Support Us

އޮޅިފައި…

"ރީތި"އާ ބައްދަލު ވެވިއްޖޭ "ހުތުރު" އައިސް އެޅި ހިނދު މަގަކު
ވީތި ​ފެނުނޭ މާ ކަނޑެއް ދަޅަތައް އުކާތަން މެންދުރަކު

ނީލަމީ މުތްތަކުގެ ވިދުވަރު އަރައަރާ އޮތް ލޮނުގަނޑަށް
ހީނލަމުން ހުރެގެން ހިނގައްޖޭ އެކުއެކީ ހިފަމުން އަތަކު

"ހިންގަވާށޭ އެރިލުމަށް!" ބުނި "ހުތުރު" ހީލަތްތެރި ވަމުން
ތިން ހަތަރު ރާޅެއްގެ މައްލަވަ ފޯރި ހިނދުގައި ދަނޑިވަޅަކު

ސުންދުސީ މަޚްމަލްގެ ފޭރާން ހަށިގަނޑާ ވަކިކޮށްލަމުން
ފުން ވިލަށް ފުންމާލަމުން ފެތި "ރީތި" ދެކޮޅަށް އޮއިވަރަކު

ހުތުރު ލައިން ހުރި ހުތުރު ފޭރާން ބާލަމުން ބާއްވާލަމުން
އުތުރި އެރި ވިދުވަރުގެ ނަލަ ފޭރާން ނެގީ ނެގިހެން ވަގަކު

ގަސްތުގައި ފަރުދާ މެކުރުމަށް އަޞްލު ސިފަތައް ވަންހަނާ
ލަސްނުކޮށް ދުއްވައި ގަތީ ފިލުމަށް "ހުތުރު" އެދިގެން ހިތަކު

އެއްގަމަށް އެރި ހިނދު ފަތާފައި "ރީތި" ފެއްޓީ ހޯދުމަށް
ގެއްލިގެން ފޭރާން ވަށައިގެން ނެތަކަމުން ފެންނަން ބިމަކު

ގާތުގައި އޮތް ވީދިފައިވާ ހުތުރު ސާލެއް ފެނުނު ހިނދު
"ހުތުރު" ހެދި ހީލަތުގެ ދަޅަޔަށް އެނގުނެ ޖެހެވުނުކަން ދަލަކު

ހިތް ދެކޮޅުހެދި ނަމަވިޔަސް ގައިގައި އޮޅާލީ ނުރުހިގެން
ފިތް ކަނޑައިގެން ދާނެހެން ބެދުމަށް ނުކެރިގެންނޭ ލަދަކު

ވާޅުވެވިގެން މޯޅިވެވިގެން އައުރަ ފޮރުވީ ލަސްނުކޮށް
ފާޅުގައި އެނގިފައި އޮތީމާ ވާނެކަން މަތިވެރި ކަލަކު

ރީތި ހުތުރާ ލޯތަކަށް ދުނިޔޭގެ އޮޅި ދިޔަ އެންމެހާ
ރީތި ފޭރާން ބީވި ފަހުގައި "ހުތުރު" ހެދި ވަގު ހީލަތަކު

އާދަމީ ނަޞްލުގެ ބައެއް މަދު ލޯތަކަށް ފެނެޔޭ "ހުތުރު"
ރާދަވެރި ފޭރާމުގައި ފަރުދާ ވިޔަސް ޖައްސަން ދަލަކު

"ރީތި" ވެސް "މާދަން އެދޭ" ހެޔޮ ނަފުސުތައް ދެކެޔޭ ދުރުން
ވީދިފައިވާ ސާލު ފުރަގަހުގައި ނިވައިވެވި ވީކަމަކު

*******

ކަރުގަނޑާ، ކުލަ ފިޔަތަކާ، ފޮޅިލާ ގޮތާ ފަރިވީ ކަމަކު
ހަރުވެ ހުވަނދެއް ނުފަތުރާނަމަ ބޭނުމެއް ވޭހޭ މަލަކު؟

 

ޅެމުގެ ޚިޔާލާތު: ލެބަނާނަށް އުފަން މަޝްހޫރު އިނގިރޭސި ޅެންވެރިޔާ، ޚަލީލް ޖިބްރާންގެ "މިސްޓޭކަން އައިޑެންޓިޓީ" މި ޅެމުގެ ތަރުޖަމާއެއް. (ކުދި ކުދި ބަދަލު ތަކާއެކު)

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *