒީރުންނާއި ސަފީރުންނާއި އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކުގައި ޝަކުވާ ކުރަން ފެށުމުންނެވެ. މި ޝަކުވާތަކާ ގުޅިގެން އެކިއެކި ގައުމުތަކުންނާއި ޖަމާއަތްތަކުން ރާއްޖެއާ ސުވާލުކޮށް، ޑިޕްލޮމެޓިކް ބޮޑެތި މަޝްވަރާތަކެއް ހިނގަންފެށި އެވެ. އެންމެ އިސްކޮށް އުޅުނު އެއް ބަޔަކީ އިނގިރޭސި ރާނީގެ ކޮމަންވެލްތާއި ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ) އެވެ.

އިދިކޮޅު ފަރާތްތަކުގެ ޕްރެޝަރާއެކު، ކޮމަންވެލްތުން ރާއްޖޭގެ މައްސަލަ އެޖެންޑާކޮށް، ފިޔަވަޅު އަޅަން ތައްޔާރުވީ ދަނޑިވަޅު، ދިވެހިރާއްޖެ ވަނީ ކުއްލި ގޮތަކަށް ކޮމަންވެލްތުން ވަކިވެފަ އެވެ. އެއީ ގިނަ ބަޔަކަށް ބޮޑު ސިހުމެއް ލިބިގެންދިޔަ ކަމެކެވެ. އެކަމަކު އެ ހިސާބުން ކޮމަންވެލްތުގެ ޕްރެޝަރުގަނޑު ދިޔަ އެވެ.

ދެން އޮތީ އީ.ޔޫ އެވެ. އީ.ޔޫ އިން ވެސް ތަފާތު ޕްރެޝަރުތައް ކުރިމަތިކުރުވި އެވެ. ރާއްޖެއަށާއި ދިވެހި ބައެއް ވިޔަފާރިވެރިންނަށް ތަފާތު ފިއްތުންތައް ކުރިމަތިކުރުވާނެ ކަމަށް ބުނެ ތަފާތު ވާހަކަތައް ދެއްކި އެވެ. ނަމަވެސް، އެ ހުރިހައި ކަމެއް ވެސް ހަމައެކަނި ސުރުޚީތަކަކަށްވެ ނިމުނީ އެވެ. ރައީސް ޔާމީންގެ ދައުރު ނިމިގެންދިޔައިރު ވެސް އެއްވެސް ފިޔަވަޅެއް ނޭޅުނެއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގެ ކުރިން، 2008 ގައި ވެރިކަމަށް އައި ރައީސް މުހައްމަދު ނަޝީދުގެ އެމް.ޑީ.ޕީ ސަރުކާރަކީ އަވަށްޓެރި އިންޑިއާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އައި ސަރުކާރެކެވެ. ރާއްޖޭގެ އެންމެ ބޮޑު ހަރުމުދާ ކަމަށްވާ އަދި ބޭރު ފައިސާ ވަންނަ މައި ދޮރޯށި ކަމަށްވާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީ.އެމް.އާރަށް ކުއްޔަށް ދިނެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބޮޑު އިހުތިޖާޖަކަށް ނުކުތެވެ. ނަމަވެސް އިދިކޮޅުގެ އަޑު އެހުމެއް ނެތި، ރައީސް ނަޝީދުގެ ވެރިކަމުގައި ޖީ.އެމް.އާރުން އެއާޕޯޓާ ހަވާލުވެ، އިންވެސްޓުކޮށް، ތަނުގެ އާބާތުރަ ފިލުވައި، އާ އިމާރާތްތައް އެޅުމުގެ މަސައްކަތްފެށި އެވެ.

ފަސް އަހަރަށް ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ނަޝީދު، ތިން އަހަރު ބައި ނުވަނީސް، 2012 ފެބްރުއަރީ 7 ގައި ރައީސްކަމުން އިސްތިއުފާ ދެއްވިއެވެ. އެއާއެކު ރައީސްކަމުގެ ހުވާ ކުރެއްވީ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދެވެ. ރައީސް ވަހީދު ގުޅިވަޑައިގަތީ އިދިކޮޅު ފަރާތްތަކާ އެވެ. އިސްކޮށް ހުންނެވީ ޔާމީނެވެ. އެއީ އިންޑިއާއާ ގާތްވާން ބޭނުންވާ ބައެއް ނޫނެވެ. އެހެންވެ، ރައީސް ވަހީދުގެ ސަރުކާރުގެ ފުރަތަމަ ކަމަކަށްވީ ޖީ.އެމް.އާރު އަތުން އެއާޕޯޓު އަތުލައި، އެ މީހުން ފައްސާލުމެވެ. ރައީސް ވަހީދު އެކަން ކުރެއްވި އެވެ. ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ވެސް ފަހުން ޖީ.އެމް.އާރަށް ދައްކަންޖެހުނެވެ.

ޖީ.އެމް.އާރު ފައްސާލުން އެއީ އިންޑިއާއާ ދެކޮޅަށް އެޅި ވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި އިންޑިއާ އިން ވެސް ބެލި އެވެ. އަދި އެކި ކަހަލަ ކަންކަމުގައި ތަފާތު ފިއްތުންތައް އިންޑިއާ އިން ކުރިމަތިކުރުވަން ފެށި އެވެ.

ރައީސް ނަޝީދުގެ ފަސް އަހަރުގެ ދައުރު ފުރިހަމަކުރެއްވީ ރައީސް ވަހީދެވެ. ޖެހިގެން އައި ރިޔާސީ އިންތިޚާބު 2013 ގައި ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަތީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެއީ ވެސް ހަމަ، އިންޑިއާއާ ގާތްވާން ބޭނުންވި ސަރުކާރެއްް ނޫނެވެ. ބަދަލުގައި ގާތްކުރީ، އިންޑިއާ އެންމެ ނަފުރަތުކުރާ ބިޔަބޮޑު ޗައިނާ އެވެ. ޗައިނާގެ އެހީތައް އެކި ސިފަސިފައިގައި ރާއްޖެ އަށް އޮއްސަމުންދިޔަ އެވެ.

ޗައިނާގެ ރައީސް ޝީޖިންޕިން ރާއްޖެ ވަޑައިގަތެވެ. އަދި ރައީސް ޔާމީން ވެސް ޗައިނާ އަށް ޒިޔާރަތް ކުރެއްވި އެވެ.

އިންޑިއާއާ ގާތްވާން ބޭނުންނުވި ނަމަވެސް، ރައީސް ޔާމީން ވެސް ދެތިން ފަހަރެއްގެ މަތިން އިންޑިއާ އަށް ވަޑައިގެން ބޮޑު ވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވި އެވެ. ނަމަވެސް މޯދީ ރާއްޖެ ޒިޔާރަތް ކުރައްވާން ހުރިހާ ކަމެއް ނިންމަވާފައި ވެސް، އެންމެ ފަހު ވަގުތު ދަތުރުފުޅު ކެންސަލް ކުރެއްވީ އެވެ. އޭރުގެ އިދިކޮޅުގެ ޕްރެޝަރާ ހެދި އެވެ.

ރައީސް ޔާމީން ސަރުކާރަށް ވެސް އިންޑިއާއިން ތަފާތު ފިއްތުންތައް، ދޭތެރެ ދޭތެރެއިން ކުރިމަތިކުރުވަ އެވެ. އެއް ފަހަރު ދިވެހިންނަށް ވިސާ ދިނުމުގެ މައްސަލަ އެވެ. އަނެއް ފަހަރު ހިލަ އާއި ހިލަވެލީގެ ކޯޓާ ދޫކުރުމުގަ އެެވެ. އަނެއް ފަހަރު ފިޔަ އާއި އަލުއްވާއި ކާޑުގެ ކޯޓާގެ މައްސަލަ އެވެ. އެކަމަކު، އިންޑިއާގެ ބޮޑާހޭކުމަށް ބެލުމެއް ނެތި އިންޑިއާ ނޫން އެހެން ގައުމުތަކުން ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމުގެ މަގު ރައީސް ޔާމީނުގެ ސަރުކާރުން ފަހިކުރިި އެވެ. އެއާއެކު އިންޑިއާގެ ކޯޓާ ވެސް ކުރިން އޮތް ގޮތަށް ކޮންމެ ފަހަރަކު ވެސް ހަމަޖެހެ އެވެ.

އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރި ހެލިކޮޕްޓަރެއް ކައިރީގައި އިންޑިއާގެ ދިފާއީ ވަޒީރާއި އިންޑިއާގެ ސިފައިން

އިންޑިއާ އިން ހަދިޔާކޮށްފައި ރާއްޖޭގައި އޮންނަ ދެ ހެލިކޮޕްޓަރުގެ މައްސަލައަކީ ވެސް ދޭތެރެއަކުން ހިލޭ މައްސަލައެކެވެ. ހެލިކޮޕްޓަރު ދުއްވަން ތިބެނީ އިންޑިއާ ސިފައިންނެވެ. އެހެންވެ އެ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަން ރައީސް ޔާމީން ސަރުކާރުގެ ފަހުކޮޅުގައި ނިންމެވި އެވެ. އަދި ޕައިލެޓުންގެ ވީސާ އާކޮށްދޭން ދެކޮޅު ހެދި އެވެ. އިންޑިއާ ބޭނުންވީ ހެލިކޮޕްޓަރުތައް ބާއްވައި، ޕައިލެޓުންތައް ވެސް ބައިތިއްބާށެވެ. އެކަން ހަމަޖެހުނީ އާ ސަރުކާރު އައުމުންނެވެ.

ހެލިކޮޕްޓަރަށްފަހު، ރާއްޖެ އަށް މަތިންދާބޯޓެއް ދޭން ވެސް އިންޑިއާ މިހާރު ވަނީ އެއްބަސްވެފަ އެވެ. އެ ދުއްވަން އިންޑިއާގެ ސިފައިން ތިބޭ ގޮތަށެވެ. ކޮންމެ ވެސް ބަހަނާއެއް ދައްކައިގެން އިންޑިއާ އިން އަބަދުވެސް ބޭނުންވަނީ ރާއްޖޭގައި އިންޑިއާގެ މިލިޓަރީ މީހުން ބޭއްތިއްބުމަށެވެ. ރައީސް ޔާމީނު ސަރުކާރުން އެކަމާ ދެކޮޅު ހެދި އެވެ.

އައްޑޫ ހަންކެޑެ ސަރަހައްދުގައި އިންޑިއާއިން ބިނާކުރާ ޕޮލިސް ޓްރޭނިން ސްކޫލް -ފޮޓޯ: ސޯޝަލް މީޑިއާ

އައްޑޫ ސިޓީ ހަންކެޑެ ސަރަހައްދުގައި އިންޑިއާގެ ފަރާތުން ދަނީ ޕޮލިސް ޓްރޭނިން ސެންޓަރުގެ ނަމުގައި ބޮޑު ބިޔަ އިމާރާތެއް ބިނާކުރަމުންނެވެ. އެތަނުގެ ހުރިހައި ކަމެއް ވެސް ކުރަމުން ގެންދަނީ އިންޑިއާގެ ފަރާތުންނެވެ.

އެކި ނަންނަމުގައި އެތެރެވެފައި ތިބި އިންޑިއާ ސިފައިންގެ އަދަދެއް ރަސްމީކޮށް އެނގިފައެއް ނުވެ އެވެ.

ރައީސް ޔާމީން، ޖަލަށް ވަޑައިގަތުމުގެ ކުރިން ކާނިވަލްގައި ބޭއްވި ޕީ.ޕީ.އެމްގެ ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުގާލަށް ގެއްލުންވާ ގޮތަށް އިންޑިއާއާއެކު މި ސަރުކާރުން ހަދައިފައި ހުރި ހުރިހާ އެގްރިމަންޓުތަކެއް، އެ މަނިކުފާނުގެ ސަރުކާރެއްގައި "އެފުށް މިފުށަށް" ޖައްސަވާނެ ކަމަށެވެ.

އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިކޮށް، އޭރުގެ އިދިކޮޅު ފަރާތްތަކަށް ކާމިޔާބު ހޯދައިދޭން އިންޑިއާއިން އިސް ރޯލެއް ކުޅުނު ކަމަށް ރައީސް ނަޝީދުގެ އިތުރުން އިންޑިއާގެ މަސްއޫލުވެރިން ވެސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އިންޑިއާގެ އެހީތެރިކަން ނުލިބުނު ނަމަ، 2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިކުރުމަށް އުނދަގޫވީސް ކަމަށެވެ.

މިއީ ރައީސް ޔާމީނުގެ ޕާޓީން އިންޑިއާ ދެކެ އިތުރަށް ނަފުރަތުވި ކަމެކެެވެ.

އިންޑިއާ އަކީ ދިވެހިންނަށް ހެޔޮ ގޮތް އެދުމުގެ ބަދަލުގައި، އިންޑިއާ އަށް ފަހިވާ ގޮތަށް ކަންކަން ކޮށްދޭ އެމް.ޑީ.ޕީ ސަރުކާރާއެކު އަބަދުވެސް ގާތް ގުޅުމެއް ބާއްވައި، ހުރިހާ ގޮތަކުން ވެސް އެހީތެރިކަން ދޭ ގައުމެކެވެ. އިންޑިއާގެ ތިލަފަތް އަބަދުވެސް ބަރުވެފައި އޮންނަނީ އެމް.ޑީ.ޕީ ކޮޅަށެވެ.

ރައީސް ޔާމީންގެ ދައުވަތަށް މޯދީ ރާއްޖެ ވަޑައިނުގެންފައި، އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާކުރެއްވުމުގެ ރަސްމީޔާތަށް މޯދީ ރާއްޖެ ވަޑައިގަތެވެ.

އިންޑިއާ ސިފައިން ރާއްޖެއަށް އެރުމަށް 2018 ވަނަ އަހަރު ކުރީކޮޅު ނިއުދިއްލީގައި މަޝްވަރާ ކުރެވުނެވެ. އެކަމެއް ހިނގީ ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވުމަށް ރައީސް ނަޝީދު އެ ދުވަސްވަރު ގޮވާލެއްވި ގޮވާލެއްވުމާ ވިދިގެންނެވެ. ރައީސް ނަޝީދު އެކަމަށް ގޮވާލެއްވީ ނުހައްގުން ޖަލަށް ލައިފައި ތިބި ގިނަ އަދަދެއްގެ ކުށްވެރިން މިނިވަން ކުރުމަށް އަމުރުކޮށް ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ރައީސް ޔާމީންގެ ސަރުކާރުން ތަންފީޒު ނުކޮށްގެންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާގެ މުޝީރަކާ އެކު އިންޑިއާ ސިފައިން ރާއްޖެއަށް ފޮނުވުމަށެވެ. އެއާއެކު އިންޑިއާގެ އިސް ބައެއް ފަރާތްތަކުންވެސް ވަނީ އެވަރުގެ ރަނގަޅު ފުރުސަތެއް ދެން ނުލިބޭނެ ކަމަށާއި އަވަހަށް ރާއްޖެއަށް އަރަންވީ ކަމަށް ބުނެފައެވެ. "ޔޫއެސް އިންސްޓިޓިއުޓް އޮފް ޕީސް"ގެ ރިޕޯޓެއްގައި ވާގޮތުން އިންޑިއާ ސިފައިން ރާއްޖެ އެރުމަށް 2018 ވަނަ އަހަރު މަޝްވަރާ ކޮށްފައިވަނީ ރައީސް ނަޝީދު މިގޮތަށް ގޮވާލެއްމުންނެވެ. ނަމަވެސް އެ ދަނޑިވަޅު ޗައިނާ އިން ދިން ވަރުގަދަ އިންޒާރަކާ ގުޅިގެން، އެ ވާހަކަތައް ފަހަކުން ނީވެ އެވެ.

ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތައް ވެއްދުމަކީ ރައީސް ޔާމީން އެއް އިރެއްގައި ވެސް ބޭނުންފުޅުވި ގޮތެއް ނޫނެވެ. ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރުގައި، އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭރުގެ އެހީއަށް އެދި އާދޭސްކުރަން ޖެހުނީ، އަދި ރާއްޖެ އަށް ޓޫރިސްޓުން ނާންނަން އެދި ގޮވާލައި ކެމްޕޭނު ފެށީ، ރައީސް ޔާމީނުގެ ސަރުކާރުން އިދިކޮޅު ފަރާތްތައް ހިފައި ހައްޔަރުކޮށް ޖަލަށް ލައި، ޑިމޮކްރަސީ ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށް ދައުވާ ކުރަމުންނެވެ.

އިންޑިއާއާ ދޭތެރޭ ރައީސް ޔާމީނާއި ޕީ.ޕީ.އެމުން ކިތަންމެ ހިތް ބަރުވެފައި ތިއްބަސް، އަދި ކުރިން އިންޑިއާއާ ދެކޮޅަށް ކިތަންމެ ކަމެއް ކޮށްފައިވީ ނަމަވެސް، ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ލީޑަޝިޕުން އިހަކަށް ދުވަހު ވަނީ މާލޭގައި ހުންނަވާ އިންޑިއާ ސަފީރާ ބައްދަލުކޮށްފަ އެވެ. މި ބައްދަލު ކުރެއްވުމުގައި، ޕާޓީގެ ދެ އެޑްވައިޒަރުން ކަމަށްވާ ރައީސް ޑރ. މުހައްމަދު ވަހީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލުގެ އިތުރުން ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ނައިބު ރައީސުން ބައިވެރިވެވަޑައިގަތެވެ.

އެ ބައްދަލުވުމުގައި ދެގައުމުގެ ގާތް ގުޅުމާ ބެހޭ ގޮތުންނާއި "ފުރަތަމަ އިންޑިއާ" ޕޮލިސީއާ މެދު ވާހަކަ ދެކެވުނެވެ. އަދި "ސިޔާސީ ހުކުމެއް އިއްވައި ޖަލަށްލާފައި ހުރި ރައީސް ޔާމީނު މިނިވަންކުރުން" އެއީ އެޖެންޑާގެ އެންމެ އިސް ނުކުތާ ކަމަށް ޔަގީންކުރެވެ އެވެ. ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ފަރާތުން މިހާރު ހުރިހައި ކަމެއް ކުރަނީ ވެސް ރައީސް ޔާމީނު މިނިވަންކުރުމަށެވެ. ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ޖެހުމާ ގުޅިގެން ގާނޫނު އަސާސީ އަށް ގެންނަން އުޅުނު އިސްލާހަށް ވޯޓު ނެގުން ތަންކޮޅެއް އަވަސްކޮށްލަން އެއްބަސްވާން ވެސް ޕީ.ޕީ.އެމް/ޕީ.އެން.ސީން ޝަރުތަކަށް ހެދީ ރައީސް ޔާމީނު މިނިވަންކުރުން ނުވަތަ ގެއަށް ބަދަލުކުރުމެވެ.

މިހާތަނުން އުފެދޭ ސުވާލަކީ، އިންޑިއާ ބާރު އަޅައިގެން ގެނެސްފައި އޮތް ކޯލީޝަން ވެރިކަމެއްގައި، ރައީސް ޔާމީނު ޖަލަށް ލާފައި ވަނިކޮށް، އިންޑިއާ ފެޔަށް ޖައްސައިފައި ބާއްވަން ބޭނުންފުޅުވި ރައީސް ޔާމީން މިނިވަންކުރުމަށް އިންޑިއާގެ އެހީ ހޯދަން ޕީ.ޕީ.އެމް/ޕީ.އެން.ސީން އިންޑިއާ ސަފީރު އަރިހަށް ދިޔައީ ކީއްވެގެންތޯއެވެ؟ ޔަގީންވާ ކަމަކީ އިންޑިއާ ސަފީރާ ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ފަރާތުން ބައްދަލުކުރާނީ ރައީސް ޔާމީނުގެ ރުހުން ވެސް އެކަމަށް އޮވެގެން ކަމެވެ. ޖަލުގައި އޮންނެވި ނަމަވެސް، ރައީސް ޔާމީނު ގަބޫލްފުޅު ނޫން ކަމެއް ރައީސް ވަހީދު ވެސް އަދި ޑރ. ޖަމީލް ވެސް ނުކުރައްވާނެކަން ޔަގީނެވެ. ރައީސް ޔާމީން މިނިވަންކުރުމަށް ކުރެއްވެން އޮތް ހުރިހައި ކަމެއް ކުރައްވާނެ ކަމަށް ރައީސް ވަހީދު ވެސް، ޑރ. ޖަމީލް ވެސް އަދި ޕީ.ޕީ.އެމް/ޕީ.އެން.ސީގެ އެހެން ލީޑަރުން ވެސް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

ޕީ.ޕީ.އެމް/ޕީ.އެން.ސީގެ އޮފީހާ ވަރަށް ކައިރީގައި ޗައިނާ އެމްބަސީ ހުއްޓައި، ޗައިނާ ސަފީރާ ބައްދަލުނުކޮށް، "ފުރަތަމަ އިންޑިއާ" ޕޮލިސީ އަށް ތާއީދުކޮށް، ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ފަރާތުން އިންޑިއާ ސަފީރާ ބައްދަލުކުރީ ކީއްވެގެންތޯ އެއީ އުފެދޭ ބޮޑު ސުވާލެކެވެ.

ރައީސް ޔާމީން ސަރުކާރުގައި ޗައިނާ އެހާ ގާތްކޮށް ގެންގުޅެ، ދެގައުމުގެ ދެމެދު އެހާ ރަހުމަތްތެރިކަމެއް އުފެދިފައި ވީއިރު، ހާލުގައި ޖެހުނު ދުވަހު ރައީސް ޔާމީނަށް އެހީތެރިކަމެއް ފޯރުކޮށްދެވޭހާ ބާރު ޗައިނާގެ ކިބައިގައި ނެތީތޯއެވެ؟ ނޫނީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން ޗައިނާ ބޭނުންނުވަނީތޯ އެވެ؟

ޗައިނާއަކީ، އިންޑިއާ ފަދައިން މުޅި ސަރަހައްދުގައި ސިޔާސީ ހަންފަތުރަން އުޅޭ ގައުމެއް ނޫނެވެ. އަމުދުން ދޭދޭ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ، ސިޔާސީ ކަންކަމުގައި ބަސްބުނެ ހަދާ ގައުމެއް ނޫނެވެ. ދެހާސް ތޭރައިގެ ރިޔާސީ އިންތިޚާބު ތެރޭގައި އިލެކްޝަންސް ކޮމިޝަނަކަށް ވެސް ޗައިނާ ސަފީރެއް ވަޑައެއްނުގަނެ އެވެ. ޗައިނާ އިސްކަންދޭނީ އެ މީހުންގެ ވިޔަފާރި އާއި އިގުތިސާދަށެވެ. ހުރިހައި ގައުމަކާ ގުޅޭނީ ވެސް އަދި ދުރުވާނީ ވެސް އެކަމުގެ ތެރެއިންނެވެ.

އިންޑިއާ އެހެނެއް ނޫނެވެ. އެ މީހުން ބަލާނީ ކޮންމެ ގައުމެއް ވެސް އެ މީހުންގެ ބާރުގެ ދަށަށް ގެންނާށެވެ. މިސާލު ހޯދަން ދުރަކަށް ދާކަށް ނުޖެހެއެވެ. ސާކު ސަރަހައްދަށް ބަލައިލުމުން އެކަނި ވެސް އެކަން އެނގެ އެވެ. އަބަދުވެސް އޮންނާނީ ކޮންމެވެސް ގައުމަކާ މައްސަލަޖެހިފަ އެވެ.

އިންޑިއާއާ އެންމެ ކައިރީގައި އޮތީ ޕާކިސްތާނެވެ. އެކަމަކު އެއީ ފަލަސްތީނާއި އިޒުރޭލާ ނަގައިފައި ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ދުޝްމަން ގައުމެވެ. އަބަދު ތިބެނީ ހަނގުރާމައިގެ ތުންފަތްމަތީގަ އެވެ. ދޭތެރެ ދޭތެރެއިން ހުޅުރޯވެ އެވެ. ދެ ގައުމުގެ ބޮޑުވަޒީރުން ވެސް ތިއްބަވަނީ އެހާ ކޯފާވެފަ އެވެ.

ދެން އޮތީ ނޭޕާލެވެ. ނޭޕާލް އޮންނަންޖެހޭނީ އިންޑިއާގެ ބަސްއަހާ ދަރިއެއްގެ ގޮތުގައި ކަމަށް އިންޑިއާ ދެކެ އެވެ. އެހެންވެ މިލިޓަރީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ނޭޕާލަށް ނުފޫޒު ފޯރުވަ އެވެ. ދެ ގައުމުގެ ބޯޑަރުގެ މައްސަލަ ވެސް އަބަދު އޮންނަނީ ހޫނުވެފަ އެވެ. އަނެއްކާ ނޭޕާލުން ވެސް ޗައިނާގެ އެހީ ހޯދާތީ އިންޑިއާ ކަންބޮޑުވެއެވެ.

ބަންގަލްދޭޝް ވެސް ކޮންޓްރޯލް ކުރަން އިންޑިއާ ބޭނުންވެ އެވެ. ބަންގަލްދޭޝް އިން ބަޔަކާ މުއާހަދާއެއް ހެދިޔަސް އިންޑިއާ ރުޅި އާދެއެވެ. އަދި އިންޑިއާ-ބަންގްލަދޭޝް ބޯޑަރުގެ މައްސަލައިގައި ދޭތެރެއަކުން އިންޑިއާ ރަތަށް އަރައެވެ.

އެކިއެކި ހަމަނުޖެހުންތަކާ ގުޅިގެން މި ދުވަސްވަރަކީ ވެސް އިންޑިއާއާ ދެމެދު ނޭޕާލާއި ބަންގްލަދޭޝް އިން އޮތް ގުޅުމަށް ބުރޫއަރައިގެން އުޅޭ ދުވަސްވަރެކެވެ.

ސިރީ ލަންކާގެ ޚާރިޖީ ސިޔާޔަތުގައި ވެސް ޗައިނާ މާ ކައިރި ކަމަށް ހީވެގެން އިންޑިއާ އަބަދު އޮންނަނީ ކުސްތަޅަތަޅަ އެވެ. ލަންކާގެ އުތުރުގައި ތިބި ތަމަޅައިންނަކީ ތިމަންނަމެންގެ ބަޔެކޭ ބުނެ، އެ މީހުންގެ ދިފާއުގައި އިންޑިއާގެ ސުލްހަ ބަލަހައްޓާ ލަޝްކަރެއް، ބޮޑު ވަޒީރު ރަޖީވް ގާންދީ 1987–1990 އަށް ލަންކާގައި ބޭތިއްބި އެވެ. ނަތީޖާ އަކަށްވީ، ތަމަޅަ ޓައިގަރުންގެ ހަމަލާއެއްގައި 1991 ގައި، ރަޖީވް ގާންދީ އަވަހާރަކޮށްލުމެވެ.

މިލިޓަރީ ގޮތުންނާއި އިގްތިސޯދީ ގޮތުން ވަރަށް ރަނގަޅަށް އެހީވެ، ބޫޓާން އޮންނަނީ އިންޑިއާގެ ކޮންޓްރޯލް ދަށަށް ގެނެސްފަ އެވެ.

ޗައިނާ އޮތީ މާ ދުރުގަ އެވެ. އެކަމަކު، މި ގައުމުތަކަށް ވެރިވެގަނެ، ސިޔާސީ ހަން ފަތުރާކަށް ޗައިނާ ނޫޅެއެވެ. އެކަމަކު ހުރިހައި ގައުމެއްގެ ތަރައްގީ އަށް ވެސް ޗައިނާ އެހީވެ އެވެ. ޗައިނާ އަދި ޕާކިސްތާނަށް ވެރިވާކަށް އިންޑިއާ އަކަށް ނުކެރެ އެވެ.

އިންޑިއާގެ މަގުތަކުގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރަނީ

އިންޑިއާގައި އެކި ދީންތަކުގެ މީހުން އުޅުނު ނަމަވެސް، އިންޑިއާ އަކީ މުސްލިމުންނަށް އިންތިހާ އަށް ނަފުރަތުކުރާ ގައުމެކެވެ. މުސްލިމުން ނޫން އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބޭ ގާނޫނެއް ވެސް ދާދި ފަހަކުން ވަނީ ހަދައިފައެވެ. އަދި އިންޑިއާ އިން މުސްލިމުން ހުސްކުރަންޖެހޭ ކަމަށް ބުނެ ދާދި ފަހުން، ވަރަށް ގިނަ މުސްލިމުންނަށް ލާއިންސާނީ އެތައް އަނިޔާއެއް ދިނެވެ. މުސްލިމުންނަށް މަގުތަކުގައި ހަމަލާދީ، މަރައި އަދި ދިރިތިއްބައި ވަނީ އަންދާވެސް ލައިފަ އެވެ. މިކަމާ ދެކޮޅަށް ބައެއް ދިވެހިން ވެސް އަޑުއުފުލި އެވެ. ޕީ.ޕީ.އެމް/ޕީ.އެން.ސީގެ މެމްބަރުން ވެސް މެ އެވެ. އެހެންވެ ރައީސް ޔާމީނު މިނިވަން ކުރަން ކަމަށް ވިޔަސް، އިންޑިއާ ސަފީރު އަރިހަށް ދިއުމުން ޕާޓީގެ ބައެއް މެމްބަރުން ތިބީ އެކަމާ ހިތްހަމަނުޖެހިފަ އެވެ.

ކޮންމެހަކަސް، އިންޑިއާ ސަފީރު އަރިހުގައި އިދިކޮޅު ފަރާތްތަކުން އެ ދުވަހު ދެއްކެވި ވާހަކަތައް، ސަފީރު މިހާރު ވާނީ އިންޑިއާގެ ސަރުކާރުގައި ދަންނަވައިފައި ކަމަށް ބެލެވެއެވެ. އެކަމުގައި އިންޑިއާ ސަރުކާރުން ނިންމާ ގޮތެއް ނުވަތަ އަޅާނެ ފިޔަވަޅެއް އެނގޭނީ ކޮން އިރަކުން ކަމެއް ނޭނގެ އެވެ. ފަހަރުގައި "ތި ވާހަކަ ނޯޓުކޮށްލައިފިން" ކަމަށް ހަދައިފައި އިންޑިއާގެ ބޮޑު ވަޒީރުގެ މޭޒުކޮޅުމަތީގައި އެ ފައިލް ބޭއްވުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި ބައްދަލުވުމުގެ ނަތީޖާއަކީ ކޮބައިތޯ ރައީސް ވަހީދު ކިތަންމެ އަވަހަކަށް އިންޑިއާ ސަފީރަށް ދަންނަވާލިޔަސް ޖަވާބަކަށް ވާނީ "ދަ ފައިލް އިސް މޫވިން" ކަމަށް ވެސް ވެދާނެ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *