...

Support Us

ނަފުސު ޙިމާޔަތްކުރުމުގައި ވަޤުފުގެ ދައުރު

ވަޤުފުގެ ބޭނުމަކީ ވަޤުފުކުރާ މީހާއަށް އެއިން ހެޔޮ ދަރުމަ ދާއިމަށް ލިބިލިބި ހުރުމާއި ވަޤުފުކުރެވޭ ކަމަކަށް އެއިން މެދުނުކެނޑި މަންފާ ލިބުމެވެ. الدهلوي ވިދާޅުވިއެވެ. އެއީ ޞަދަޤާތްތަކުގެ ތެރެއިން ނަބިއްޔާ ﷺ އުފެއްދެވި އައުވައްތަރެކެވެ. (الدهلوي، حجة الله البالغة،  ص212.)

ނަފުސުގެ މާނަ: ނަފުސުގެ މާނަ ޢަރަބިބަހުގައި ބައެއް ފަހަރު الروحގެ (ރޫޙުގެ) މަނާގައި އާދެއެވެ. އަދި ބައެއް ފަހަރު الجسد (ހަށިގަނޑު) ގެ މާނައިގައި އާދެއެވެ. (الجوهري، الصحاح، ج3، ص 984، الزبيدي، تاج العروس من جواهر القاموس ج16، ص 559.)

فلسفةގެ މަފުހޫމުގައި ނަފުސުގެ މާނަ ގިނަ ގޮތްގޮތަށް އައިސްފައިވެއެވެ. މި ލިޔުމުގައި އެމާނަތަކުގެ ބޭނުން ނެތްކަމަށް ފެންނާތީވެ ދޫކޮށްލަމެވެ. ނަމަވެސް އެނގިގަތުމަށް ބޭނުންވާނަމަ މި ދަންނަވާ ފޮތަށް ރުޖޫޢަވެލައްވާށެވެ. (الجرجاني، التعريفات، ص 244- 243.)

ނަފުސު ޙިމާޔަތްކުރުމުގެ އާއްމު މާނައަކީ ފަރުދުންނާއި މުޖުތަމަޢު ހަލާކުން މިންޖުކުރުމެވެ. (ابن عاشور، مقاصد الشريعة الإسلامية، ص 212.)

ނަފުސު ޙިމާޔަތްކުރެވޭ ވަސީލަތްތައް

ހ- ކެއުންބުއިން އުނުފޭރާން ފަދަ ކަންތައްތަކެވެ.

ށ- ނަފުސަށް ގެއްލުން ލިބޭ ތަކެތި حرام ކުރެއްވުމެވެ.

ށ- އެއްވެސް ނަފުސަކަށް ގެއްލުންދިނުން حرام ކުރެއްވުމެވެ.

ނ- ޤަތުލުކުރެވޭ މީހުންނާމެދު ޤިޞާޞުހިފުން އުއްމަތުގެ މައްޗަށް ފަރުޟު ކުރެއްވުމެވެ.

ރ- ބަލިވެއްޖެނަމަ ބޭސްކުރުމަށާއި ބަލިޖެހުމުގެ ކުރީން ރައްކާތެރިވެ އުޅުމަށް އިރުޝާދު ދެއްވުމެވެ. (الشاطبي، الموافقات، ج2، ص8.)

ނަފުސު ޙިމާޔަތްކުރުމުގައި ވަޤުފުގެ ދައުރު

ހ- ޞިއްޙީ ޚިދުމަތް ދިނުމުގައި ވަޤުފުގެ ދައުރު

މިޞްރުގެ المماليك ގެ ވެރިކަމުގައި مستشفى قلاوونގެ ނަމުން ވަޤުފެއް އުފައްދަވައި ދިމިޝްޤުގައްޔާއި ބަޣުދާދުގައްޔާއި القاهرة ގައްޔާއި قرطبةގައި، އަންހެން، ފިރިހެން، ފަޤީރުން، މުއްސަނދީން އެންމެން ހަމަހަމަވާ ގޮތަށް އޭގެ ޚިދުމަތް ދެއްވިއެވެ. ވަޤުފުގެ ޒަރީޢާއިން މިފަދަ މާލީ ޚިދުމަތް ހުޅުވައިލުމުގެ ނަތީޖާއަކަށްވީ އެދުވަސްވަރުގައި އުފެއްދި ބޭސްތަކަށް ހަކުރު ބޭނުންވާކަން ابن رافد އާއި ابن السرافية ހެއްދެވި علمي ދިރާސާތަކުން އެނގި ބޭސްފަރުވާއަށް އިތުރު ކުރިއެރުމެއް ލިބިގެން ދިއުމެވެ. (دور الوقف في النمو الاقتصادي، الشيخ صالح كامل ، ندوة نحو دور تنموي للوقف ، الكويت ، 1993م.)

އިސްލާމީ ތާރީޚަށް ބަލައިލައިފި ނަމަ ސިއްޙީ ޚިދުމަތް ކުރިއެރުވުމަށް ޓަކައި އުފެއްދުނު ބައެއް ވަޤުފުތައް ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި وقف البيمارستان المنصوري 682هـ، އާއި وقف مستشفى قلاوون، އާއި السلطان مراد الثالث عليގެ މަންމާގެ ނަމުން އުފެއްދުނު ހަސްފަތާލު ފާހަގަވެއެވެ. (علي جمعة، من أبحاث ندوة دور الوقف التنموي، ص 117)

އިސްލާމީ ވަޤުފުން ޚިދުމަތް ދެވުނީ ހަމައެކަނި ހަސްފަތާލުތަކުގައި ބަލިތަކަށް ފަރުވާދިނުމަކަށް އެކަންޏެއް ނޫނެވެ. އަދި ކިއެއްތަ! ބޭސް ކުރިއެރުވުމުގެ ރޮނގުން ކެމިސްޓްރީއާއި ބައިލޮޖީއާއި ފިޒިކްސްގެ علمي ދިރާސާތަކުގައި އުޅުއްވި علمވެރީންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތަކަށް ވަޤުފުން ޚިދުމަތް ފޯރުކޮށްދެއްވިއެވެ. އަދި ބަލިތައް ބައިބައިކޮށް އޭގެ އަޖުމަ ދިރާސާކޮށް، އަދި ލޭ ޓެސްޓުކޮށް ބަލިތައް ހޯދުމުގެ ދިރާސާގައި އުޅުއްވެވި علمވެރީންނަށް ވަޤުފުން ހޭދަކުރުމުގެ ނަތީޖާއަކަށްވީ އިސްލާމީ ދުނިޔޭގައި ފުންނާބު އުސް މެޑިކަލް ޑޮކްޓަރުން އުފެދި އެ މީހުންގެ ފުށުން މެޑިސިންގެ ދާއިރާއަށް އާ އީޖާދުތަކާއި އާ ހޯދުންތައް ލިބިގެންދިއުމެވެ. ވަޤުފުން ޞިއްޙީ ދާއިރާއަށް ލިބުނު ކުރިއެރުންތަކުގެ ތެރޭގައި މެޑިސިނަށް ސްޕެޝަލައިޒުވުމަށް ޢިރާޤުގައި ހުޅުވުނު المدرسة الدخوارية އާއި المدرسة اللبودية اللخمية ( 664ހ) އާއި المدرسة الدنيسيرية ފާހަގަކޮށްލެވެއެވެ. (عبد العزيز علوان العزعزي، الوقف ودعم التعليم والثقافة، ص 63-71)

ޚުލާޞާއަކީ: ވަޤުފު ބޭނުންކޮށްގެން ނަފުސު ޙިމާޔަތްކުރުމަށް ޓަކައި ވަރަށް ބޮޑު ދައުރެއް އަދާކުރެވިދާނެއެވެ. އޭގެ ހެކިތައް އިސްލާމީ ތާރީޚުގައި ފެންނަން އެބަހުށްޓެވެ. ނަމަވެސް އުފެދޭ ސުވާލަކީ ދިވެހިރާއްޖޭގައި ބޭސްފަރުވާގެ ޚަރަދުބަރަދު ލުއިކުރުމަށްޓަކައި ހުރީ ކިތައް ވަޤުފުހެއްޔެވެ؟ ތެލެސީމިޔާގެ ބައްޔަށް އެހީވުމަށްޓަކައި ހުރީ ކިތައް ވަޤުފުހެއްޔެވެ؟ ދިގު މުއްދަތަށް ބޭސްފަރުވާކުރަން ރާއްޖޭއިން ބޭރުގައި ތިބެންޖެހޭ މީހުންގެ ޚަރަދު ފަސޭހަކޮށްދިނުމަށް ހުރީ ކިތައް ވަޤުފުހެއްޔެވެ؟

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.