Support Us

މާތް ނަބިއްޔާގެ ކިބަފުޅުން ފައުޅުވީ މުޢުޖިޒާތްތަކުގެ ތެރެއިން މުޢުޖިޒާތެއްގެ ވާހަކަ

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email

އެއް ދުވަހަކު، އަރާޝީއޭ ކިޔުނު ވިޔަފާރިވެރިއެއްގެ އަތުން އަބޫޖަހުލު މުދާތަކެއް ގެންފައި އަގު ނުދީ ހުންނަން ފަށައިފިއެވެ. މިކަމާ މިކަލޭގެ ގޮސް އަބޫޖަހުލާ އަގުގެ ވާހަކަ ދައްކަނިކޮށް އޭނާޔާ ދިމާލަށް ކުޑައިމީސް ބަހެއް ބުނެވުމުން ރުޅިއައިސްގެން ބުނެފިއެވެ. ދެން އަމުދުން އެކައްޗެއްވެސް ނުދޭނަމެވެ. ދާންއޮތް ތާކަށް ގޮސް ކުރާނޭ ޝަކުވާއެއް ކުރާށެވެ. މަމީ ކާކުކަން ނުދަންނަނީ ހެއްޔެވެ. މީ އަބުލް ހަކަމް ބުން ހިޝާމެވެ.

މިކަމާ މި ވިޔަފާރިވެރިޔާ ހަރަމްފުޅުގެ ތެރެއަށް ވަދެ އެޝަކުވާ ގޮވަމުން ގުރައިޝްވަންހައިގެ އެކިއެކި މަޖިލިސް މަޖިލީހަށް ވަކިވަކީން ހިނގަން ފަށައިފިއެވެ. މީނާ ގޮވައެވެ. އޭ ގުރައިޝްވަންހައިގެ މާތްމީހުންނޭވެ. އަހަންނަކީ ބީރައްޓެއްސަކީމެވެ. އިބުނި ސަބީލަކީމެވެ. އަހަރެންގެ މުދާ އަބުލް ހަކަމް ބުން ހިޝާމް ހިފައި އަގުނުދީ އަނިޔާކޮށްފިއެވެ. އަހަރެންގެ ހައްޤު އޭނާ އަތުން ހިފައިފި މީހަކަށް މާތްރަސްކަލާނގެ ރަހުމަތްލައްވާނެތެވެ.

މިއަޑު އަހައިފައި މުޝްރިކުން މަލާމާތުގެ ރާގަކަށް ކީރިތި ރަސޫލާ ﷺ އާ ދިމާލަށް އިޝާރަތް ކުރައްވައި ބުނެފިއެވެ. އަސްތައަސްތާ ކަލޭގެޔާއެވެ. ތިޔަހެން ގިނަ ތަންތާކަށް ހިނގާނެކަމެއް ނެތެވެ. އެއިންނެވީ ނަބީބޭކަލެކެވެ. އެއީ މުޅި ދުނިޔެއިން އަނިޔާވެރިކަން ފިއްލަވާން ވަޑައިގަތް ބޭކަލެކޯލައެވެ. ގޮސްހަމަ ދެންނެވުމުން ތިޔަކަން ފިއްލަވާފާނެވެ.

މުޝްރިކުންތައް މިހެން ބުނުމުން މީނާ ނަބިއްޔާ މުހައްމަދު ﷺ އަރިހަށް ވަޑައިގެން މީނާގެ ޝަކުވާ ދަންނަވައި ހާލުގެ ވާހަކަ ދަންނަވައިފިއެވެ. އަދި އެތަނުގައި ތިބި މީހުން އިންސާފްވެރިއެއް ކަމަށް ދައްކަނީ އެކަލޭގެފާނު ކަމަށާއި އެކަލޭގެފާނު އަރިހަށް ވަޑައިގަތީ އެހެންވެ ކަމަށް ދަންނަވައިފިއެވެ.

މި ވިޔަފާރިވެރިޔާ މިހެން ދެންނެވުމުން ކީރިތި ރަސޫލާ ﷺ ފުންމަވައިގެން ތެދުވެވަޑައިގެންފިއެވެ. އަދި އަންނާށޭ ހަދީސްކުރައްވައި ހިންގަވައިގެންފިއެވެ. ފަހެ އިތުރު އެކަލޭގެފާނު އަރާޝީ ގޮވައިގެން ހިންގަވައިގަތުމުން މުޝްރިކުންތައް އެކަލޭގެފާނުގެ ފަހަތްޕުޅުން ކުޅިބަލަން ތަންކޮޅެއް ދުރުން ހިނގައިގެންފިއެވެ.

އެކަލޭގެފާނު ވަޑައިގެން އަބޫޖަހުލުގެ ގޭގެ ދޮރުގައި ހަމަ ޓަކި ޖެއްސެވުމާ އެކު ތެޅެމުން ފޮޅެމުން އައިސް ދޮރުހުޅުވާލާފައި ދެންނެވިއެވެ. ކޮންކަމަކާތޯއެވެ؟ އޭރު އަބޫޖަހުލު ހުރީ ހާސްވެ ކަންބޮޑުވެ މޫނުމަތީގެ ކުލަ ތަގައްޔަރުވެ ކިލަނބުވެފައެވެ. އިތުރު އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ. މިހިރަ ކަލޭގެ ހައްޤު އަދާކޮށް އޭނާގެ ޝަކުވާ ފިލުވާށެވެ. އަބޫޖަހުލު ދެންނެވިއެވެ. އާދޭހެވެ. ހަދީސްކުރެއްވިއެވެ. ތިމަންކަލޭގެފާނު މިތާނގައި ހުންނަވަނިކޮށް މިކަން ނިންމާލާށެވެ. އަބޫޖަހުލު އާދޭހޭ ކިޔާފައި އެތެރެއަށް ވަދެ އަވަސްއަވަހަށް އަގު ނެރެ ޚަލާސްކޮށްފިއެވެ.

ހައްޤުތައް ލިބުމުން އަރާޝީ ހަރަމްފުޅުގެ ތެރެއަށް ގޮސް އޭނާގެ ހައްޤު ލިބިއްޖެ ކަމަށް އިޢުލާންކޮށް މާތް ނަބިއްޔާ މުޙައްމަދު ﷺ ވަސައްލަމް އަށް ޝުކުރު އަދާކޮށް ތަޢުރީފް ކޮށްފައި ހިނގައްޖެވެ. މިކަމާ މުޝްރިކުންތައް އަބޫޖަހުލަށް މަލާމާތްކޮށްގަތުމުން ބުންޏެވެ. އެކަލޭގެފާނު ދޮރުގައި ޓަކި ދެއްވީމާ ހީވީ ގޭތެރެއިން ބާރު ގުގުރިއެއް ޖެހިހެނެވެ. ދޮރުހުޅުވާލި އިރު އެކަލޭގެފާނުގެ އަރިހުގައި އޮތީ ތިމަން ދުވަހަކުވެސް ލޮލުން ނުދެކޭ ފަދަ ބޮޑު ފިރިހެން ޖަމަލެކެވެ. ތިމަން ފެނުމުން އެ ޖަމަލު އަނގަ ހުޅުވާލިއެވެ. ކުޑަވެސް ޚިލާފް ބަހެއް ބުނެލިނަމަ ތިމަން ކާލީހެވެ. އަދި ތިޔަބައި މީހުންނަކަށް ދެނެއް ނުފެނުނީހެވެ. މިއީ އާދައިގެ އާދަމުގެ ދަރިންނަކާ ކުޅަދާނަވެގެންވާ ކަމެއްނޫނެވެ. މަށަށް ފެންނަ ކަންތައް ކަލޭމެނަނަށް ފެންނަ ނަމަ ތިޔަހެން މަލާމާތެއް ނުކުރީހެވެ.

މިއީވެސް ސަލާމާއި ސަލަވާތްލެއްވި އިތުރު އެކަލޭގެފާނު ކިބަފުޅުން ފާޅުވީ މުޢުޖިޒާތްތަކުގެ ތެރެއިން މުޢުޖިޒާތެކެވެ.

ނޯޓް: ހުސެއިން ސަލާހުއްދީން ލިއުއްވި ކީރިތި ރަސޫލާގެ ސިޔަރަތުން ނަގައިފައި