...

Support Us

ކުކުޅު ސަރިޔަތް

 

ކުކުޅަކާ މެދު ކުރެވުނޭ އެކި ޒާތު ގިނަ ތުހުމަތުތަކެއް، ޙުކުމަކަށް އެދިގެން އަދުލުވެރި – އުފުލަމުން ދަޢުވާތަކެއް

****

މާދުރުން މާ ހެޔޮ އެދޭ ގޮތް ދައްކަމުން އައި ތިންބުޅާ، ޒާތަކަށް ޅަފިޔޮއްތަކަށް ލައިދީފިޔޭ ވިސްނުންތަކެއް

އޭގެ ފަހުގައި އެކި ފިޔޮއް އެކި ރާގުރާގަށް ފާޑަކަށް، ބޭރުކޮށް އުޅެގެންފިޔޭ ހިތުގައި އުފަންވި އުދާސްތަކެއް

ހުރި ނުބައިކަން ދެކެބަލާށޭ މިހުރިހާ ދުހު އަހަރެމެން، ގުރުޑުވާހެން ފިޔަދަށަށް ލައި އެޅުވިޔޭ ކަސްތޮޅުތަކެއް

ކޮންމެ ރެޔަކު ނިދަންވުމުން ވެސް ގައިފިހޭހާ ހޫނުގައި، އޮންނަނީ އުފުލުން އެވޭނޭ މީ ކިހައި އަނިޔާތަކެއް

ކާކުހޭ އަޅުވެތިކަމާ އަނިޔާގެ ހަންމުށި ކުރިމަތީ، ސާފު އިންސާފެއް ނުހޯދާ ހޯދަނީ ހިތި ވޭންތަކެއް

***

ލަސްތަކެއްނުވެ މިކަމުގައި ސަރިޔަތް ފެށިއްޖޭ ފާޅުގާ، ޚަޞްމުނަށް ވީ އެ ކުކުޅާ ކުކުޅުގެ އުފަން ޅަފިޔޮއްތަކެއް

ކޮންބައެއް ފަނޑިޔާރުނީ އަސްތާ މި ނޫންހެ ސުވާލަކީ؟ ފެންނަނީ އިންސާފުދޭ މޭޒުން އެނގޭހެ ބުޅާތަކެއް

އާނ! ކޮބާ މައްސަލައަކީ އަވަހަށް މި މޭޒަށް ހުށަހަޅާ! ބާރު އަޑަކުން ބޮޑުބުޅާ ފަނޑިޔާރު ނެރުނެ އަމުރުތަކެއް

އާދެ! މީ މައްސަލައަކީ އަނިޔާ އިނގޭތޯ އަސްލަކީ، ދާދި އަވަހަށް އެއްފިޔޮއް އިއްވައިފި މިފަދައިން ބަސްތަކެއް

މިހިރަ މީހަކު ބައްލަވާ ދިންހާ ލަގާ އަޅުގަނޑުމެނަށް، ކިހިނަކުންތޯ ދަންނަވާނީ އެހުރިހައި ހާނިކަތަކެއް

އެއްލިޔަސް ކާ އެތިކޮޅެއް މީހަކު އެހެންދާ މަގުމަތީ، އެންމެ ފުރަތަމަ މީނައޭ އެކަނީ ތަޅާލައި ކުސްތަކެއް

އަބަދުވެސް އޭނާގެ ފިޔަދަށުގައި މުޅިން ހައްޔަރުވެފައި، ޑަބަލު ހިތްދަތިކަމުގައޭ ނިމެނީ މި ހުރިހައި ރޭތަކެއް

ފިޔަވަޅެއް ވެސް އެޅިޔަނުދެޔޭ އޭނަ ނުރުހޭ ގޯޅިޔަކު، ހިޔަފަށުންފެންނާން ލޮލަށް އޮތްއިރު އެތައްހާސްމަގުތަކެއް

އަދި ކޮބާތޯ މީގެ ދޮށްޓަށް އައި ދަރީންކޮޅު އަދު މިހާރު؟ ލަދުކޮބާ؟ އޭވަލުތެރަށް ދޫކޮށްލި މިސްކީނުންތަކެއް

ބޭނުމީ ބޭނުންވަނީ އިންސާފު މިއަދު މި ކަންކަމަށް، އޭގެ ބޭނުމުގައި އައިސް އުފުލީމެހުރި ގިސްލުންތަކެއް

އައްސަވައި ދަޢުވާ އެހިނދު ފަނޑިޔާރު ފުރުސަތުދެއްވެވީ، ލަސްތަކެއްނުވެ އިއްވުމަށް އެކަމުގެ ދިފާޢީ އަޑުތަކެއް

މައިކުކުޅު އެރުމާއެކީ އިންކާރުކޮށް ތުހުމަތުތަކަށް، ބައިބަޔަށް އިއްވާން ފަށައިފިޔެ ކަންކަމުގެ މަޤުޞަދުތަކެއް

ފިޔަދަށަށް ރޭގަނޑުލަނީ، އެކި ގޯޅިއެޅުމަށް ނުރުހެނީ، ހިޔަފަށުން ވާލޯތްބަކުންނޭ، އޭ ސަލާމަތް ގޮތްތަކެއް

ކާތަކެތި ރަނގަޅަށް ބެލުން، ވަކިއުމުރަކުން ފިއްލުންދަރީން، ވާނެތޯ އިހުމާލަކަށް އޭ ބަލަ ތަބީޢީ ސިފަތަކެއް

އައްސަވައިފައިއަޑު މި ދެފަރާތުގެ ބަހުސް ޖެހުނޭ ގަވެލި، ޙައްޤުވެއްޖޭ މިހިރަ ކުކުޅަށް ގޮސް ރޮލައި ކައިލުންތަކެއް

****

އެންމެހާ އަނިޔާތަކާ ދުއްތައް ބިމުން ފޮހެލެވުނަތީ، ކޮންމެ ފިޔޮކެއް އުފަލުގައި ލައްވައިލިޔޭ ކުއިކުއިތަކެއް

ފުންމަފުންމައިގެން އަޔޭ އެކަމަކު އެ ހިނިދުހަމަ އެއްބުޅާ، ދެން ބަދަލުވެއްޖޭ އެއާއެކު ކުރެހިފައި މަންޒަރުތަކެއް

ބައްލަވާ މީ ވެސް މުޅިންވެސް ޒާލިމުންނޭ ހިތްނުބައި، ބައްލަވައިދެއްވާށެ ކުރިހައި ކުށްތަކުގެ މައްސަލަތަކެއް

އައިސިހުމުގައި އެއްފިޔޮއް ބުންޓޭ ކޮބައިހޭ ކުށްތަކީ؟ ހައިނުކޮށް އެ ބުޅާ ގޮވައިގަތެ މާ ނުބައި ވާހަކަތަކެއް

ހޭޅިފަށުގައި ހުންނަހާ ނަޖިހާއި ކަރުގޮހޮރާ ކެއުން، ނޭނގެނީހޭ އޭގެ ސަބަބުން ލިބުނުހާ ގެއްލުންތަކެއް

ހާދަހާ މެއްސެއް ކަކުންޏެއް ހައިބަނޑަށް މަރުވެއްޖެޔޭ، އާދެ މީ އަނިޔާއެ ބޭނުންވާނެ ނޫންހެ ބަދަލުތަކެއް

ޙައްޤުތައް އަނެކުންގެ ތިޔަހެން ފޭރިކާ މީހުންނަކީ، ޝައްކަކަށް ވަސްވާހަކަށް ނެތް ޖާގަ ސައިތާނުންތަކެއް

ބަސްމުޅިން ހުއްޓިއްޖެޔޭ ހުރިހާފިޔޮއް ހައިރާނުގައި، އަސްލުވެސް ހީވެސްނުވާ ގޮތަކަށްވުމުން ކަންތައްތަކެއް

ރައްދުބަސް އިއްވަން ލިބިއްޖޭ ފުރުޞަތެއް ދަރުބާރުގާ، ފައްޓަފައްޓައިގެން ފިޔޮއްތައް އިއްވުމަށް ޙުއްޖަތްތަކެއް

*****

ތިޔަބުނާ އެއްޗެއް އެތާ ނެތިގެން މަރުވި މެއްސެއް ކޮބާ؟ ތިޔަ ބުނާ ކަކުނީގެ އެބަ އޮތްހޭ އުފުލި ޝަކުވާތަކެއް

ދެއްކި ހުއްޖަތް ރަނގަޅުވީމާ އައިޙުކުމް އިންސާފުގާ، ދެއްކިއޭ ސާބިތުވުމަށް ނެތްކަން ޘުބޫތީ ހެކިތަކެއް

ދެން އެހެން ނަމަވެސް އައީ މާ ޚާއްޞަ ކުއްލިސުވާލެކޭ، އެންމެ ރަނގަޅޭ ދުނިޔެއަށް އައި ދުހު ކުރީމުހެކުށްތަކެއް

މި ބުނި އެއްޗެއް ނޭނގިގެން ހުރިހާފިޔޮއް ކުރިޔޭ ސުވާލް، ތިބުނި ވާހަކައެއްގެ ނެތްހޭ އިތުރު ސާފު ބަޔާންތަކެއް

ދެންވަރަށް ބާރަށް އަޔޭ ބަސްފުޅު ޤަޟާއީ ގޮނޑިކޮޅުން، ކޮންމެ ފިޔޮކެއް ދުނިޔެއައި ނުތަޅައިހެ ހުރި ރޯބިސްތަކެއް

ރީތިކޮށް ހުރި ބިސްތަކެއް ތުއްވައި ހަލާކުކުރުން އެއީ، ރީތި އަނިޔާއޭ އެޔަށް ލިބެވެންޖެހޭނެ އަދަބުތަކެއް

މި ކަމަކީ ހުރިހާ ފިޔޮއްވެސް ކުރިކަމެއްކަމުގައި ވެގެން، މި ކަމަކީ ކުށަކަށް ވެ އަތުވެއްޖޭ ޢަދުލުގެ ޙުކުމްތަކެއް

އިއްވަވައިދެއްވައި އެ ހިނދު ފަނޑިޔާރު ތަފުސީލީބަޔާން، ނިންމަވައިލައްވައިފިޔޭ ސަރިޔަތް ގެނެސް ނުކުތާތަކެއް

އެކުވެ އެންމެން އެއްތަނަކު ތިބި ޙާލު ބިސްތައް ރޫޅުމުން، އެކަމަކީވެސް ރޭވިގެން ހިންގުނު ޖަމާޢީ މަރުތަކެއް

މި ފަދަ ކަންކަން ކުރި ބަޔަކު ވަގުތުން މިރޭ ގުރުބާންކުރަން، މި ފުރުޞަތުގައި ނިންމުމީ ޢަދުލުގެ ރިވެތިސުފުރާތަކެއް

މަޑުމަޑުން ހުރިހައި ބުޅާ އާ ފުރިލަމުން ދޫ ލޮވެލަމުން، ބަނޑުޖަހާލިޔެ ހިތުތެރޭން ބުނަމުން ދެކޭށެ މޮޔައިންތަކެއް

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.