Support Us

ބުއްދި ޙިމާޔަތްކުރުމުގައި ވަޤުފުގެ ދައުރު

ކޮންމެހެން ވެސް ޙިމާޔަތްކުރަން ޖެހޭ އަދި އެކަމަށް މަސައްކަތް ކުރުން ލާޒިމުވާ ފަސް ކަމެއް ޝަރީޢަތުގައި ކަނޑައަޅުއްވާފައިވެއެވެ. އެއީ ދީނާއި ނަފުސާއި ބުއްދިއާއި ނަސަބާއި މުދާ ޙިމާޔަތްކުރުމެވެ. މިފަސް ކަންތަކަކީ އެއާ ނުލައި އިންސާނާއަށް ހަމަ މަގުގައި ނުއުޅެވޭނެ ކަންތަކެވެ. އޭގެ ތެރެއިން ބުއްދި ހިމާޔަތް ކުރުން ގުޅިފައިވަނީ ތަޢުލީމާއެވެ.

ބުއްދީގެ މާނަ:

ޢަރަބި ބަހުގައި ބުއްދިއަށް ބޭނުންކުރާ ޢާއްމު ލަފުޒަކީ العقلގެ ލަފުޒެވެ. އެ ލަފުޒު ތަފާތު މާނައިގައި އައިސްފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ އެއް މާނައަކީ ޖާހިލުކަމުގެ (ނޭނގުމުގެ) އިދިކޮޅު މާނައެވެ. ޢަރަބި ބަހުގައި عقل، يعقل، عقلا ގެ ކަލިމަތަކުގެ މާނައަކީ ކުރީގައި އެނގިފައިނުވާކަމެއް އެނގުމެވެ. އަދި العقلގެ ލަފުޒުގެ އިދިކޮޅު މާނައެއްގެ ގޮތުގައި ހެޔޮނުބައި ވަކިނުވުމުގެ މާނަ ވެސް ހިމެނެއެވެ. ހެޔޮނުބައި ވަކިނުވާ މީހުންނަށް އަރަބިން ކިޔާއުޅެނީ "أحمق" އެވެ. އެއީ އާދައިގެ ބަހުންނަމަ ތަންދޮރު ނުފިލާ މީހުންނެވެ. (ابن منظور، لسان العرب، 11، / 458، ابن فارس، معجم مقاييس اللغة، 4 /69)

އިޞްޠިލާޙުގައި العقلގެ އަންނަނިވި މާނަތައް އައިސްފައިވެއެވެ.

ހ- އިބުނު ޢާޝޫރު ވިދާޅުވިއެވެ. هو حفظ عقول الناس من أن يدخل عليها الخلل މާނައީ: އެއީ މީސްތަކުންގެ ސިކުނޑިތައް ފަސާދަތަކުން ކިލަނބުވުމުން ޙިމާޔަތް ވުމެވެ. (ابن عاشور، مقاصد الشريعة الإسلاميةص 80.)

ށ-އިބުނު ތައިމިއްޔާ ވިދާޅުވިއެވެ. هو "علوم ضرورية يفرق بها بين المجنون الذي رفع القلم عنه، وبين العاقل الذي جرى عليه العقل، فهو مناط التكليف" މާނައީ: އެއީ އެއަކާ ނުލައި ފަރުނުޖެއްސޭނެ ޢިލްމެކެވެ. އެއިން އެ މީހެއްގެ ސިކުނޑި މޮޔަވުމުގެ ސަބަބުން ޤަލަން އުފުލިފައިވާ (މަޢާފު ލިބިފައިވާ) މީހާއާއި ބުއްދި ފުރިހަމަ މީހާއާ ދެމެދު ފަރަޤު ކޮށްދެއެވެ. އެއީ ފަރުޟުތައް ވާޖިބުވުމާއި ގުޅިފައިވާ ސަބަބެވެ. (ابن تيمية، درء التعارض بين العقل والنقل، 1/ 89)

ނ-އިބްނު މަންޡޫރު ވިދާޅުވިއެވެ. "وهو يمسك ويلجم صاحبه عن ورود المهالك كما جاء في لسان العرب" މާނައީ: އެއީ ހަލާކުގެތެރެއަށް މީހާ ވައްޓައިލުމުން ހިފަހައްޓައިދޭ އެއްޗެކެވެ. (ابن منظور، لسان العرب، 11/ 458)

ބުއްދި ޙިމާޔަތްކުރެވޭ ވަސީލަތްތައް

ބުއްދި ޙިމާޔަތްކުރުމަށް އިސްލާމްދީން ބާރުއެޅުއްވެވިއެވެ. އެ ގޮތުން ޙިއްސީ ގޮތުން ބުއްދިއަށް ގެއްލުންވާ ކަންތައްތައް މަނާކުރެއްވިއެވެ. ބުއްދީގެ ޙިއްސަށް ގެއްލުންވާ ތަކެތީގެ ތެރޭގައި ރަލާއި އަދި އެލިސްޓުގައި އެކުލެވޭ ތަކެތި ހިމެނެއެވެ. އަދި އޭގެ އިތުރުން މަޢުނަވީ ގޮތުން ބުއްދިއަށް ގެއްލުންވާ ކަންތައްތައް މަނާކުރެއްވިއެވެ. ބުއްދިއަށް މަޢުނަވީ ގޮތުން ގެއްލުންވާ ކަންކަމުގެ ތެރޭގައި ދީނާއި އިދިކޮޅުފިކުރުތަކާއި އަދި އެ ބާވަތުގެ ހަރަކާތްތައް ހިމެނެއެވެ. (عبد الرحمن معاشي، البعد المقاصدي للوقف في الفقه الإسلامي، ص 74)

3-ބުއްދި ޙިމާޔަތްކުރުމުގައި ވަޤުފުގެ ދައުރު

ތިރީގައި އެވަނީ ވަޤުފު ބޭނުންކޮށްގެން ބުއްދި ޙިމާޔަތްކުރެވިދާނެ ބައެއް މަގުތަކެވެ.

ހ- ފައިދާދެނިވި علم ފެތުރުމުގައި ވަޤުފުގެ ދައުރު

ވަޤުފުގެ މުދާ ބޭނުންކޮށްގެން ފައިދާދެނިވި علم ފެތުރުމުގެ ދައުރު އަދާކުރެވެއެވެ. އެ ގޮތުން މިސްކިތްތަށް ބިނާކުރުމާއި އެދުރުގެތައް ބިނާކިރުމާއި އެ ތަންތާނގެ ޚިދުމަތުގައި ތިބޭ މީހުންނަށް މުސާރަދިނުން ފަދަ ކަންތައްތައް ކުރުމަށް ފުރުޞަތު ލިބެއެވެ. މީގެ ވަރުގަދަ އެއް ހެއްކެއްގެ ގޮތުގައި އެއް ހާސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ الأزهر الشريف ފާހަނގަކޮށްލެވެއެވެ. އެތަނަށް الحاكم بأمر الله الفاطمي، ހިޖުރީ ސަނަތުން ހަތަރު ސަތޭކައިގައި ވަޤުފެއް ކުރެއްވިއެވެ. އަދި އެ ތަނަށް الأمير يشبك الدويدار، ހިޖުރީ ސަނަތުން 1218 هـ، ގައި ވަޤުފެއް ކުރެއްވިއެވެ. އަދި އެތަނަށް رواق ابن معمر، އާއި رواق المغاربةގެނަމުން މަޣުރިބުކަރައިގެ މީހުން ކުޅަ ވަޤުފަކާއި، رواق الأتراكގެނަމުން ތުރުކީން ކުޅަ ވަޤުފަކާއި، ކުރުދީންނާއި ޔަމަނުކަރައިގެ މީހުން ކުޅަ ވަޤުފަކާއި، އަދި محمد علي باشا ކުރެއްވި ވަޤުފެއް ވެސް ފާހަނގަކޮށްލެވެއެވެ. އެއީ ކުޑަކުޑަ ވަޤުފެއް ނޫނެވެ. ހަތްތަހާ ވެސް މާސިންގާ ބޮޑެތި ބިޔަ ވަޤުފުތަކެވެ. ނަތީޖާއަކަށްވީ الأزهر الشريفގައި علمي ޚިދުމަތުގައި އުޅުއްވި މީހުންގެ ދިރިއުޅުމުގެ ދަތިތަކަށް އެ ވަޤުފުން ފަސޭހަތަކެއް ލިބިގެން علمي ޚިދުމަތާއީ ޘަޤާފީ ޚިދުމަތްތަށް މުޅި އުއްމަތަށް ފުޅާވެގެންދިއުމެވެ. (العزعزي، الوقف ودعم التعليم والثقافة، ص 8)

ށ- ތަޢުލީމީ މުއައްސަސާތައް ބިނާކުރުމުގައި ވަޤުފުގެ ދައުރު

ކުރީ ޒަމާނުގައި ވަސީލަތްތަކުގެ މަދުކަމުން ތަޢުލީމީ މުއައްސަސާގެ ގޮތުގައި ބެލެވިފައި އޮތީ ހަމައެކަނި މިސްކިތްތަކާއި އެދުރުގެތަކެވެ. އެ ދެ މުއައްސަސާ ކުރިއަރައިގެން ގޮސްފައިވަނީ ވަޤުފުގެ ޒަރީޢާއިންނެވެ. ވަޤުފުގެ މާލީ ތަނަވަސްކަން ބޭނުންކުރެވިގެން ދުވަސްކޮޅެއްވީތަނާ މިސްކިތުގެ ހަރީމުގައި (ހަރިންމަގައި) އުނގަންނާދޭ ކުލާސްތަށް އުފެދިއްޖެއެވެ. އަދި ބައެއް މިސްކިތްތަށް ވެގެންދިޔައީ ތަޢުލީމީ ކިއްލާތަކަށެވެ. ނުވަތަ މަރުކަޒުތަކަށެވެ. އެގޮތުން المسجد الحرام އާއި المسجد النبوي އާއިالمسجد الأقصى ފާހަނގަކޮށްލެވެއެވެ. ތަޢުލީމީ މުއައްސާތައް ތަރައްޤީވުމުގައި އެންމެ ފުރަތަމަ މަޝްހޫހުވެގެން ދިޔައީ (خان-ޚާނާ) ގެ ނަމުންނެވެ. ދެން އެއަށްފަހު (مجمع) ގެ ނަމުންނެވެ. އެއީ ގާތްގަނޑަކަށް ހިޖުރައިން ހަތަރުވަނަ ޤަރުނު ހިސާބުގައެވެ. އަދި އެ ދުވަސްވަރުގައި ޢާއްމު ފޮތްކާލިތަކާއި ޚާއްޞަ ފޮތްކާލިތައް ވެސް ތަޢާރަފުވެގެން ދިޔައެވެ. ދުވަސްކޮޅެއްވީތަނާ ބަޣުދާދުގައި "مدرسة ومشهد أبي حنيفة" ގެ ނަމުން ތަޢުލީމީ މުއައްސަސާއެއް އުފެދުނެވެ. އެއަށްފަހު އެއް ދައުރުން އަނެއްދައުރަށް ތަޢުލީމީ މުއައްސަސާތައް ކުރިއަރަމުންގޮސް މިއަދުގެ ތަޢުލީމީ ނިޒާމާ ހަމަޔަށް މިވަނީ ވާސިލުވެވިފައެވެ. (سامي الصلاحات، دور الوقف …ص11)

ހުޅަނގުގެ ވަރަށް ގިނަ ޔުނިވަރުސިޓީތައް ކުރިއެރުވުމަށް ބޭނުންކުރާ އެއް އުކުޅަކީ ވަޤުފާއި އެއް ވައްތަރުގެ ޕްރޮޖެކުޓްތައް ބޭނުންކުރުމެވެ. އެ ގޮތުން އެމެރިކާގެ ފަންސާސް ޔުނިވަރުސިޓީއަކަށް ކުރެވިފައިވާ ވަޤުފުތައް ފާހަގަކުރެވެއެވެ. ވަޤުފަކީ އިސްލާމީ އުފެއްދުމެކެވެ. ނަމަވެސް އެމެރިކާގެ ހަމައެކަނި ޔުނިވަރުސިޓީތަކަށް ކުރެވިފައިވާ ވަޤުފުގެ އަގު މުޅި އިސްލާމީ ދުނިޔޭގައި ތިބި ހުރިހާ ވަޤުފެއް (މިސްކިތްތަކާއި ސަހަރާތައް ފިޔަވައި) އެއްކުރި ކަމުގައި ވިޔަސް އެއްވަރުނުވާކަން ފާހަގަވެއެވެ.  އެމެރިކާގެ ޔުނިވަރުސިޓީތަކަށް ކުރެވިފައިވާ ވަޤުފުތަކުގެ އަގު 2004 ގައި އުޅުނީ 132 (ސަތޭކަ ބައްތިރީސް ބިލިއަން) ޑޮލަރުގައެވެ. މިސާލަކަށް ހާވާރޑް ޔުނިވަރުސިޓީގެ ވަޤުފުގެ މިނަކީ 22.6 (ބާވީސް ޕޮއިންޓް ހަޔެއް ބިލިޔަން) ޑޮލަރެވެ. ވަޤުފުގެ ގޮތުން އެންމެ ދަށުގައި އުޅެނީ 1.049 (އެކެއް ޕޮއިންޓް ސުމެއް، ހަތަރެއް، ނުވައެއް ބިލިޔަން ޑޮލަރާއެކު) ޔުނިވަރުސިޓީ އޮފް މިޝިގަންއެވެ. މި ކާމިޔާބީގެ ސިއްރަކީ ރަނގަޅު ކަންތައްތަކަށް ހޭދަކުރުމުގެ ޝައުޤުވެރިކަން އެ މީހުންގެ ފިކުރުގައި ހުރުމެވެ. ދެހާސް ހަތަރެއްގެ ތަފާސްހިސާބު ދައްކާ ގޮތުން މުޖުތަމަޢުގެ 80 ޕަސެންޓް މީހުންނަކީ މުޖުތަމަޢު ބިނާކުރުމަށް ޓަކައި ހުޅުވައިލެވޭ މަޝްރޫޢުތަކަށް ޙިއްޞާ ދޭ މީހުންނެވެ. (އުމަރު، ނިޡާމުލްވަޤުފި، ވަޤުފުގެ ދެވަނަ ކޮންފަރެންސް، އުއްމުލްޤުރާ ޔުނިވަރުސިޓީ، މައްކާ 2006)

ޚުލާޞާއަކީ: ވަޤުފަކީ ބުއްދި ޙިމާޔަތްކުރުމަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. ވަޤުފުން ޚަރަދުކޮށްގެން ބުއްދި ޙިމާޔަތްކުރުމަށް ބޭނުންވާ ތަޢުލީމުގެ ޚިދުމަތް ފަސޭހަ ކުރެވިދާނެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ ދިވެހިރާއްޖޭގައި މި ފަދަ ވިސްނުމެއް އެބަހުރިހެއްޔެވެ؟