...

Support Us

ދިވެހި ފުރަތަމަ މެޑިކަލް ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޑރ. އަހުމަދު ލަތީފު އަވަހާރަވެއްޖެ

ފުރަތަމަ ދިވެހި މެޑިކަލް ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޑރ. އަހުމަދު ލަތީފު އަވަހާރަވެއްޖެއެވެ. އިނގިރޭސިވިލާތުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ގެންދަނިކޮށް ޑރ. ލަތީފު ރޭ އަވަހާރަވިއިރު އުމުރުފުޅަކީ 79 އެވެ.

ގދ. ވާދ،ޫ ގައްދަޑުގޭ ޑރ. ލަތީފަކީ މަޝްހޫރު ދިވެހި ބޭސްވެރިޔާ މަރުހޫމު ގައްދަޑު ލަތީފުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެކެވެ. އަދި އެތެރެހަށީގެ މަޝްހޫރު ޑޮކްޓަރު ޑރ. އަލީ ލަތީފާއި ޑރ. ފާތިމަތު އަލިދީދީގެ ބޮޑުބޭބެއެވެ.

ޑރ. ލަތީފު ކިޔަވައިވިދާޅުވެފައި ވަނީ ކޮޅުނބުގެ ސެންޓް ޕީޓާސް ކޮލެޖުންނެވެ. ކިޔަވައިވިދާޅުވުމަށް ކޮޅުނބުގައި ހުންނެވީ ދިވެހި ސަރުކާރުގެ ހޮސްޓެލް، ސޯސަންވިލާގައި، އޮނަރަބަލް ކޮލި އަލީ އުމަރު މަނިކާއި އޮނަރަބަލް އަބްދުއްސައްތާރު މޫސާ ދީދީއާއެކުއެވެ.

އެއަށްފަހު އިންޑިޔާގެ މެޑްރާސްގެ މެޑިކަލް ކޮލެޖުން އެމް.ބީ.ބީ.އެސް. ހާސިލުކުރައްވައިގެން 15 ޖޫން 1967 ގައި ރާއްޖެވަޑައިގެން ގަވަރުމެންޓް ހޮސްޕިޓަލު (ފަހުން ސެންޓްރަލް ހޮސްޕިޓަލް) ގައި ޑރ. ލަތީފު ޚިދުމަތްކުރެއްވިއެވެ. ގަވަރުމަންޓް ހޮސްޕިޓަލްގައި ހިދުމަތްކުރެއްވި ފުރަތަމަ ދިވެހި ދެ ޑޮކްޓަރުންގެ ތެރޭގައި ޑރ. ލަތީފުވެސް ހިމެނިވަޑައިގަތެވެ. އަނެއް ޑޮކްޓަރަކީ މއ. ދަހަރާގޭ ޑރ. އަބްދުއްރަޝީދު އަބްދުލް ވައްހާބެވެ. އެ ދުވަސްވަރު (ފަހުން ހެލްތު މިނިސްޓަރުކަން ކުރެއްވި) އޮނަރަބަލް މޫމިނާ ހަލީމާއި އައިޝަތު އިބްރާހިމް ދީދީ އާއި (ރައީސް އިބްރާހިމް ނާސިރުގެ އަނބިކަނބަލުން) ނަސީމާ މުހައްމަދު ކަލޭފާނާއެކު ޑރ. ލަތީފު ވަނީ ގަވަރުމަންޓް ހޮސްޕިޓަލްގައި ހިދުމަތް ކުރައްވައިފައެވެ.

އޭގެ ދެތިން އަހަރު ފަހުން އިތުރަށް ޚާއްޞަވެވަޑައިގަތުމަށް ސާޖަރީކަމުގެ ރޮނގުން ކިޔަވައިވިދާޅުވުމަށް އިނގިރޭސިވިލާތަށް ޑރ. ލަތީފު ވަޑައިގަތެވެ. ނަމަވެސް ސާޖަރީކަމުގެ ފާސް ލިބިވަޑައިގަތް ފަހުން ރާއްޖޭގައި ޚިދުމަތްކުރައްވަން ވަޑައެއްނުގަންނަވައެވެ.

އާއިލާއާއެކު އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން، ޕްރިސްޓަންގެ ހޮސްޕިޓަލްތަކުގައި ސާޖަންއެއްގެ ގޮތުގައި ފަންސާހަކަށް އަހަރު މަސައްކަތް ކުރެއްވުމަށްފަހު ޑރ. ލަތީފު މެޑިކަލް ދާއިރާއިން ރިޓަޔަރ ކުރައްވައިގެން ހުންނަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

ޑރ. ލަތީފަކީ ރާއްޖޭގެ ޢިލްމީ ދަރިކޮޅުތަކުގެ ތެރެއިން އައްޑޫ ބޮޑުފަނޑިޔާރު ދަރިކޮޅުގެ އުއްތަމަފަނޑިޔާރުންގެ ތެރެއިން އަލްޤާޟީ މޫސާ ބަދުރުއްދީނުގެ މުނިކާފަ ދަރިކަލެކެވެ. މި ދަރިކޮޅުން ރާއްޖޭގެ މޮޅެތި މެޑިކަލް ޑޮކްޓަރުން ފާހަގަކުރެވިފައިވެއެވެ.

ޑރ. ލަތީފަކީ ކުރީގެ މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީސްގެ ކުރީގެ ރައީސް އޮނަރަބަލް އަޙްމަދު ޒާހިރު (ސީނާ)ގެ ބޮޑުބޭބެއެކެވެ.

ޑރ. ލަތީފުގެ ޖަނާޒާ މިއަދު ހެނދުނު ވަނީ ބާއްވައިފައެވެ. ޖަނާޒާގައި އާއިލާގެ މެމްބަރުންނާއި ގާތް ރައްޓެހިން ބައިވެރިވިއެވެ.

ވާދޫ ރައްޔިތުންގެ ފަޚުރެއް ކަމުގައި ދެކޭ ޝަހުސިއްޔަތު އަވަހާރަވުމުން، އެ އާއިލާއަށް ތައުޒިޔާ ކިޔައި، ވާދޫ ކައުންސިލުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.